ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރުކަންކުރެއްވި ޑރ. އަފުރާޝީމް އަލީ އަވަހާރަކޮށްލުމާގުޅިގެން ހުސްވެފައިވާ އުނގޫފާރު ދާއިރާގެ ގޮނޑިއަށް އެމްޑިޕީގެ ޓިކެޓްގައި ކުރިމަތިލާނެ ބޭފުޅަކު ހޮވުމަށް ބާއްވާ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެމްޑީޕީން ބުނީ އަންނަ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހު ބާއްވާ އުނގޫފާރު ދާއިރާގެ ބައިއިލެކްޝަންގާ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން މާދަމާގެ ނިޔަލަށް އެކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުލުވާލެވިފައިވާ ކަމަށެވެ.

އެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރުމަށް އެއް ބޭފުޅަކަށްވުރެ ވުރެ ގިނަ ބޭފުޅުން ކުރިމަތިލައްވައިފިނަމަ، އެ ޕާޓީގެ ޓިކެޓް ދޭނީ ޕްރައިމަރީއަކުން ކަމަށް އެ ޕާޓީން ބުންޏެވެ. ޕްރައިމަރީ އޮންނާނީ އަންނަ ހޮނިހިރު ދުވަހު ކަމަށެވެ.

އެ ބައިލެއިލެކްޝަނަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލެވިފައިވާއިރު އިލެކްޝަން ކޮމިޝަނުން މިމަހުގެ ހަތަރު ވަނަ ދުވަހު ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ އެ ގޮނޑިއަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 21 ވަނަ ދުވަހުގެ ހަވީރު 3:00 ޖެހުމާއި ހަމައަށް ހުޅުވާލެވިފައިވާ ކަމަށެވެ. އަދި އިންތިހާބު އޮންނާނީ ޑިސެމްބަރު އެއްވަނަ ދުވަހުގެ ހެނދުނު 8:00 ކުން ހަވީރު 4:00 ކަމަށްވެސް އިލެކްޝަންސް އިން ބުންޏެވެ.

މެންބަރުކަމަށް ކުރިމަތިލުމުގެ ފޯމް ދޫކުރާނީ އަންނަ ހޯމަދުވަހުން ފެށިގެން މި މަހުގެ 21 ވަނަ ދުވަހާ ހަމައަށް މެންދުރު ފަހު 2:30 އިން 4:30 އަށް އިލެކްޝަންސް ކޮމިޝަންގެ ފަސްވަނަ ފްލޯއިންނެވެ.

ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ މެންބަރުކަމުގެ ޝަރުތުތަކަކީ ސާބިތު ދަރަންޏެއް އޮތް ނަމަ ހުކުމާ އެއްގޮތަށް ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައި ނުވުމާއި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، އެއް އަހަރަށް ވުރެ، ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރުމުންދާ މީހަކު ކަމުގައި ނުވުން ވެސް އެ ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.

ނަމަވެސް އެއް އަހަރުގެ ޖިނާއީ ހުކުމެއްގެ ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމް ކަނޑައެޅުނު އަދަބު މައާފުކުރެވުނުތާ ތިން އަހަރު ވެފައިވާ ނަމަ އެ މީހަކަށް އިންތިހާބުގައި ވާދަކުރެވޭނެ އެވެ.

ޑރ. އަފުރާޝީމް އަލީ ރަހުމު ކުޑަ ގޮތަކަށް އަވަހާރަކޮށްލާފައި އޮއްވާ ފެނުނީ އެމަނިކުފާނު ދިރިއުޅުއްވި ގޭގެ ސިޑިކައިރީގައި އޮކްޓޫބަރމަހުގެ އެއް ވަނަދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.