10 Oct 2012, 13:15
ސެންޓްރަލް ކްލިނިކާާއި ސެންޓްރަލް މެޑިކަލް ސެންޓަރަށް އެކަނި އާސަންދައިގެ ހިދުމަތް ފުޅާކުރުމަކީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯދާދިނުމަށް ކޮށްފައިވާ ކަމެއް ކަމަށް ތުހުމަތުވާތީ އާސަންދަ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓާ، މުހައްމަދު ޝަފާޒްގެ މައްޗަށް ދައުވާކުރަން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވައިފި އެވެ.
އޭސީސީން މިއަދު ބުނީ އާސަންދައިގެ ހިދުމަތް ކްލިނިކްތަކަށް ފުޅާކުރުމަށް އާސަންދަ ޕްރައިވެޓް ލިމިޓެޑްގެ ބޯޑުން 29 ޑިސެމްބަރު 2011ގައި ނިންމައި އޭރު އެތަން ހިނގަމުން ދިޔަ މަދަނަ އިންޝުއަރެންސްގައި ބައިވެރިވެފައިވާ ކްލިނިކްތަކަށް އެކަން އަންގާ ދެ ސިޓީއެއް ފޮނުވި ކަމަށް ޝަފާޒްއާ އަދި އެ ކުންފުނީގެ ޕީއާރް މެނޭޖަރު މުހަންމަދު ސާބިގް ބުނެފައިވީ ނަމަވެސް އެ ތަނުން އެއްވެސް ސިޓީއެއް ކްލިނިކްތަކަށް ފެކްސްގެ ޒަރީއާ އިން ވެސް އަދި އީމެއިލްއިންވެސް ފޮނުވާފައި ނުވާ ކަމަށް ކުންފުނިތަކުން މައުލޫމާތުދީފައިވާ ކަމަށެވެ. އަދި ސީޓިތައް ތަންތަނަށް ފޮނުވުމުގައި ސާބިގް އިސްކޮށް އުޅުއްވި ކަމަށް ޝަފާޒް ބުނި ނަމަވެސް ސާބިގް އެކަން ދޮގުކުރާ ކަމަށް ވެސް އޭސީސީގެ ތަހުގީގު ނިންމުގޮތުގެ ރިޕޯޓުގައިވެ އެވެ. ނަމަވެސް އެ ސިޓީތައް ކްލިނިކްތަކަށް ފޮނުވީ ކޮން މުވައްޒަފުންނަށްކަން ތަހުގީގަށް އެގެން ނެތްކަމަށް ވެސްވެ އެވެ.
ސެންޓްރަލް ކްލިނިކަށާއި ސެންޓްރަލް މެޑިކަލް ސެންޓަރަށް އާސަންދައިގެ ހިދުމަތް ދިނުމުގެ ފުރުސަތު ޝަފާޒް ދީފައި ވަނީ ވަކިބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ބޭނުމުގައި ކަމަށް ބެލެވޭތީ ޝަފާޒްގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވަނީ "ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު"ގެ 12 ވަނަ މާއްދާގެ ދަށުން ކަމަށް އޭސީސީން ބުންޏެވެ.
"އަމިއްލަ ކްލިނިކްތަކަށް އާސަންދައިގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވިފައިވާ ކަމަށް އޭނާ ]ޝަފާޒް[ ބުނެފައި ވިޔަސް އާސަންދައިގައި ކްލިނިކްތައް ބައިވެރިވުމަށް އާސަންދަ ޕްރައިވެޓް ލިމިޓެޑުން އިއުލާންކުރީ11 ޖެނުއަރީ 2012 ގައި ކަމަށްވުމާއި، އޭގެ ކުރިން ޖެނުއަރީ، އެކެއް 2010ން ފެށިގެން އާސަންދަ ހިދުމަތް ދިނުމަށް ސެންޓްރަލް ކްލިނިކާއި ސެންޓްރަލް މެޑިކަލް ސެންޓަރާއި ހަވާލުކޮށްފައިވާ ކަމަށް މުހައްމަދު ޝަފާޒް ބުނެފައިވުމާއި އެކު، އާސަންދައިގެ ކްލިނިކްތައް ބައިވެރިވުމަށް ފުރުސަތުހުޅުވާލުމުގެ ކުރިން ސެންޓްރަލް ކްލިނިކާއި ސެންޓްރަލް މެޑިކަލް ސެންޓަރަށް، އެ ފުރުސަތު ދީފައިވާތީ މިކަމަކީ ވަކިބަޔަޔަކަށް ނާޖާއިޒުފައިދާ ހޯދައިދިނުމުގެ ގޮތުންކޮށްފައިވާ ކަމެއް ކަމަށް ބެލެވޭ ކަމަށެވެ." ބަޔާނުގައިވެ އެވެ.
އެ މައްސަލައިގައި ޝަފާޒްގެ ބަހެއް ހޯދަން ގުޅުމުން އޭނާ ފޯނަށް ޖަވާބުނުދެއްވާތީ އޭނާގެ ބަހެއްވަނީ ލިބޭގޮތްނުވެފަ އެވެ.