10 Oct 2012, 09:18
ރޯމް (އޮކްޓޯބަރ 10): އިޓަލީގެ ބޮޑުވަޒީރުކަމަށް ނޮމިނޭޓް ވުމަށް ދެން މަސައްކަތްނުކުރައްވާނެ ކަމަށް އެޤައުމުގައި ދެފަހަރު ބޮޑުވަޒީރުކަން ކުރައްވާފައިވާ މަހުޖަނު ސިލްވިޔޯ ބަލުސްކޯނީ ވިދާޅުވެއްޖެ އެވެ.
އިޓަލީގެ ޗެނެލް ފަސް ޓީވީ އަށް ދެއްވި ބަސްދީގަތުމެއްގައި ސިލްވިޔޯ ބަލުސްކޯނީ ވިދާޅުވީ ބޮޑުވަޒީރު ކަމަށް ކުރިމަތި ނުލެއްވި ނަމަވެސް އިޓަލީގައި ވެރިކަންކުރާ ވާތުފިޔައިގެ ސިޔާސީ ފަރާތްތަކާ ދެކޮޅަށް ކަނާތު ފިޔައިގެ ޕާޓީތަކަށް އެއްބާރުލުން ދެއްވާނެ ކަމުގަ އެވެ. އިޓަލީގެ ޗެނެލް ފަސް ޓީވީ އަކީ ބަލުސްކޯނީގެ ޗެނެލް އެކެވެ. އިޓަލީގައި ވެރިކަންކުރައްވާ ވާތުފިޔައިގެ ބޮޑުވަޒީރު މާރިޔޯ މޮންޓީ ވަނީ އޭނާގެ ކިބައިން އެދެފި ނަމަ ބޮޑުވަޒީރުކަމުގެ އިތުރު ދައުރަކަށް ކުރިމަތިލައްވަން ތައްޔާރަށް ހުންނެވިކަން ހާމަކުރައްވާފަ އެވެ.
އިޤްތިސާދީ ގޮތުން ފުންވަޅުގަނޑަކަށް ވެއްޓިފައިވާ އިޓަލީގެ ކަންކޮޅުތަކުގައި ރައްޔިތުން ގެންދަނީ ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުތަކާ ދެކޮޅަށް އަޑުއުފުލަމުންނެވެ. މިސިޔާސަތުތަކުގެ ދަށުން އިޓަލީގެ ސަރުކާރުގެ ވެލްފެއާ ޚަރަދުތައް ވަނީ ވަރަށް ބޮޑަށް ކުޑަކޮށްފަ އެވެ. ނަތީޖާއެއްގެ ގޮތުން ކުރިން ލިބެމުންއައި ގިނަ ޢިނާޔަތްތަކަކުން ރައްޔިތުންގެ ގިނަ ބަޔަކު މަހްރޫމްވެ ދިރިއުޅުމުގެ ފެންވަރު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.
އިޓަލީގައި ޢާންމު އިންތިޚާބު އޮންނާނީ އަންނަ އަހަރުގެ މެދުތެރޭގަ އެވެ. (ޔުނައިޓެޑް ޕްރެސް)