އަނިޔާވެރި ގޮތަކަށް މި މަހުގެ އެއް ވަނަ ދުވަހުގެ ރޭ، އަވަހާރަކޮށްލި، ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ ހަނދާނުގައި ރައްޔިތުން މަޖިލީހުގައި މިއަދު ހާއްސަ ޖަލްސާއެއް ބާއްވައި މެންބަރުންގެ ޝުއޫރުތައް އަފްރާޝީމްގެ އާއިލާގެ ހާޒިރުގައި ހިއްސާކޮށްފި އެވެ.

އަފްރާޝީމްގެ އަނބިކަބަލުން ގުރައިޝާ މުހަންމަދާއި ތުއްޕުޅު ތިން ބޭފުޅުން ވެސް މަޖިލީހުގެ މަތީ ޝަރަފާ އެކު މިއަދުގެ ޖަލްސާގައި ބައިވެރިވި އެވެ. މަޖިލީހަށް ޖަވާބުދާރީ ކުރުވުމަށް މިނިސްޓަރުން ތިއްބަވާ ބެންޗްގައި އެ ތިން މައިން ތިއްބެވި އިރު މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރު އަދި މިނިވަން މެންބަރުންގެ ފަރާތުން ޝުއޫރުފާޅުކޮށް ވާހަކަ ދެއްކެވި އެވެ.

"އަފްރާޝީމް ގެއްލިގެން ދިއުމަކީ އަޅުގަނޑުމެންގެ އާއިލާގެ މެމްބަރެއް ގެއްލިގެން ދިއުން ފަދަ ކަމެއް. އަފްރާޝީމްގެ އާއިލާގެ މެމްބަރުންގެ ގޮތުގައި ދެމިތިބޭނަން. އަފްރާޝީމްގެ އާއިލާ ބިކަވިޔަ ނުދޭނަން. ކަންދިމާކުރި ގޮތުން އަފްރާޝީމް އަވަހާރަކޮށްލެވުނު ދުވަހު، ރާއްޖޭން ބޭރުގައި ތިބޭ އަޅުގަނޑުގެ އާއިލާ އިން ގުޅި. އަޅުގަނޑު އަންހެނުން ބުނީ ސްކޫލްދޮށަށް ދިޔައިމާ މީހުން ބުންޏޭ ނާޒިމް ކައިރީ ބުނާށޭ ސިޔާސީ ދާއިރާގައި ދެން އުޅެވިއްޖެ ނޫންހޭ ދެން އާއިލާއާ އެކު އުޅެން އަންނާށޭ. އަޅުގަނޑު ދެންނެވިން ސިޔާސީ ހަޔާތުގެ ބާކީ ބައި ހޭދަކުރާނީ އަފްރާޝީމްގެ ލޭގެ ބަދަލު ހޯދުމަށޭ، އަދި އެކަހަލަ ކަންތައްތައް މި މުޖުތަމައުގައި ތަކުރާރުވިޔަ ނުދިނުމަށޭ،" ޕީއޭގެ ފަރާތުން ވާހަކަ ދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު، އަހުމަދު ނާޒިމް ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ އެފަދަ ޖަރީމާތައް ހުއްޓުވުމަށް އަންނަ އަހަރުގެ ބަޖެޓް މަޖިލީހަށް ހުށަހަޅާ އިރު އެކަމަށް ކުރާ އިންވެސްޓްމަންޓްތައް ވަރުގަދަ ކުރަން ޖެހޭ ކަމަށާއި އެކަމަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށެވެ.

މެޖޯރިޓީ ލީޑަރު އަދި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ރައީސް އިބްރާހީމް މުހަންމަދު ސޯލިހް (އިބޫ) ވިދާޅުވީ އަފްރާޝީމް މަޖިލީހުގައި މަސައްކަތް ކުރެއްވީ ވަރަށް ހިކުމަތްތެރިކަމާ އެކު ކަމަށެވެ. އަފްރާޝީމް، އޭނާ ސިފަކުރެއްވީ އިލްމް އުގެނިވަޑައިގެން ހުންނެވި ސާބިތުކަން ދެއްކެވި ހިތްވަރުގަދަ ލީޑަރެއްގެ ގޮތުގަ އެވެ.

މައިނޯރިޓީ ލީޑަރު މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން ވިދާޅުވީ އަފްރާޝީމް އަވަހާރަކޮށްލެވުމަކީ މަޖިލީހަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި އެއީ މުޅިގައުމަށް ވެސް ކުރިމަތިވީ ނިކަމެތިކަމެއް ކަމެއް ކަމަށެވެ. އަދި މަޖިލީހުގައި އެމަނިކުފާނުގެ ޒިކުރާ އަބަދުވެސް ދެމިހުންނާނެ ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެފަދަ ޖަރީމާތައް ދެން ތަކުރާރުވިޔަ ނުދިނުމަށް މަޖިލީހުން އަޅަން ޖެހޭ ފިޔަވަޅުތަށް އެޅުމުގައި ފަސްނުޖެހޭނެ ކަމަށެވެ.

