އަންނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރެއްވުމަށް ޓަކައި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ފަށާފައިވާ "ވައުދުގެ ދަތުރު" އަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާ ވެސް ފުރާވަޑައިގެންފި އެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ނަޝީދު މިއަދު ފުރަތަ ވަޑައިގަންނަވާނީ ފަރެސް މާތޮޑާ އަށް ކަމަށެވެ. އަދި އެ ރަށުން ދެން ގައްދު އަށް ކަމަށެވެ. އަދި ގައްދޫން އަނެއް ދުވަހު ހެނދުނު ފުވައްމުލަކަށް ވަޑައިގެން އެ ރަށުގައި ރޭ ކުރެއްވުމަށް ފަހު ޖެހިގެން އަންނަ ދުވަހު ހެނދު އައްޑޫ ސިޓީ އަށް ވަޑައިގަންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެެވެ.

ނަޝީދު ގދ. އަތޮޅަށް މިއަދު ފުރާވަޑައިގަތީ ވައިގެމަގުންނެވެ.

ގާނޫނުތަކުގެ ބޭރުން އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގެ ޝަރީއަތަށް ރައީސް ނަޝީދު ދެކުނުގެ އަތޮޅުތަކުގައި ކެމްޕެއިން ކުރައްވަން އުޅުއްވަނިކޮށް މާލެ ހާޒިރު ކުރީ ކޯޓު އަމުރުގެ ދަށުން ފުލުުންގެ ބެލުމުގެ ދަށުގައި ހައްޔަރު ކޮށްގެންނެވެ. އެމްޑީޕީން ކުރަމުން ގެންދިޔަ ކެމްޕެއިން ދަތުރު ވެސް ވަނީ އެހާހިސާބުން މެދުކަނޑާލާފަ އެވެ.