10 Oct 2012, 12:50
އައްޑޫ ސިޓީގެ ހިތަދޫގައި ހުރި ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކުރި މީހަކު ދައުވާ އަށް އިންކާރު ކޮށްފި އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު މަނިކު މިއަދު ވިދާޅުވީ ހިތަދޫގައި ހުޅުޖެހި މައްސަލައާ ގުޅިގެން ދައުލަތުން ދައުވާ ކޮށްފައިވާ 21 މީހުންގެ ތެރެއިން މިހާތަނަށް ކޯޓަށް ހާޒިރު ނުކޮށްވާ، ސ. ހިތަދޫ، ހިތިގަސްދޮށުގޭ އަބްދުﷲ އަޒުހީން މިއަދު ކޯޓަށް ހާޒިރޮށް އޭނާގެ ޝަރީއަތް ފަށާފައިވާ ކަމަށެވެ. އަދި ދައުލަތުން މިއަދު ދައުވާ އިއްވުމުން ޓެރަރިޒަމްގެ ދައުވާ އަށް އޭނާ އިންކާރުކޮށްފައިވާ ކަމަށް ވެސް މަނިކު ވިދާޅުވި އެވެ.
"ފެބްރުއަރީ އަށް ވަނަ ދުވަހު ސ. ހިތަދޫގެ އެކި އެކި ތަންތާގައި ހުޅުޖެހި މައްސަލައިގައި 21 މީހެއްގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފައި. އެ މީހުންގެ ތެރެއިން މިހާތަނަށް ކޯޓަށް ހާޒިރު ކުރެވިފައިނުވާ ސ. ހިތަދޫ ހިތިގަސްދޮށުގޭ އަބްދުﷲ އަޒުހީންގެ މައްޗަށް ދައުލަތުން މިއަދު ދައުވާ އިއްވުމުން އޭނާ ވަނީ ދައުވާ އަށް އިންކާރުކޮށްފައި. އޭނާގެ މައްޗަށް ވެސް ކޮށްފައި ވަނީ ޓެރަރިޒަމްގެ ދައުވާ،" މަނިކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަޒުހީން ދައުވާ އަށް އިންކާރު ކޮށްފައި ވާތީ އޭނާގެ މައްޗަށް ދައުވާ ސާބިތު ކުރުމަށް ހަތަރު މީހަކު ހެކީންގެ ގޮތުގައި ދައުލަތުން މިއަދު ހުށަހެޅި ކަމަށެވެ. އަދި އެ ހަތަރު މީހުންގެ ތެރެއިން އެކަކު ހުށަހަޅާފައި ވަނީ ސިއްރުން ހެކިބަސް ދޭގޮތަށް ކަމަށް ވެސް މަނިކު ވިދާޅުވި އެވެ.
ދައުވާ އަށް އިންކާރު ކުރުމަށް ދިފާއުގައި ހެކި ހުށަހަޅަން ބޭނުންވާ ކަމަށް އަޒުހީންގެ ދިފާއީ ވަކީލު ވިދާޅުވެފައި ވާތީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހަކަށް އެ ފުރުސަތު ދީފައިވާ ކަމަށް ވެސް މަނިކު ވިދާޅުވި އެވެ.
"ދިފާއީ ހެކި މިއަދު ހުށަހަޅާފައެއް ނުވޭ. ނަމަވެސް ދެން އޮންނަ ޝަރީއަތުގެ މަޖިލީހަކަށް ދިފާއީ ހެކި ހުށަހަޅާނެ ކަމަށް އަބްދުﷲ އަޒުހީންގެ ދިފާއީ ވަކީލު ވިދާޅުވެފައި ވާތީ އެފުރުސަތު މިއަދު ކޯޓުން ވަނީ ދީފައި،" މަނިކު ވިދާޅުވި އެވެ.
މަނިކު ވިދާޅުވީ ހިތަދޫގެ އެކި ތަންތާގައި ހުޅުޖެހި މައްސަލައިގައި ތުހުމަތު ކުރާ މީހުންގެ މައްޗަށް ދައުވާ ސާބިތު ކުރުމަށް ވަރަށް ގިނަ ހެކިތަކެއް ދައުލަތުން ހުށަހަޅާފައިވާ ކަމަށާއި މަދު ބަޔަކު ފިޔަވައި ދެން ތިބި މީހުންނަކީ ސިއްރުން ހެކިބަސް ދޭ މީހުން ކަމަށެވެ.
ފާޅުގައި ހެކިބަސް ދިނުމަށް މަދު ބަޔަކު ދައުލަތުން ހުށަހެޅި ނަމަވެސް ފާޅުގައި ހެކިބަސް ދިނުމަށް އެ މީހުން މިހާރު އިންކާރު ކުރަމުންދާ ކަމަށާއި ބައެއް ހެކީން މާލެ އައިސް ހެކިބަސް ދިނުމަށް އިންކާރުކޮށްފައި ވާތީ ހެކިބަސް ނެގުމަށް ދަތިތަކަކާ ކުރިމަތިވެފައިވާ ކަމަށް ވެސް މަނިކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހެކިބަސް ނެގުމަށް ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާތީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި ކްރިމިނަލް ކޯޓާއި ގުޅިގެން އެކަމާ ބެހޭ މަޝަވަރާތަކެއް ވެސް ކުރިއަށްދާ ކަމަށެވެ.