ޑީއާރުޕީގެ ފަރާތުން ވާހަކަ ދައްކަވަމުން އެ ޕާޓީގެ ލީޑަރު އަދި ކެންދޫ ދާއިރާގެ މެންބަރު އަހުމަދު ތަސްމީން އަލީ ވިދާޅުވީ އަފްރާޝީމް އަވަހާރަކޮށްލެވުމަކީ ރާއްޖޭގެ ބަރުލަމާނީ ހަޔާތަށް ކުރިމަތިވި ކަޅު ދުވަހެއް ކަމަށާއި މަޖިލީހަށާއި ގައުމަށް ގެއްލިގެން އެ ދިޔައީ އަގު ހުރި ދަރިއެއް ކަމަށެވެ. އަދި އަފްރާޝީމްގެ އަވަހާރަވުމުން މަޖިލީހަށް ލިބުނު ގެއްލުން ފޫބެއްދުމަކީ އުނދަގޫކަމެއް ކަން ފާހަގަކުރެއްވި އެވެ.

"މި ވަބާ މުލުން ލުހެލަން އަޅުގަނޑުމެންގެ ހިތްވަރު ހުންނަންވާނެ. މިއަދު ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހާ ހަމައަށް ދެމިގެން އައިސްފައި މިވާ ލޭގެ ކޯރު ނިމުމަކަށް ގެންނަން މާ ލަސް ވެސް ވެއްޖެ،" ތަސްމީން ވިދާޅުވި އެވެ.

އަފްރާޝީމްގެ ހަނގު ދަރިފުޅު، އަފްރާޝިމްގެ އަންހެނުން ގުރައިޝާގެ އުނގުގައި ބައިންދަވައިގެން އިންއިރު ގުރައިޝާގެ އިންނެވީ ފެންކަޅިވެ އިސްދަށަށް ޖައްސަވައިގެންނެވެ. ހަގު ދަރިފުޅުގެ ރުޔުމުގެ އަޑު މަޖިލީހުގެ ގުގުމަމުން ދިޔައިރު މެންބަރުން ގެންދެވީ އަސަރާ އެކު ވާހަކަކުރިއަށް ގެންދަވަމުންނެވެ. އަފްރާޝީމްގެ ހަނދާނުގެ ހާއްސަ ޖަލްސާ ނިންމާލައްވަމުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ؛ " އަފްރާޝީމްގެ އެންމެ ހަގު ދަރިކަލުން، އައްޔާޝް އަފްރާޝީމްގެ ތުއްތު އަޑު އިވެމުން އެ ދިޔައީ. މިއީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ދުވަހަކު ވެސް އިވިފައިވާ އަޑެއް ނޫން. އެ ތުއްތު އަޑު މަޖިލީހުގެ ތަޅުމުގައި އިވެމުން، އެ ތަކުރާރުވަމުން ދިޔައީ ކީއްވެ ކަން ވިސްނަން ޖެހޭނެ. އެ އަޑު އަޅުގަނޑުމެން އަބަދުވެސް ހަނދާން ހުންނާނެ."

މިއީ އިންޑިއާގެ ބޮޑުވަޒީރު މަންމޯހަން ސިންހަށް ފަހު ރައްޔިތުން މަޖިލީހުން އެފަދަ ޝަރަފެއް ފަރާތަކަށް އެރުވި ފުރަތަމަ ފަހަރެވެ. މިއަދުގެ ޖަލްސާގައި ވެސް މެންބަރުން ވަނީ އަފްރާޝީމްގެ ތިންމައިން ބިކަ ވިޔަ ނުދެއްވާނެ ކަމަށް ވިދާޅުވެ، އެ އާއިލާއަށް އެލަވަންސް ދިނުމުގެ ކަންތައްތައް ކުރިއަށް ގެންދަވާނެ ކަމުގެ ވާހަކަ ތަކުރާރުކުރައްވައިފަ އެވެ.

ޖަލްސާއަށް ފަހު މެންބަރުން ވަނީ އަފްރާޝީމްގެ އަބިކަބަލުން، ގުރައިސާއާ ބައްދަލުކުރައްވާ ތައުޒިޔާ ވިދާޅުވެފަ އެވެ. އަފްރާޝީމްގެ ހަނދާނުގައި މަޖިލީހުގައި ވަނީ ތައުޒިޔާގެ ދަފްތަރެއް ވެސް ހުޅުވާފަ އެވެ.