މޫސުމާ ބެހޭ މަޢުލޫމާތު ވަގުތުން ލިބޭ "މޫސުން" އެޕާއި ވެބްސައިޓް އިފްތިތާޙުކޮށްފި
މޫސުމާ ބެހޭ މަޢުލޫމާތު ވަގުތުން ލިބޭ "މޫސުން" އެޕާއި ވެބްސައިޓް އިފްތިތާޙުކޮށްފި

މޫސުމާ ގުޅޭ މަޢުލޫމާތު ވަގުތުން ވަގުތަށް ލިބޭނެހެން، ޒަމާނީ ބަދަލުތަކާއެކު މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) ގެ ރަސްމީ ވެބްސައިޓާއި "މޫސުން" މޯބައިލް އެޕްލިކޭޝަން ރަސްމީކޮށް މިއަދު އިފްތިތާޙުކޮށްފިއެވެ.

މީރުމާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ޕްލެޓްފޯމްތައް އިފްތިތާޙުކޮށްދެއްވީ މިނިސްޓާ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ ޢަލީ ޝަރީފެވެ.

މެޓް އޮފީހުން މަޢުލޫމާތުދޭ ގޮތުގައި، ކުރީގެ އެޕްލިކޭޝަނުން ރާއްޖޭގެ ފަސް ސްޓޭޝަނެއްގެ މަޢުލޫމާތު ލިބުނު ނަމަވެސް، އަލަށް ގެނެވުނު ބަދަލުތަކާއެކު މީހުން ދިރިއުޅޭ ރަށްރަށާއި، ރިޒޯޓުތަކާއި، ސިނާޢީ ރަށްތަކާއި، އެއާޕޯޓުތައް އަދި ފަޅުރަށްތައް ހިމެނޭހެން ޖުމްލަ 516 ސަރަޙައްދެއްގެ މޫސުމީ މަޢުލޫމާތު މިހާރު ލިބިގެންދާނެއެވެ.

މީގެއިތުރުން، މި އެޕްލިކޭޝަން މެދުވެރިކޮށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގެ މޫސުން ލަފާކުރާގޮތް ކޮންމެ ތިން ގަޑިއިރަކުން އަޕްޑޭޓުވަމުންދާނެ ކަމަށާއި، ރާއްޖޭގައި ގާއިމުކޮށްފައިވާ ވެދަ ރާޑަރުތަކާއި ސެޓެލައިޓް ފޮޓޯތަކުގެ އިތުރުން ބިންހެލުމާ ގުޅޭ މަޢުލޫމާތުވެސް ފަސޭހަކަމާއެކު ބަލައިލެވޭނެކަމަށް އެ އިދާރާއިން ބުނެއެވެ.

ދިވެހި އަދި އިނގިރޭސި ބަހުން ބޭނުންކުރެވޭ މި އެޕްލިކޭޝަން މެދުވެރިކޮށް މޫސުމީ ކުއްލި އިންޒާރުތައް ޕުޝް ނޮޓިފިކޭޝަންގެ ގޮތުގައި ވަގުތުން ލިބިގެންދާނެކަމަށް މެޓް އޮފީހުން ބުންޏެވެ.

މޫސުމާ ބެހޭ މަޢުލޫމާތު ވަގުތުން ލިބޭނެހެން ޒަމާނީ ބަދަލުތަކާއެކު "މޫސުން" އެޕާއި ވެބްސައިޓް އިފްތިތާޙުކުރުމުގެ ތެރެއިން... ފޮޓޯ/ މެޓް އޮފީސް

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ޢަލީ ޝަރީފް ވިދާޅުވީ މި ބަދަލުގެ މައިގަނޑު ބޭނުމަކީ ޢާންމުން ބޭނުންކުރުމުގައި ލުއިފަސޭހަ، އަދި ދުވަހުން ދުވަހަށް މޫސުމާ ގުޅޭ އެންމެ ޞައްޙަ އަދި ތަފްޞީލީ މަޢުލޫމާތު ލިބޭނެ ފުރިހަމަ ވަސީލަތެއް ފޯރުކޮށްދިނުން ކަމަށެވެ.

