10 Oct 2012, 11:18
ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ)ގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ޑިމޮކްރެޓިކް އިސްލާހުތައް ގެނައުމަށް އެންމެން ގުޅިގެން މަސައްކަތްކޮށް ވާހަކަތަކަށް ފުރުސަތު ހޯދުމަށް އިނގިރޭސީން ގޮވާލައިފި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރު ކުރުމަށް ފަހު އަދި ފަހުން ދޫކޮށްލުމާ ގުޅިގެން އިނގިރޭސި ފޮރިން އޮފީސް މިނިސްޓަރު އެލިސްޓިއާ ބާޓް އިއްޔެ ނެރުއްވި ކުރު ބަޔާނެއްގައި ބުނެފައި ވަނީ ކޮންމެ ޝަރީއަތެއް ވެސް އިންސާފުވެރި އަދި ދެފުށް ފެންނަ ޝަރީއަތަކަށް ވުމަށް، އިނގިރޭސިންނާއި އިނގިރޭސިންނާ ބައިވެރިވާ އިންޓަނޭޝަނަލް ޕާޓްނަރުން ގޮވާލާ ކަމަށެވެ.
އަދި ފަހުގެ ހާދިސާތަކަށް އިޝާރަތްކޮށް އޭނާ ގޮވާލާފައި ވަނީ، ކޯނީގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ޑިމޮކްރެޓިކް ރިފޯމްގެ ކަންކަން ހާސިލުކުރުމަށް ވާހަކަތަކަށް އެނބުރި ރުޖޫއަވާން ޖެހޭ ކަމަށެވެ. އަދި ބުނެފައި ވަނީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަކީ ހުރިހާ ސިޔާސީ ޕާޓީތަކަކުން ވެސް ބައިވެރިވާ، އަމާންއޮމާން، މިނިވަން އިންސާފުވެރި އިންތިހާބަކަށްވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.