08 Nov 2026, 22:35

ބޭރުގެ ޓުއާ އޮޕަރޭޓަރުން އަތުން ޓެކްސް ނެގުން އުވާލައި، ޖީއެސްޓީން ނަގާ އާމްދަނީ 1.5 މިލިއަން ރުފިޔާއަށް ފުޅާކުރަން ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން މިރޭ ފާސްކޮށްފިއެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވަނީ އަންނަ އަހަރުގެ ޖަނަވަރީ އެކަކުން ފެށިގެން އަމަލުކުރާ ގޮތަށް ޖީއެސްޓީއަށް ރަޖިސްޓްރީކުރަންޖެހޭ މިންގަނޑު ބޮޑުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާކަން އިއުލާނުކުރައްވައިފައެވެ.
އެއާއެކު ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީގައި އޮތް ޖީއެސްޓީ ބިލަށް މި އިސްލާހު ހުށަހެޅުއްވީ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރެވެ.
މެންބަރު ނިޒާރު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން، 12 މަސްދުވަހުގެ ތެރޭގައި ޓެކްސް ނެގޭ ހަރަކާތްތަކުން ލިބޭ ޖުމްލަ އާމްދަނީ އެއް މިލިއަން ރުފިޔާއަށް ވުރެ އިތުރުވާނަމަ ޖީއެސްޓީއަށް ރަޖިސްޓްރީކުރަންޖެހޭ ގޮތަށް އޮތް އޮތުން 1.5 މިލިއަން ރުފިޔާއަށް ބަދަލުވާނެއެވެ. އަދި މިހާރު އާމްދަނީ އެއް މިލިއަން ރުފިޔާއަށް ވުރެ އިތުރުވެގެން ޖީއެސްޓީ ދައްކަންޖެހޭ އުސޫލަށް އަމަލުކުރާނީ މިއަހަރުގެ ނިޔަލަށް ކަމަށް ވެސް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.
މީގެއިތުރުން މިހާރު ޖީއެސްޓީއަށް ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކުގެ ތެރެއިން ފާއިތުވި 12 މަސްތެރޭ މުދަލާއި ހިދުމަތުގެ އަގު 750,000 ރުފިޔާއަށް ވުރެ މަދުވާނަމަ ނުވަތަ ކުރިއަށް އޮތް 12 މަހު އެ އަދަދަށް ވުރެ މަދުވާނެ ކަމަށް އަންދާޒާ ކުރެވޭނަމަ، ޖީއެސްޓީ ރަޖިސްޓްރީ ބާތިލުކުރަން ހުށަހެޅޭނެ ގޮތް ހެދުމަށް ވެސް ވަނީ އިސްލާހު ހުށަހަޅާފައެވެ.
ފަރެސްމާތޮޑާ މެންބަރު އަޝްރަފް ރަޝީދު ތާއީދުކުރައްވައި ކޮމިޓީ މެންބަރުންގެ އިއްތިފާގުން މި އިސްލާހުތައް ބިލަށް ގެންނަން ވަނީ ފާސްކޮށްފައެވެ.
އެއާއެކު ކޮމިޓީން ގެނައި އިސްލާހުތަކާއެކު މުޅި ބިލު ފާސްކުރުމަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން ހުށަހެޅުއްވި ހުށަހެޅުމަށް ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު ވަނީ ތާއީދުކުރައްވައިފައެވެ. އަދި ކޮމިޓީގެ އިއްތިފާގުން މި ބިލު ވަނީ ފާސްކޮށްފައެވެ.

ފަތުރުވެރިންތަކެއް ރާއްޖޭގައި --- ފޮޓޯ: ހޮޓެލިއާ މޯލްޑިވްސް
ބޭރުގެ ޓްރެވަލް އޭޖެންޓުންނާއި ޓުއާ އޮޕަރޭޓަރުން ދޭ ޚިދުމަތްތަކުން ޓެކްސް ނެގުމަށް ޖީއެސްޓީ ގާނޫނަށް ގެނައި ބަދަލު ރައީސް މުއިއްޒު ތަސްދީގުކުރެއްވީ މިދިޔަ އޮގަސްޓު މަހުގެ 31 ވަނަ ދުވަހެވެ. އެއަށްފަހު މިދިޔަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެ ބަދަލަށް އަމަލުކުލަރަން ފެށީ ޓުއާ އޮޕަރޭޓަރުންނާއި ކަމާ ގުޅުންހުރި ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކުރަމުން ދިޔަ ދަނޑިވަޅެއްގައެވެ.
ގާނޫނަށް ގެނައި ބަދަލާއެކު، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ރަޝިޔާ އާއި އިންޑިއާ ފަދަ މާކެޓުތަކުގެ ބޮޑެތި ޓުއާ އޮޕަރޭޓަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އޭގެ އިތުރުން، މި ޓެކްސް ނަގަން ފެށުމާއެކު ފަރަންސޭސިވިލާތުގެ 'ލޭޒް އަންޓްރްޕްރީޒް ޑޫ ވޮޔާޖް' (އީޑީވީ) އާއި 'ސިންޑިކާ ޑެޒް އަންޓްރަޕްރީޒް ޑޫ ޓުއާ އޮޕަރޭޓިން' (ސެޓޯ) އާއި އިޓަލީވިލާތުގެ އެސްޓޯއީ ކޮންފިންޑޫސްޓްރިއާ ވިއާގީ ފަދަ ވިލާތުގެ ގައުމުތަކުގެ ޖަމިއްޔާތަކުން ވަނީ މިކަމުގެ ސަބަބުން ކުރިމަތިވާނެ މާލީ އަދި އިދާރީ ދަތިތައް ބަޔާންކޮށް މީރާއަށް ސިޓީ ވެސް ފޮނުވައިފައެވެ.
އެ ސިޓީގައި ވަނީ އެ ބަދަލަށް އަމަލުކުރުން އަންނަ އަހަރަށް ފަސްކޮށްދިނުމަށް އެދިފައެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކާއި ޓްރެވަލް އޭޖެންޓުންގެ ފަރާތުން ހުށަހެޅި ގިނަ ކަންބޮޑުވުންތަކާއި އެދުންތަކަށް ރިއާޔަތްކުރެއްވުމަށް ފަހު، ރައީސް ވަނީ އެ ނިންމެވުން ބަދަލުކުރައްވަން ނިންމަވައިފައިވާކަން އިއުލާނު ކުރައްވައިފައެވެ.