10 Oct 2012, 10:56
ފަސް ސިޔާސީ ޕާޓީއެއް ހުޅުވާފައި ހުންނަ ގަޑިތައް އަދި ގުޅޭނެ ގޮތެއް ނޭނގޭތީ ބައެއް ތަކެތި އެ ޕާޓީތަކާ ހަވާލު ނުކުރެވިގެން އިލެކްޝަންސް ކޮމިޝަނުން އިއުލާނެއް ނެރެފި އެވެ.
އިލެކްޝަނުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ސޯޝަލް ލިބަރަލް ޕާޓީ (އެސްއެލްޕީ) އާއި ޕީޕަލް އެލަޔަންސް (ޕީއޭ) އާއި މޯލްޑިވިއަން ލޭބާ ޕާޓީ (އެމްއެލްޕީ) އާއި މޯލްޑިވިއަން ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެސްޑީޕީ) އަދި މޯލްޑިވިއަން ރިފޯމް މޫވްމަންޓް ޕާޓީ (އެމްއާރުއެމް) އާ އެ ކޮމިޝަނުން ހަވާލުކުރަން ޖެހޭ ތަކެތި ހަވާކުރެވިފައިނުވާ ކަމަށެވެ.
ނަމަވެސް އެއީ ކޮން އެއްޗެހި ތަކެއް ކަމެއް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
އިލެކްޝަނުގެ އިއުލާނުގައި ބުނީ އެ ޕާޓީތަކުގެ އޮފީސްތައް ހުޅުވާފައި ހުންނަ ގަޑިތައް އެނގެން ނެތް ކަމަށެވެ. އަދި އެ ޕާޓީތަކުން ދީފައިވާ ނަމްބަރުތަކާ ގުޅޭ ގޮތް ވެސް ނުވާ ކަމަށް އިލެކްޝަނުން ބުންޏެ އެވެ.
އިލެކްޝަނުގެ އިއުލާނުގައި ބުނީ އެ ފަސް ޕާޓީއާ ހަވާލުކުރަން ޖެހޭ ތަކެތި ހަވާލުނުކުރެވި ކޮމިޝަނުގައި ހުރުމާ އެކު އެކަމާ ގުޅިގެން އެޅެން އޮތް ފިޔަވަޅަކީ ޕާޓީގެ ފަރާތުން އެތަކެއްޗާ ހަވާލުވުމަށް އިލެކްޝަނަށް ދިއުން ކަމަށެވެ. އަދި ޕާޓީތަކުގެ އޮފީސް ހުޅުވާފައި ހުންނަ ގަޑިތައް ކޮމިޝަނަށް އަންގައި އެ ގަޑިތައް އާންމުކޮށް އެނގޭނެ ގޮތް ހަމަޖެއްސުމަށާއި އޮފީސް ނަންބޯޑު ހާމަވާގޮތަށް ފެންނަން ނެތް ޕާޓީތައް އެކަން ރަނގަޅު ކުރުމަށް ވެސް ވަނީ އަންގާފަ އެވެ.
ސިޔާސީ ޕާޓީތައް ހިންގަނީ ދައުލަތުން ހަރަދުކޮށްގެނެވެ. ޕާޓީތަކަށް ދައުލަތުގެ ބަޖެޓްގެ އެއް ޕަސެންޓް ހަރަދުކުރެ އެވެ.