ރާއްޖެ އަށް އިތުރު ފައިސާ އާއި އިންވެސްޓްމެންޓް ދޫކުރެވެން ނެތް ކަމަށް ވޯލްޑް ބޭންކުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ މެނޭޖަރު ވިދާޅުވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ލާމަރުކަޒީ ގާނޫނަށް މެންބަރަކު ކުށަހަޅުއްވާފައިވާ އިސްލާހަށް ބަހުސް ކުރުމުގެ މަރުހަލާގައި ވާހަކަފުޅު ދައްކަވަމުން ސިޔާމު ވިދާޅުވީ، ވޯލްޑް ބޭންކުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ މެނޭޖަރާ އިއްޔެ ބައްދަލު ކުރައްވާފައިވާ ކަމަށެވެ. އަދި ރާއްޖެ އަށް އިތުރު ފައިސާ އާއި އިންވެސްޓްމެންޓް ދެވެން ނެތް ކަމަށް އޭނާ ވިދާޅުވީ، ރާއްޖޭގައި އޮތް ސިޔާސީ ހަލަބޮލި ކަމާއި ނުރައްކަލުގެ ތެރެއަށް ރައްޔިތުން ވައްޓާލާފައި ވާތީ ރައްޔިތުން ކަންބޮޑުވެ މާޔޫސްކަމެއްގެ ތެރޭގައި ތިބުމުން ކަމަށް ވެސް ސިޔާމު ވިދާޅުވި އެވެ.

"އިއްޔެ އަޅުގަނޑު ދިވެހި ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ވޯލްޑް ބޭންކުގެ މެނޭޖަރާ ބައްދަލު ކުރީމު. އޭނާ ބުނަނީ ދިވެހި ރާއްޖެ އަށް އިތުރު ފައިނޭންސެއް ދެވޭކަށް ނެތޭ. ދިވެހި ރާއްޖެ އަށް އިތުރު ފައިސާއެއް ވެސް ދެވޭކަށްނެތޭ. ދިވެހި ރާއްޖެ އަށް އިތުރު އިންވެސްޓްމަންޓްތަކެއް ދެވޭކަށް ވެސް ނެތޭ. ސަބަބަކަށް ވަނީ ރާއްޖޭގައި މި އޮތް ސިޔާސީ ހަލަބޮލި ކަމާއި ނުރައްކަލުގެ ތެރެއަށް ދިވެހި ރައްޔިތުން ވައްޓާލާފައިވާތީ. ދިވެހި ރައްޔިތުން ތިބީ ވަރަށް ބޮޑު މާޔޫސްކަމެއްގެ ތެރޭގައޭ. އަދި ދިވެހި ރާއްޖެ އަށް އިންވެސްޓްކުރަން އަންނަ މީހުން ވެސް މިތިބީ ތަންކޮޅެއް ހާސްކަމުގެ ތެރޭގައޭ،" ސިޔާމު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގެ މައްސަލަތަކަށް ވުރެ ބޮޑަށް މިއަދު ވިސްނަން ޖެހޭނީ ދިވެހި ރައްޔިތުންނާއި ރާއްޖޭގެ ތަސައްވަރާ ދޭތެރޭގައި ބޭރު ގައުމުތަކުގެ މީޙުން ދެކެމުންދާ ގޮތުގެ މައްޗަށްކަމަށެވެ. އެހެންކަމުން އަމިއްލަ ސިޔާސީ ކަންތައްތައް އެއްފަރާތްކޮށް ގައުމުދެކެ ލޯބިވެ ގައުމު ކުރިއަށް ނެރުމަށް މަޖިލީހުގެ މެންބަރުންނަށް ގޮވާލައްވާ ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ.

"އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގެ 77 މެންބަރުންނަށް މި ގޮވާލަނީ ތިޔަ ބޭފުޅުންގެ އަމިއްލަ ސިޔާސީ ކަންތައް އެއްފަރާތަށް ޖައްސާލައި ގައުމު ކުރިއަށް ނެރުއްވާށޭ. ގައުމުދެކެ ލޯބިވެވަޑައިގަންނަވާށޭ. ގައުމަށް ވިޔަފާރިކުރަން މިއަންނަ އިންވެސްޓަރުންނާއި އަދި ގައުމުގެ ރެޕިއުޓޭޝަނާ އަގު ހިފާއްޓަން އަޅުގަނޑުމެން ކުރަން ޖެހޭ މަސައްކަތް ފަހަތަށް ޖެހިލުމެއްނެތި ވަކި ޕާޓީއަކަށް ބެލުމެއްނެތި، ވަކި ޕާޓީއެއްގެ ލީޑަޝިޕަކަށް ބެލުމެއްނެތި އަޅުގަނޑުމެން މިގައުމާ ދޭތެރޭގައި ކުރިއަށްދާންޖެހޭނެ ކަމީ އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ކަމެއް،" ސިޔާމު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ބޭނުން ވަނީ ދިވެހި ފަސްގަނޑުން އާމީހުން ސިޔާސީ މައިދާނަށް ނިކުތުން ކަމަށެވެ.
"ފެއިލްވެފައި ތިބި މީހުން ތިމަންނަމެން ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކޮށްދޭނަމޭކިޔާކަށް އަޅުގަނޑު ބޭނުމެއްނުވޭ މިއަދަކު." ސިޔާމު ވިދާޅުވި އެވެ.