މަސްތުވާތަކެއްޗާ އެކު ނ. އަތޮޅުން ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ނ. މަނަދޫ ޕޮލިސް ސްޓޭޝަނާއި ޕޮލިސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންތަކުގައި ހައްޔަރުކޮށްފައި ވަނީ 18 އަހަރާއި 19 އަހަރާއި 21 އަހަރުގެ އިތުރުން 25 އަހަރުގެ މީހެއް ކަމަށެވެ.

ފުލުހުން ބުނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު ކޯޓް އަމުރެއްގެ ދަށުން މަނަދޫ ގެއެއް ބަލައި ފާސްކުރި އިރު މަސްތުވާތަކެތި އަޅާފައި ހުރި ކަމަށް ބެލެވޭ ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށާއި އެ ރަބަރު ޕެކެޓް ފެނިފައި ވަނީ އެ މީހުންގެ ތެރެއިން 21 އަހަރުގެ މީހާ ދިރިއުޅޭ ކޮޓަރި ތެރެއިން ކަމަށެވެ.

އެ ރަބަރު ޕެކެޓްގެ އިތުރުން އޭނާގެ އަތުން މަސްތުވާތަކެތި އަޅާފައި ހުރި ކަމަށް ބެލެވޭ ބުލެޓް ސައިޒުގެ ތިން ރަބަރު ޕެކެޓާއި މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ މެޝިނެއް ވެސް ހޯދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އޭނާ ހައްޔަރުކޮށް އޭނާގެ ކުޑަކަމުދާތަކެތި ޓެސްޓް ކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ޓީއެޗްސީ އަށާއި އެމްއޯޕީ އަށް ޕޮލިޒިޓިވް ވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މީހުންގެ ތެރެއިން 25 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ ނ. އަތޮޅުގައި ތަރައްގީކުރަމުން އަންނަ ރިސޯޓަކަށް އޭނާ މަސްތުވާތަކެތި ގެންދަން އުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ މަހުގެ 30 ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޭނާގެ އަތުން މަސްތުވާތަކެތި އަޅާފައި ހުރި ކަމަށް ބެލެވޭ ބްލެޓް ސައިޒުގެ ފަސް ރަބަރު ޕަކެޓާއި ފިލްމު ހުސްކުރި ދަޅެއްގެ އިތުރުން މަސްތުވާތަކެތި ކަމަށް ބެލެވޭ 10 ގުޅަ ބޭސް ފެނިފައިވާ ކަމަށެވެ.

މިމަހުގެ ތިން ވަނަ ދުވަހު މަނަދޫ އޯކިޑްވިލާގެ ބަލައި ފާސްކުރި އިރު މަސްތުވާތަކެތި އަޅާފައި ހުރިކަމަށް ބެލެވޭ 12 ރަބަރު ޕަކެޓާ އެކު އެ މީހުންގެ ތެރެއިން 19 އަހަރުގެ މީހާ ހައްޔަރުކޮށް ފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މިމަހުގެ ހަތަރު ވަނަ ދުވަހު މާލެ އިން ނ. ހެބަދު އަށް ދިޔަ ބޯޓަކުން އެ ރަށަށް މަސްތުވާތަކެތި ގެންދަން އުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެ މީހުންގެ ތެރެއިން 18 އަހަރުގެ މީހާ ހެބަދޫ ބަނދަރަށް ފޭބުމުން ފުލުހުން އޭނާ ހައްޔަރު ކުރި ކަމަށެވެ. އަދި އޭނާގެ ހަށިގަނޑު ބަލައި ފާސް ކުރި އިރު މަސްތުވާތަކެތި އަޅާފައި ހުރިކަމަށް ބެލެވޭ އަށް ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަތައް މަނަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.