"މި މައްސަލައިގައި ފުދޭވަރަކަށް ގިނަ ހެކި ދައުލަތުން އެބަވޭ ހުށަހަޅާފައި. އޭގެ ތެރެއިން ގިނައީ ސިއްރުގޮތުގައި ހުށަހެޅޭ ހެކި، މަދު ބަޔަކު ފިޔަވައި. އެކަމަކު މިހާރަކަށް އައިސް ކުރީގައި ފާޅުގައި ހެކިބަސް ދޭގޮތަށް ހުށަހެޅި މީހުން ވެސް އެބަ އިންކާރު ކުރޭ ފާޅުގައި ހެކިބަސް ދޭން. އެކަމާ ގުޅިގެން ހެކީން ހާޒިރު ކުރުމަށް ވެސް ވަނީ ދަތިތަކަކާއި ކުރިމަތިވެފައި. ހަމައެއާ އެކު ހެކީން އެބަ އިންކާރު ކުރޭ މާލެ އައިސް ކޯޓުގައި ހެކި ބަސް ދިނުމަށް ވެސް. އެކަމާ ގުޅިގެން ހެކިބަސް ނެގުމަށް ވަނީ ދަތިތަކަކާ ކުރިމަތިވެފައި. އެހެންވީމާ މިއަށް ވުރެ ފަސޭހަގޮތަކަށް މިކަން ކުރެވޭނެ އިންތިޒާމް ހަމަޖެއްސޭތޯ މަސައްކަތް ކުރަމުން މިދަނީ،" މަނިކު ވިދާޅުވި އެވެ.
އަޒުހީންގެ އިތުރުން އެ މައްސަލައިގައި ދައުވާ ލިބޭ މީހުންނަކީ ސ. ހިތަދޫ ނޫރަތި، އާއިޝަތު އިބްރާހިމް 50، އާއި ހަމަ އެ ރަށު މުޑުދާސްގޭ މުހައްމަދު ޖަބީނާއި ވެސްނޫގަސްދޮށުގޭ ހުސެއިން ރިޔާޒާއި އަހިވަލުގޭ، މުހައްމަދު ޒުހައިރާއި ސައްބުގޭ އަބްދުﷲ އަލީއާއި ހަމައެގޭ ހުސެއިން އަލީއާއި ހާލާފަރު މާލިކް އަހުމަދު ދީދީ އާއި ހުދުމާވަހަރުގެއާގޭ އަހުމަދު ހުސެއިން އާއި ޗާމަންގޭ އަބްދުﷲ ޝާހިދާއި ވައިލެޓްފެހި ޝިހާމް ހަބީބާއި އަލީބޮޚާރީގޭ މުހައްމަދު ނާގިސް އާއި ހަމައެގޭ އަހުމަދު ސުޖާއު އާއި ދުންސާމުރާނީގޭ މުހައްމަދު ހަސަނާއި އެމްޓޭޝަންގޭ ހަސަން ނަސީރާއި އައްޑޫގޭ ހުސެއިން އަޒުފަރާއި ފިނިމާ އިބްރާހިމް ނާފިއުއާއި އިމިތީގޭ އަލީ އަހުމަދާއި އޯވައްގޭ އިބްރާހިމް އަސަދާއި ސޯސަންގޭ މުހައްމަދު ޝަމްއޫންގެ އިތުރުން ތ. ތިމަރަފުށީ ބިސްގޭ އަލީ ލިޝާމް އެވެ.
މިމީހުންގެ ތެރެއިން އާއިޝަތު އިބްރާހިމްގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ހިތަދޫގެ ޕޮލިސް ޓްރޭނިން ސްކޫލްގެ އިމާރާތަށް ގެއްލުން ދިން ވަގުތު އޭނާ އެކަމަށް ހިތްވަރުދީ އެތާނގެ މުދަލަށް ގެއްލުން ދިނުމަށް ގޮވާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ. ނަމަވެސް އޭނާ ވަނީ ދައުވާ އަށް އިންކާރުކޮށްފަ އެވެ.
އާއިޝަތު ފިޔަވައި ދެން ތިބި މީހުންގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ހިތަދޫ މެޖިސްޓްރޭޓް ކޯޓާއި ހިތަދޫގައި ހުންނަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި ހިތަދޫ ޕޮލިސް ސްޓޭޝަނާއި ޕޮލިސް ޓްރޭނިން ސްކޫލާއި ޕޮލިސް އެކޮމަޑޭޝަން ބްލޮކްގެ އިތުރުން "ކޯހެރެ" ނަމަކަށްކިޔާ ކެފޭގެ ތެރެއަށް ވަދެ އެތަންތާގެ މުދަލަށާއި އިމާރާތަށް ގެއްލުން ދީފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ.