10 Oct 2012, 09:04
ޕިޔޮންގްޔަންގް (އޮކްޓޯބަރ 10): އެމެރިކާ އަށް ފޯރާވަރުގެ ދުރުރާސްތާގެ ބެލަސްޓިކް މިސައިލް ހުރިކަމަށް އުތުރުކޮރެޔާ ފުރަތަމަ ފަހަރަށް ބުނެފި އެވެ.
އުތުރުކޮރެޔާގެ ޤައުމީ ދިފާޢާ ބެހޭ ކޮމިޓީއާ ޙަވާލާދީ އެޤައުމުގެ ރަސްމީ ނޫސް އެޖެންސީ ބުނީ ދެކުނު ކޮރެޔާއާ ގުޅިގެން އުތުރުކޮރެޔާ އަށް ގޯނާކުރަން އެމެރިކާ މަސައްކަތްކުރާ ނަމަ އެމެރިކާ އަށް ފޯރާވަރުގެ މިސައިލް އެޤައުމުގައިހުރިކަން ހާމަކުރަންޖެހިލުން ނުވާކަމުގަ އެވެ. އުތުރުކޮރެޔާ މިހެން ބުނެފައި މިވަނީ އެޤައުމާ އެކު ހަނގުރާމައިގެ ޙާލަތެއްގައި އޮތް އަވައްޓެރި ދެކުނު ކޮރެޔާގެ މިސައިލް ޕްރޮގްރާމަށް އެމެރިކާ އެހީތެރިވުމާ ބެހޭ އެއްބަސްވުމެއްގައި އެ ދެ ޤައުމުން ސޮއިކުރުމާ ގުޅިގެން އެކަމަށް ރައްދު ދިނުމުގެ ގޮތުންކަމަށް ވަނީ ބެލެވިފަ އެވެ.
ދެކުނުކޮރެޔާ އިން ވަނީ އެޤައުމުން މިހާރު އުފައްދާ މިސައިލްތަކުގެ ރާސްތާ ދެގުނައަށް އިތުރުކޮށް 800 ކިލޯ މީޓަރުގެ ރާސްތާގެ މިސައިލް އެމެރިކާގެ އެހީގައި އުފައްދަން ހަމަޖެހިފައިވާކަން މިހަފްތާގެ ކުރީކޮޅު އިޢްލާންކޮށްފަ އެވެ. މިއީ އުތުރުކޮރެޔާގެ ކޮންމެތަނަކަށް ވެސް ޙަމަލާދެވޭވަރުގެ ރާސްތާއެކެވެ. ދެކުނު ކޮރެޔާގެ ޤައުމީ ސަލާމަތާ ބެހޭ މުސްތަޝާރު ޝުންގްޔުންގް ވިދާޅުވީ އޭނާގެ ޤައުމުން މިހާރު އުފައްދާ މިސައިލްތަކުގެ ރާސްތާ ދެގުނައަށް އިތުރުކުރަނީ އުތުރުކޮރެޔާގެ ޖެއްސުންކުރުންތަކަށް ރައްދު ދިނުމުގެ ގޮތުންކަމުގަ އެވެ.
އުތުރުކޮރެޔާ މައިތިރިވެ ބިރުނުދައްކައި އޮންނަ ނަމަ އެމެރިކާއާ އެކު މިފަދަ އެއްބަސްވުމަކަށް ދެކުނު ކޮރެޔާ ނާންނާނެ ކަމަށް ވެސް އެޤައުމުގެ ޤައުމީ ސަލާމަތާ ބެހޭ މުސްތަޝާރު ވިދާޅުވި އެވެ. އުތުރުކޮރެޔާއަކީ ނިއުކްލިޔާ ހަތިޔާރު ވެސް އުފައްދައި އެ ހަތިޔާރު ތަޖްރިބާކޮށްފައިވާ ޤައުމެކެވެ. އަދި ހަތަރު ހާސް ކިލޯ މީޓާރުގެ ރާސްތާގެ މިސައިލް އުތުރުކޮރެޔާ އިން ތަޖްރިބާކޮށްފައިވެ އެވެ. ނަމަވެސް އުތުރުކޮރެޔާގެ މިސައިލްގައި ވަރަށް ބޮޑެތި ޓެކްނިކަލް މައްސަލަތައް ހުރިކަން ވަނީ ފާހަގަ ކުރެވިފަ އެވެ. އެމެރިކާ އާއި ދެކުނުކޮރެޔާ ވަނީ އުތުރުކޮރެޔާގެ ނިއުކްލިޔާ ހަމަލާއަކުން ސަލާމަތްވުމުގެ ނަމުގައި ދެކުނުކޮރެއާއަށް "ނިއުކްލިޔާ އައްޑަނައެއް" ފޯރުކޮށްދޭނެކަން ހާމަކޮށްފަ އެވެ.
ކޮރެޔާ ހަނގުރާމައަށް ފަހު އެމެރިކާގެ 30 ހާސް ސިފައިން ދެކުނު ކޮރެޔާގައި ތިބެއެވެ. (ނޫސްއެޖެންސީތައް)