11 Sep 2010, 05:33
ހދ. ކުޅުދުއްފުށީގައި ގައުމީ ދިފާއީ ބާރުން ދޯނި ފަހަރު ބަލައިދޭން ފަށައިފި އެވެ.
ގައުމީ ދިފާއީބާރު، އެމްއެންޑީއެފްގެ ވެބްސައިޓްގައި ބުނެފައި ވަނީ ކުޅުދުއްފުއްޓަށް އެހެލާފައި ހުރި ގިނަ އަދަދެއްގެ ދޯނިފަހަރު މޫދަށް ބާލައިދެނީ ކުޅުދުއްފުށީ ބަނދަރު ވަރަށް އަވަހަށް "ހިއްކަން" ސަރުކާރުން ހަމަޖައްސަވާފައިވާތީ އެ ރަށުގެ ބަނދަރު ސަރަހައްދަށް މިވަގުތު އެހެލާފައި ހުރި 37 އުޅަނދެއް މޫދަށް ބާލަންޖެހޭތީ ކަމަށެވެ.
އަދި ބުނީ ކުޅުދުއްފުއްޓާއި ހަނިމާދޫގައި ތިބޭ ސިފައިން ގޮސް ދޯނިތައް ބާލައިދެނީ ދޯނިތައް ބޭލުމަށް އެ ރަށުގެ އޮޑިވެރިންނަށް ލިބިފައިވާ މުއްދަތުގައި ކުޅުދުއްފުށީ އޮޑިވެރިންނަށް ދޯނިފަހަރު ބޭލުމުގައި ދަތިތަކެއް ހުރުމުން ދޯނިތައް ބާލައިދިނުމަށް ކުޅުދުއްފުށީ އޮފީހުން ގައުމީ ދިފާއީބާރުގައި އެކަމަށް އެދިގެން ކަމަށެވެ. ސިފައިންނާ އެކު ދޯނި ބޭލުމުގައި ކުޅުދުއްފުށީ މަގުހަދާ ޔުނިޓާއި ދިވެހި ރެޑްކްރެސެންޓް ވެސް ބައިވެރިވެ އެވެ.
ދޯނި ބޭލުމުގެ މަސައްކަތުގައި އިއްޔެ ވަނީ ހަތް ދޯންޏެއް ބާލާފައިވެ އެވެ. ބާކީ ހުރި 30 ދޯނި، ހަފުތާއެއްގެ ތެރޭގައި ބާލައި ނިމޭނެ ކަމަށް ވެސް ގައުމީ ދިފާއީ ބާރުން ވަނީ ބުނެފަ އެވެ. ދޯނިތައް ބޭލުމުގެ މަސައްކަތުގެ ތެރޭގައި ކުޅުދުއްފުށީ ބަނދަރު ސަރަހައްދުގެ ގޮނޑުދޮށުގަ އާއި މޫދުގައި ހުރި ގިނަ އަދަދެއްގެ ލަކުޑިވެސް ސިފައިން ވަނީ އެއްގަމަށް އަރުވާ ތަކެތީގެ ވެރިފަރާތާ ހަވާލުކޮށްފަ އެވެ.