10 Oct 2012, 10:04
ލުނބޮލަކީ ރީތިކަން ދެމެހެއްޓުމަށް ބޭނުން ކުރެވިދާނެ ތާޒާ މޭވާއެކެވެ. މިއީ ގެއިން ފަސޭހައިން ލިބެން ހުންނަ އެއްޗަކަށް ވުމާއެކު ލުނބޮލުން ކުރެވޭ ކަންތަކާ ލިބޭ ފައިދާ އެހާމެ ގިނައެވެ.
ލުނބޮލަކީ ހުރިހާ ހަމަކަށްވެސް ބޭނުން ކުރެވިދާނެ އެއްޗެކެވެ. ތެޔޮވާ ހަންގަނޑެއްނަމަ އެކަމަށް ލުނބޮލަކީ ފަރުވާއަކަށް ވެދެއެވެ. އެއީ އޭގައި އެކުލެވޭ އެސިޑިކް މާއްދާގެ ސަބަބުންނެވެ.
ލުނބޮލުގެ ބޭނުން ހަމުގެ އެކި ކަންތަކަށް ކުރެވޭއިރު ލުނބޮލަކީ އެތެރެހަށިން ވެސް ހަށިގަނޑަށް ވަރަށް ބޮޑެތި ފައިދާތަކެއް ކުރާ އެއްޗެކެވެ. މި ގޮތުން ހެނދުނު ހޭލުމަށް ފަހު ދުވަސް ފެށުމުގެ ކުރިން ލުނބޯހުތު ފަނިތައްޓެއް ބޯން އާދަކުރެވިދާނެއެވެ. ތައްޔާރު ކުރާ ލުނބޯހުތު ފަނިތަށި ހަދާނީ ތާފަނާ ފެނުގައެވެ. އަދި އެއަށް ހަކުރުގެ ބަދަލުގައި އަޅާނީ އެއް ސައިސަމުސާ މާމުޔެވެ. މިގޮތަށް ކޮންމެ ދުވަހަކު ހެނދުނު ލުނބޯހުތު ފަނި ބޯން އާދަކުރުމުން އެތެރެހަށި ސާފުކޮށްދީ ބަނޑުހިކޭ މީހުނަށް ފަރުވާއަކަށްވެދެއެވެ. އަދި ލޭ ދައުރުވުމަށް ވެސް އެހީއަކަށް ވެދެއެވެ. އެހެން ކަމުން ދުވަސް ފެށިގެންދާނީ ތާޒާކަންމަތީގަ އެވެ.
• ލުނބޮލުގައި ހުންނަ މާއްދާއެއް ކަމުގައިވާ އެންޒައިމްސް ގެ ސަބަބުން ހަމުގައި މަރުވެފައި ހުންނަ ސެލްސް ތައް ސާފުކޮށްދެއެވެ. ލުނބޮލެއް ދެފަޅިކޮށްލުމަށްފަހު މޫނުގައި ހޭކުމުން މޫނުގެ ހަންގަނޑު އުޖާލާވެ ކުލަ އަލި ވެދެއެވެ. ހާއްސަ ކޮށް ގިނައިރު ބޭރުގައި (ހިރަފުހުގަ އާއި އަވީގައި) އުޅުމަށްފަހު ގެއަށް އައިސް މިގޮތަށް ހެދުމުން މޫނުގެ ހަމަށް އިތުރު ދިރުމެއް ގެނެސްދެއެވެ.
• ލުނބޮލުން ހަންގަނޑު މަޑުކުރުމަށް ދޮންކެޔޮވަކެއް ޗަސް ކުރުމަށްފަހު އެއަށް ލުނބޯހުތް އެޅުމަށްފަހު އެއްކޮށްލާށެވެ. އެއަށްފަހު މޫނުގަޔާއި އަތުގައި ހާކާށެވެ. އޭރުން ހަންގަނޑު މަޑުވެ އަލިވާނެއެވެ.
