ކުށްމަދުކުރުމަށް ހަމައެކަނި ޖިސްމާނީ ބާރުގެ ބޭނުންކުރި ޒަމާން މާޒީވެފައިވާ ކަމަށާއި، މިއަދުގެ ފުލުހުންނަކީ އިލްމީ ދިރާސާތަކުގެ އަލީގައި އަމަލީ މައިދާނުގައި ނަތީޖާ ނެރޭ "އިންޓެލެކްޗުއަލް ޕްރެކްޓިޝަނަރުން" ކަމަށް ވާންޖެހޭ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ސީޕީ މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުން 2027 ވަނަ އަހަރަށް ކަނޑައަޅާ އިސްކަންދޭ ދާއިރާތަކާއި އަހަރީ އެކްޝަން ޕްލޭން އެކުލަވާލުމަށް އަމާޒުކޮށް، އިސްކަންދަރު ކޮށީގައި މިއަދު ފެށި "އެންސީޕީއެލްއީ އެނުއަލް ޕޮލިސިން ކޮންފަރެންސް 2026" ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކައިގައެވެ.

"ފްރޮމް ނޮލެޖް ޓޫ އެކްޝަން: ބިލްޑިން ސޭފާ ކޮމިއުނިޓީސް ޓުގެދާ" ގެ ޝިއާރުގެ ދަށުން ނޮވެމްބަރު 8 އިން 10 އަށް ކުރިއަށްދާ މި ކޮންފަރެންސަކީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އާއި ސީޕީ އަޙްމަދު މުޙައްމަދުގެ އިސްނެންގެވުމަށް، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓާއި ސްޓްރެޓީޖިކް ޕްލޭނިން އެންޑް ލީގަލް ސާވިސަސް ގުޅިގެން ބާއްވާ ކޮންފަރެންސެކެވެ.

ސީޕީގެ ވާހަކައިގައި، މުޖުތަމައަށް އަންނަ ބަދަލުތަކާއެކު ފުލުހުންގެ ފަލްސަފާއަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން ޒަމާނީ ފުލުހުންގެ މަސައްކަތަކީ ހަމައެކަނި ކުށަކަށް ރެސްޕޮންޑްކޮށް ތަހުގީގުކުރުން ނޫން ކަމަށާއި، ކުށް އުފެދެން މެދުވެރިވާ އިޖުތިމާއީ، އިގުތިސާދީ އަދި ނަފްސާނީ އަސްލު ސަބަބުތައް ހޯދައި ދެނެގަތުން ކަމަށް ވިދާޅުވިއެވެ. އަދި މިފަދަ މައްސަލަތަކުގެ އަޑިއަށް ވާސިލުވެވެނީ އެކަޑެމިކް ރިސާޗާއި "އެވިޑެންސް ބޭސްޑް ޕޮލިސިން" ތިއަރީތައް އަމަލީ މައިދާނުގައި ތަންފީޒުކޮށްގެން ކަމަށް ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު ފުލުހުންނަކީ ހަމައެކަނި ޖިސްމާނީ ބާރު ދައްކާ ބައެއްގެ ގޮތުގައި އޮންނަ ކުށްހީ ބަދަލުކުރަންޖެހޭކަން ފާހަގަކުރައްވައި ކޮމިޝަނާ ވިދާޅުވީ، މިއަދުގެ ގާބިލު ފުލުހެއްގެ ކިބައިގައި އިލްމީ ގާބިލުކަމާއި، ނަފްސާނީ ދުޅަހެޔޮކަމުގެ އިތުރުން ވިސްނުންތޫނުކަމާއެކު ޖިސްމާނީ ދުޅަހެޔޮކަން ފުރިހަމަވާން ޖެހޭނެ ކަމަށެވެ.

މީގެއިތުރުން މި މަހާސިންތާގެ ތެރެއިން ހުށަހެޅޭ ދިރާސީ ކަރުދާސްތަކުން ލިބޭ މައުލޫމާތާއި ހޯދުންތަކަކީ ފުލުހުންގެ 2027 ވަނަ އަހަރުގެ އެކްޝަން ޕްލޭނާއި ކުރިމަގުގެ ސްޓްރެޓީޖިކް މިސްރާބު ބައްޓަންކުރުމުގެ މައިގަނޑު އަސާސް ކަމުގެ ޔަގީންކަން ސީޕީ ދެއްވިއެވެ. އަދި މަސައްކަތުގައި ހުރި ދަތިތަކާއެކު ވެސް ފޯކަސް ނުގެއްލުވައި، ރައްޔިތުންނަށް ދެވޭ ޚިދުމަތް އިތުރަށް ފުރިހަމަކުރުމަށް އެންމެން އެކުގައި މަސައްކަތްކުރުމަށް ސީޕީ ވަނީ އިލްތިމާސްކުރައްވާފައެވެ.