މީގެއިތުރުން މި އެޕްލިކޭޝަން ފަރުމާކޮށްފައިވަނީ މީގެ ކުރީގެ ތަޖުރިބާތަކަށާއި ޢާންމުން ބޭނުންވާ މުހިންމު ކަންކަމަށް ރިޢާޔަތްކުރުމަށްފަހު ދިވެހި ޓީމެއްގެ ބުރަ މަސައްކަތުން ކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ސްޓޭޓް މިނިސްޓަ އިބްރާހީމް މިމްރާޙު ވަނީ މި ނިޒާމުގެ ޓެކްނިކަލް މަސައްކަތްތަކާ ގުޅޭ ޑެމޮންސްޓްރޭޝަނެއް ހުށަހަޅުއްވައިދެއްވާފައެވެ.

މި ޑިޖިޓަލް ޕްލެޓްފޯމްތަކަކީ މޫސުމީ ކާރިސާތަކުން ރައްކާތެރިވުމަށް އަވަހަށް އިންޒާރުދޭ ނިޒާމުތައް ހަރުދަނާކުރުމަށްޓަކައި މެޓް އޮފީހާއި ޔޫއެންޑީޕީ ގުޅިގެން ހިންގާ "ތައްޔާރު" މަޝްރޫޢުގެ ދަށުން ތަރައްގީކުރެވުނު ވަސީލަތްތަކެކެވެ.

މި މަޝްރޫޢަށް ޚަރަދުކޮށްފައި ވަނީ ޗައިނާ ސަރުކާރުގެ "ގްލޯބަލް ޑިވެލޮޕްމަންޓް އެންޑް ސައުތު-ސައުތު ކޯޕަރޭޝަން ފަންޑު" ގެ އެހީގައެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔޫއެންޑީޕީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެސިޑެންޓް ރެޕްރެޒެންޓެޓިވް އަދުނާން ޗީމާ ވިދާޅުވީ މި އެޕްލިކޭޝަން މެދުވެރިކޮށް ރަސްމީ މޫސުމީ ލަފާކުރުންތަކާއި، ކަނޑުދަތުރުފަތުރާ ގުޅޭ މަޢުލޫމާތު އަދި މޫސުމީ އިންޒާރުތައް، އެ މަޢުލޫމާތަށް އެންމެ ބޭނުންވާ ފަރާތްތަކަށް އަވަހަށް ފޯރުކޮށްދެވޭނެ ކަމަށެވެ.

މީގެއިތުރުން މި ޕްލެޓްފޯމުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ މުޖުތަމަޢުގެ އެންމެންނަށް ވެސް ބޭނުންކުރެވޭނެ ފަދަ ލުއިފަސޭހަ ނިޒާމެއް ޤާއިމުކުރުމަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މެޓް އޮފީހުން އަލުން ފަރުމާކުރި ރަސްމީ ވެބްސައިޓް މިއަދުން ފެށިގެން ޢާންމުކޮށް ހުޅުވާލާފައިވާއިރު، އަޕްގްރޭޑްކުރެވުނު "މޫސުން" މޯބައިލް އެޕްލިކޭޝަން މިހާރު "އައިއޯއެސް" އަދި "އެންޑްރޮއިޑް" ޑިވައިސްތަކަށް ޑައުންލޯޑް ކުރެވެން ހުންނާނެކަމަށް މެޓް އޮފީހުން ބުންޏެވެ.

ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ އަކީ ރާއްޖޭގެ މޫސުމާ ގުޅޭ ކަންކަން ބަލަހައްޓައި، މޫސުމުގެ ލަފާކުރުންތަކާއި އިންޒާރުތައް ރަސްމީކޮށް ނެރޭ މައި އިދާރާއެވެ.

މި އިދާރާގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެތެރޭގައި ރާއްޖޭގެ ސަރަހައްދުގެ މޫސުމަށް އަންނަ ބަދަލުތައް މޮނިޓާކޮށް، އާންމުންނަށާއި ކަނޑުދަތުރުކުރާ ފަރާތްތަކަށް މޫސުމުގެ ހާލަތު ގަވާއިދުން އަންގައިދިނުމާއި ވިއްސާރަވުމާއި، ކަނޑުގަދަވުމާއި އަދި ތޫފާން ފަދަ ނުރައްކާތެރި ހާލަތްތަކުގައި ސަމާލުވުމުގެ އިންޒާރުތައް ނެރުމުގއ އިތުރުން ކަނޑު އަދި ވައިގެ ދަތުރުފަތުރަށް ބޭނުންވާ މޫސުމީ މައުލޫމާތާއި ލަފާކުރުންތައް ފޯރުކޮށްދިނުން ހިމެނެއެވެ.