ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ އިތުބާރު ނެތް ކަމުގެ މައްސަަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މަޖިލީހުގައި ހިމެނިވަޑައިގެންނަވާ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ނައިބް ލީޑަރު އަދި ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު މިއަދު މަޖިލީހަށް ހުށަހަޅުއްވާފައިވާ އެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ޓަކައި އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ 29 މެމްބަރުން ވަނީ ސޮއިކުރައްވައިފަ އެވެ.

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން، ރައީސް ވަހީދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ޥޯޓެއް ނެގުމަށް މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައި ވަނީ ފެބްރުއަރީ،8، 2012 ވަނަ ދުވަހު ސީދާ ރައީސް ވަހީދުގެ އޯޑަރަށް ދިވެހި ފުލުހުން ލައްވައި މަޖިލީހުގެ އެތައް މެމްބަރުނެއްގެ އިތުރުން އާއްމު ރައްޔިތުންތަކަށް ލާއިންސާނީ އެތައް އަމަލެއް ހިންގާފައިވާ އިރު އެކަމުގެ އެއްވެސް ތަހުގީގެއް މިހާތަނަށް ހިންގާފައިނުވާތީ ކަމަށެވެ. އަދި ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އެއްވެ އުޅުމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަން ކަމުގެ ބޭނުން އާއްމުން ކުރަމުންދިއުމުން އެކަންކަން ހުއްޓުވުމަށް ގާނޫނާއި ގަވާއިދާއި ހިލާފަށް އިހުތިޖާޖުތައް ރޫޅާލައި ގަސްތުގައި އަނިޔާވެރިވަމުންދާ ދިއުމުން ހުއްޓުވުމަކަށް ގެނެސް އަޅަން ޖެހޭ ފިޔަވަޅުތައް އެޅިފައިނުވާތީ ކަމަށް ވެސް ބުނެފައިވެ އެވެ.

މީގެއިތުރުން ރާއްޖޭގެ ނާޒުކު އިގުތިސާދު ހަލާކުކޮށް ފުޑުފުޑުކޮށް ބޭރުގެ އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓްކުރުމަށް ޖެހިލުންވާ ފަދަ ދަރަޖައަކަށް ރާއްޖޭގެ ހާލަތުގޮސްފައިވާ ކަމަށާއި ދައުލަތުގެ އާމްދަނީ ދަށްވެ ދައުލަތުގެ މުވައްޒަފުންނަށް މުސާރަ ނުދެވޭނެ ފަދަ ނާޒުކު ހާލަތަކަށް ގައުމުގެ މާލީ ހާލަތު ދަށްވެފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި މަޖިލީހުން ފާސްނުކޮށް ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ހިލާފަށް ބޭންކް އޮފް މޯލްޑިވްސް އިން 300 މިލިއަން ރުފިޔާގެ ލޯން ނެގި މައްސަލަ ވެސް ފާހަގަކޮށްފައިވެ އެވެ.

މީގެއިތުރުން ގޭންގް ކުށްތަކާއި މާރާމާރީ އާއްމުވެ ރައްޔިތުންގެ ތެރެއިން އެތައް ބަޔެއްގެ ފުރާނަގެއްލި އަނިޔާވެރިކަމާއި އިންސާނުން ގަސްދުގައި މަރަމުން ދިއުން އާއްމުވެފައިވާ އިރު އެކަން ހުއްޓުވުމަށް އެންމެ އެކަށީގެންވާ މަސައްކަތްތަކެއް ސަރުކާރުން ކޮށްފައި ނުވާ ކަމަށް ބުނެ، ރާއްޖޭގެ އެތައް ރައްޔިތުންތަކެއް ބިރުވެރިކަމާއި ނާމާންކަމުގައި އެބައިމީހުންގެ މުސްތަގުބަލާ މެދު އުއްމީދު ގެއްލިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގޭނީ ރައްޔިތުންގެ މަޖިލީހުގެ ތިން ބައި ކުޅަ ދެބައިގެ ވޯޓް ލިބިގެންނެވެ.

އެމްޑީޕީން އިއްޔެ ވަނީ ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް ވެސް މަޖިލީހަށް މައްސަލައެއް ހުށަހަޅައިފަ އެވެ.