މަރުގެ ހުކުމް ތަންފީޒު ކުރުމާ ގުޅޭ ގޮތުން އިލްމީ އަދި ފަންނީ ދިރާސާތަކާއި، ޢިލްމުވެރިންގެ ރަޢުޔަށް ބެލުމަށްފަހު، މަރުގެ މައްސަލަތަކުގައި ޝަރީޢަތުގެ ހުރިހާ މަރުޙަލާއެއްގައި ކަންކުރާނޭ ގޮތްތައް ކަނޑައަޅާ ބިލެއް ތިން ހަފްތާގެ ތެރޭގައި ނިންމައި މަޖިލީހަށް ސަރުކާރުން ހުށަހަޅުއްވަން ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނީ މަރުގެ ޙުކުމް ތަންފީޒު ކުރުމާ ބެހޭގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު، ދައުލަތުގެ ކަމާބެހޭ އެންމެ އިސް ދާއިރާތަކުގެ ވެރިންނާ މިއަދު ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

ރައީސް އޮފީހުން ބުނީ އެ އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސްއާއެކު ބައިވެރިވެވަޑައިގެންނެވީ ނައިބު ރައީސް މުޙަންމަދު ވަޙީދުއްދީން އާއި އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް ޙުސައިނާއި ޕްރޮސެކިޔުޓާ ޖެނެރަލް އަޙުމަދް މުޢިއްޒާއި، ހިޔުމަން ރައިޓްސް ކޮމިޝަންގެ ރައީސާ މަރިޔަމް ޢަޒްރާ އަޙްމަދާއި ޑިފެންސް މިނިސްޓާ ކާނަލް ރިޓަޔަާޑް، މުޙަންމަދު ނާޒިމާއި، ހޯމް މިނިސްޓާ ޑރ. މުޙަންމަދު ޖަމީލް އަޙްމަދާއި، އެޓާނީ ޖެނެރަލް ޢާއިޝަތު ޢާޒިމާ ޝަކޫރާއި، ޖެންޑާ މިނިސްޓާ އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ސަޢީދާއި، އިސްލާމިކް މިނިސްޓާ މުޙަންމަދު ޝަހީމް ޢަލީ ސަޢީދު ކަމަށެވެ.

މި ބައްދަލުވުމަކީ، އިސްލާމީ ޝަރީއަތާއި ރާއްޖޭގެ ޤާނޫނީ އޮނިގަނޑުގައިވެސް މަރުގެ އަދަބު އޮތްނަމަވެސް އެ އަދަބަކީ، ރާއްޖޭގައި ޙުކުމް ކުރެވެމުންދާ އަދަބެއް ކަމުގައިވީ ނަމަވެސް، ރާއްޖޭގައި މަރުގެ އަދަބު ތަންފީޛު ކުރެވެމުން ނުދާތީ، ދައުލަތުން މަރުގެ ޙުކުމް ތަންފީޛުކުރުމުގައި، ކަމާބެހޭ ދައުލަތުގެ ހުރިހާ މުއައްސަސާއެއްގެ މަޝްވަރާއާއި ޚިޔާލުފުޅު ހޯއްދެވުމަކީ، މުހިންމުކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާތީ ބޭއްވެވި ބައްދަލުވުމެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.