• މޭޒުމަތީ ސަމުސަލެއްގެ މާމުޔަށް ކުކިން އޮއިލް ފޮދަކާއި ހަތަރު ބައިކޮށްފަ އެއްބައި ސައިސަމުސާ ލުނބޯހުތް އަޅައި އެއްކޮށްލާށެވެ. މިހެދުނީ މާސްކެކެވެ. މި މާސްކް އަތުގަޔާއި އުނޅަބޮށީގައި އަދި ފައިގެ ފުންނާބުގައި ހޭކިދާނެއެވެ. 10 މިނިޓް ބެހެއްޓުމަށްފަހު ދޮވެލުމުން މި މާސްކް ހޭކި ތަންތަން މަޑުވާނެއެވެ.
• ޑްރައި ހަމެއްނަމަ ތިން ސައިސަމުސާ ލުނބޯހުތް، ތިން ސައިސަމުސާ މާމުއި، ބައި ސައިސަމުސާ ކެބެޖް (ކެބެޖް ޖެހޭނީ ކެއްކުމަށްފަހު ޗަސްކުރަން) އަޅައި ޕޭސްޓެއް ތައްޔާރު ކުރާށެވެ. އަދި ހެދި ޕޭސްޓް މޫނުގަޔާއި ކަރުގައި ހޭކުމަށްފަހު 10 މިނިޓް ބަހައްޓާށެވެ. އެއަށްފަހު ދޮވެލުމުން މޫނުގެ ހަން ވަރަށް ބޮޑަށް ރީތި ވާނެ އެވެ.
• ތެޔޮ ހަމެއްނަމަ ބައި ސައިސަމުސާ ރީނދޫ، ދެ ސައިސަމުސާ ލުނބޯހުތް، ތިން ސައިސަމުސާ ފަޅޯ އެއްކޮށްލައި ޕޭސްޓެއް ހަދާލާށެވެ. އެއަށްފަހު މޫނުގަޔާއި ކަރުގައި ހޭކުމަށްފަހު 20 މިނިޓް ބަހައްޓާށެވެ. އަދި ދޮވެލާށެވެ.
• ލުނބޮލަކީ ހަށިގަނޑުގެ ވަރަށް ގިނަ ގުނަވަންތަކަށް ބޭނުން ކުރެވޭ އެއްޗެކެވެ. މިގޮތުން ލުނބޮލުން ދަތްތަކުގެވެސް ކުލަ އަލި ކުރެވިދާނެއެވެ. ލުނބޮލެއް ދެފަޅި ކުރުމަށްފަހު އެއަށް ކުޑަ ލޮނު ކޮޅަކާއި ބޭކިން ސޮޑާ ކޮޅެއް އަޅައި ދަތުގައި ލުނބޯފަޅި ހާކާށެވެ. މީގެން ދަތް ހުދުވުމުގެ އިތުރުން ދަތުގެ ކުލަ އަލިވެ އަދި އަނގައިން ވަސް ދުވާ ނަމަ އެއަށްވެސް ހައްލު ލިބޭނެއެވެ.
• ބޮލުން ހަންފޮޅޭނަމަ ބިހުގެ ހުދުބަޔަށް ލުނބޯ ހުތް އެޅުމަށްފަހު އެއްކޮށްލާށެވެ. އަދި ތައްޔާރުކުރި ޕޭސްޓް އިސްތަށީގެ ބުޑުގައި ހާކާށެވެ. އެއަށްފަހު އެއްގަޑިއިރު ބެހެއްޓުމަށްފަހު އިސްތަށިގަނޑު ދޮވެލާށެވެ. މި ޓްރީޓްމަންޓް މަހަކު އެއްފަހަރު ނެގިދާނެއެވެ.
• ތުންފަތް ފޮޅި ހިކޭނަމަ ލުނބޯހުތާއި މާމުއި އެއްކުރުމަށްފަހު ތުންފަތުގައި ހާކަށެވެ.