10 Sep 2010, 19:47
00:50
ޕާކިސްތާނު ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ހުޅުވާފައިވާ ފަންޑަށް މިރޭ ދަންވަރާ ހަމަށް ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް ޓެލެތޯން އިންތިޒާމުކުރާ ފަރާތުން ބުނެފި އެވެ.
ޕާކިސްތާނުގައި ފެންބޮޑުވެ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމުގެ ގޮތުން ހުކުރު ދުވަހު ހެނދުނުން ފެށިގެން ދަނީ ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން ގަލޮޅު ދަނޑުގައި މިރޭ ކުޅުނު ދެމެޗްގެ ތެރެއިން ޕޮލިހުންނާއި އެމްއެންޑީއެފްގެ އަންހެން ޓީމް 4-0 ސެލެބްރިޓީ އަންހެންޓީމް ބަލިކޮށް، މަޖިލިސްގެ މެމްބަރުންނާއި ސެލެބްރިޓީ ފިރިހެންޓީމް 4-4 އެއްވަރު ވެފަ އެވެ.
މިރޭ 9 ޖެހިއިރު ފެށި ފުރަތަމަ މެޗްގައި ބައްދަލުކުރީ ސެލެބްރިޓީ އަންހެން ޓީމާއި އެމްއެންޑީއެފާއި ޕޮލިހުންގެ ޓީމެވެ. މިމެޗްގައި ޕޮލިހުންނާއި އެމްއެންޑީއެފުން އެއްކޮށްލާފައިވާ އަންހެން ޓީމުން ގަދަ ކުޅުމެއްދައްކާ ހަތަރެއް ސުމަކުން ސެލެބްރިޓީ އަންހެން ޓީމް ވަނީ ބަލިކޮށްފަ އެވެ. އެ މެޗްގައި ސެލެބްރިޓީ ޓީމަށް އެމްއެންޑީއެފާއި ފުލުހުންގެ ޓީމާ ދެކޮޅަށް ވަރުގަދަ އެއްވެސް ހަމަލާ އެއް އުފެއްދިފައި ނުވާ ކަން ފާހަގަ ކުރެވެ އެވެ.
މިރޭ ދެ ވަނަ އަށް ކުޅުނު މެޗްގައި ރައްޔިތުންގެ މަޖިލިސްގެ ފިރިހެން މެމްބަރުންގެ ޓީމާއި ސެލެބްރިޓީ ފިރިހެންޓީމް ބައްދަލު ކުރި މެޗް ނިމިފައި ވަނީ ދެ ޓީމް ވެސް އެއްވަރު ވެގެންނެވެ. މިމެޗްގައި ސެލެބްރިޓީ ޓީމްގެ ކުޅުންތެރިއަކަށް ވަނީ ރީނދޫ ކާޑު ވެސް ދައްކާފަ އެވެ. މި މެޗްގައި ރައްޔިތުންގެ މަޖިލިސްގެ ޓީމުން އަހުމަދު ނިހާން ވަނީ ހެޓްރިކް ހައްދަވާފަ އެވެ. ދެ ޓީމުން ވެސް މިމެޗްގައި ވަނީ ހަމަހަމަ ފޯރި ގަދަ ކުޅުމެއް ދައްކާފަ އެވެ.
މެޗް ކުޅެމުންދިޔަ ވަގުތު ކުޅުންތެރިންގެ ޖޯޒީ ތައް ވަނީ ނީލަމްގައި ވިއްކާފަ އެވެ.
"މޯލްޑިވްސް ހެލްޕް ޕާކިސްތާން"ގެ ކެމްޕޭނުގެ ދަށުން މިއަދު ހަވީރު 4ން ފެށިގެން ޚާއްސަ ކުޑަކުދިންގެ ހަވީރެއް އާޓިފިޝަލް ބީޗްގައި ވަނީ ބާއްވައިފަ އެވެ. އަދި ލައިވް މިއުޒިކް ޝޯއެއް ވެސް މިރޭ އެބަކުރިއަށް ދެ އެވެ.