އެގާރަ ޖަހާއިރު ފަށަން އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ މެންދުރު ކުރީގެ ދެވަނަ ދަންފަޅި ފެށުމަށް ބޭނުންވާ ކޯރަމް ހަމަނުވެގެން 11:30 އަށް ޖަލްސާ ފަސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ފުރަތަމަ ދަންފަޅި ކުރިއަށް ގެންގޮސްފައި ވަނީ، އަވަހާރަ ކޮށްލާފައިވާ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމްގެ ހަނދާނުގައި ބާއްވާ ހާއްސަ ޖަލްސާއެއްގެ ގޮތުގަ އެވެ.

ދިހަގަޑި ސުންމިނެޓާ ހަމަ އަށް އެ ޖަލްސާ ކުރިއަށް ގެންދެވުމަށް ފަހު 11:00 ގައި ކުރިއަށް ގެންދިއުމަށް ޖަލްސާ މެދު ކަނޑާލި ނަމަވެސް 11:00ގައި ޖަލްސާ ފެށުމަށް ބޭނުންވާ ކޯރަމް ހަމަ ނުވެގެން 11:30 އަށް ޖަލްސާ ފަސްކުރެއްވިކަން ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް އިއުލާން ކުރައްވައި އެވަގުތު ޖަލްސާއަށް ހާޒިރުވެތިއްބެވި މެންބަރުންގެ ނަންފުޅުތައް އިއްލާން ކުރެއްވުމުން އިތުރު މެންބަރުން ޖަލްސާކުރާ މާލަމަށް ވެދެވަޑައިގެން ކޯރަމް ހަމަ ކުރެއްވި އެވެ. އަދި ޖަލްސާގެ ކޯރަމް ހަމަވެގެން ޖަލްސާ ކުރިއަށް ގެންދެވުމަށް އުޅުއްވުމަށް ފަހު، ޖަލްސާ ފަސްކުރަން ނިންމަވާފައިވާ ކަމަށް ވިދާޅުވެ ކޯރަމް ހަމަވި ނަމަވެސް ދެން ޖަލްސާ ފައްޓަވާނީ 11:30ގައިކަމަށް ނާޒިމް ވިދާޅުވެ ޖަލްސާ ނިންމަވާލެއްވީ އެވެ.

ކޯރަމް ހަމަނުވާކަން ފާހަގަ ކުރައްވައި ނާޒިމް ވިދާޅުވީ 11:00 ގައި މަޖިލީހުގެ އެއްވެސް ކޮމިޓީއެއްގެ ބައްދަލުވުމެއް ވެސް ނޯންނާނެ ކަމަށެވެ.

ކޯރަމްގެ މައްސަލަތައް ދިމާވެ ޖަލްސާތައް ނުބޭއްވޭ އިރު މަޖިލީހުގެ މެންބަރުންނަކީ ދައުލަތުން އެންމެ ބޮޑު މުސާރަދޭ އެއް މުއައްސަސާއެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް މަހު މުސާރަ 62،600ރ. އާއި 20،000ރ.ގެ އެލަވަންސާ އެކު 82،500ރ. ލިބެ އެވެ.