ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ސީޕީޔޫއެއް (ކޮމްޕިއުޓަރެއް) ވަގަށް ނެގި މީހަކު ދެ އަހަރަށް އަރުވާލަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

އެފްއޭއެމް އިން ސީޕީޔޫއެއް ވަގަށް ނެގުމުގެ ކުށުގައި ދެ އަހަރަށް އަރުވާލަން ހުކުމްކޮށްފައި ވަނީ މއ. ފޯޗިއުން މުހައްމަދު އަލީ ރަޝީދުގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނަނީީ އޭނާ ދައުވާ އަށް އިންކާރު ކުރި ކަމަށެވެ. ނަމަވެސް އެ ހުކުމްގައި ބުނަނީ އޭނާގެ އަތުން އެ ސީޕީޔޫ ފެނިފައި ވާތީ އާއި ސީޕީޔޫ އޭނާ އަށް ލިބުނު ގޮތެއް މުހައްމަދު އަލީ ރަޝީދަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ. އަދި ވަގަށް ނަގާފައިވާ ސީޕީޔޫ އޭނާގެ އަތުން ފެނުމަކީ ހަރުދަނާ ގަރީނާއެއް ކަމަށްވާތީ ވައްކަމުގެ ކުށުން އޭނާ ކުށް ވެެރިވާކަމަށް ހުކުމުގައިވެ އެވެ.

އެފްއޭއެމްގެ ސީޕީޔޫ، ގެއްލިފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.

"ވައްކަންކުރުމުގެ ކުށުން މުހައްމަދު އަލީ ރަޝީދު ކުއްވެރިވެއްޖެ ކަމަށް ކަނޑައަޅައި، މިއީ މުހައްމަދު އަލީ ރަޝީދުގެ މައްޗަށް ވައްކަމުގެ ކުށް ސާބކިތުވާ ދެވަނަ ފަހަރު ކަމަށް ވާތީ، މިކުށުގެ އުގޫބާތުގެ ގޮތުން ގާނޫނުލް އުގޫބާތުގެ 131 ވަނަ މާއްދާގެ (ހ) ގެ ދަށުން ދެ އަހަރު ދުވަހަށް މުހައްމަދު އަލީ ރަޝީދު އަރުވާލުމަށް ހުކުމްކޮށް މި މައްސަލަ ނިންމީމެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައިވެ އެވެ.