އައު ގާނޫނު އަސާސީއަށް އަމަލުކުރަން ފެށިފަހުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަން ކުރައްވާފައިވާ ބޭފުޅަކާ ދެކޮޅަށް ދައުލަތުން ފުރަތަމަ ފަހަރަށް ކުރާ ދައުވާގެ ޝަރީއަތް މިއަދު ފަށައިފި އެވެ.

ދިވެހި ޖުމްހޫރިއްޔާގެ ހަތަރު ވަނަ ރައީސް، ގަލޮޅު ކެނެރީގޭ މުހައްމަދު ނަޝީދުގެ މައްޗަށް ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން ދައުލަތުން ކޮށްފައިވާ ދައުވާ އަކީ ގާނޫނާ ޚިލާފުގޮތަކަށް ކުށް ނުކުރާ މީހަކު ގަސްތުގައި ހިފައި ހައްޔަރު ކުރުމުގެ ކުށުގެ ދައުވާ އެވެ.

ޖަސްޓިސް ބިލްޑިންގެ ތިރީގައި ހުންނަ ޝަރީއަތް ކުރާ ކޮޓަރީގައި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލު، އެސިސްޓެންޓް ޕަބްލިކް ޕްރޮސެކިއުޓާ އަބްދުﷲ ރާބިއު ވިދާޅުވީ ކުރީގެ ރައީސް ނަޝީދުގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހު 17 ވަނަ ދުވަހުގެރޭ ދަންވަރު ގާނޫނާ ޚިލާފަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށް ފެބްރުއަރީ ހަތް ވަނަ ދުވަހާއި ހަމަޔަށް ކ. ގިރިފުށީގައި ބަހައްޓާފައިވާތީ ކަމަށެވެ.

ދައުލަތުން ދައުވާ އިއްވުމުން ދައުވާ އަށް ޖަވާބުދާރީ ވުމަށް ނަޝީދަށް ދެއްވި ފުރުސަތުގައި އޭނާގެ ގާނޫނީ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސެއިން އަރިހުން ސިއްރު ސިއްރުން ދައުވާ އަށް "އިންކާރު ކުރަންވީ ދެއްތޯ؟އޭ" ނަޝީދު އެއްްސެވުމުން އަދި ހިސާން އެކަމަށް އާބަސް ދެއްވުމުން ކޮޅަށް ތެދުވެ ވަޑައިގެން ދައުވާ އަށް އިންކާރު ކުރައްވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ދައުވާ އަށް އިންކާރު ކުރެއްވުމަށް ފަހު ނަޝީދު ވިދާޅުވީ މިއީ މިނިވަން ޑިމޮކްރެޓިކް ނިޒާމާ އިދިކޮޅަށް ޕްރޮސެކިއުޓާ ޖެނެރަލް ކުރައްވާފައިވާ ދައުވާ އެއްކަމަށެވެ. އަދި އޭނާއާ ދެކޮޅަށް ޕްރޮސެކިއުޓާ ޖެނެރަލް ކުރައްވާފައިވާ އެ ދައުވާ އަކީ އޭނާ އަށް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ބައިވެރިވެވަޑައިނުގެންނެވޭ ގޮތް ހެދުމަށްޓަކައި ހިންގާ ސިޔާސީ ހަރަކާތެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"މިއީ މިނިވަން ޑިމޮކްރެޓިކް ނިޒާމާ އިދިކޮޅަށް ޕްރޮސެކިއުޓާ ޖެނެރަލް ކުރައްވާ ދައުވާއެއް. އަޅުގަނޑަށް ރައީސްކަމަށް ކުރިމަތި ނުލެވޭގޮތަށް ހެދުމަށް ކުރާ ދައުވާއެއް. އަޅުގަނޑަށް ވަރަށް ސާފުކޮށް ފެންނަ ފެނުމުގައި މި ދައުވާ އަކީ ރިޔާސީ އިންތިޚާބުގައި އަޅުގަނޑު ބައިވެރިވިޔަ ނުދިނުމަށް ހިންގާ ސިޔާސީ ހަރަކާތެއް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވާހަކަ ދައްކަވައި ނިމުމުން އޭނާގެ ވަކީލުންގެ ޓީމުން ވަނީ އިޖުރާއީ ތިން ނުކުތާއެއް ނަންގަވައިފަ އެވެ.

އިޖުރާއީ ނުކުތާތައް ނަންގަވައި ހުޅުމާލޭ ކޯޓަށް މާލޭގައި ޝަރީއަތުގެ މަޖިލީހެއް ބޭއްވިދާނެކަމާ މެދު ސުވާލު އުފައްދަވައި އެކަމަށް ގޮތެެއް ކަނޑައަޅުއްވައި ދެއްވުމަށް ނަޝީދުގެ ގާނޫނީ ޓީމުން އެދިވަޑައިގަތެވެ. އަދި ނަޝީދުގެ މައްސަލަ ބެލުމުގެ ކުރިން ހުޅުމާލޭ ކޯޓަކީ ގާނޫނީ ގޮތުން ސައްޚަ ކޯޓެއްތޯ ނުވަތަ ނޫންތޯ ކަނޑައެޅުއްވައި ދެއްވުމަށް ވެސް އެދިވަޑައިގަތެވެ.

މީގެ އިތުރުން ކޯޓަށް ހާޒިރުވުމަށް ނަޝީދަށް ޗިޓް ފޮނުވާފައި ވަނީ ގަވާއިދާ ޚިލާފަށް ކަމަށް ވިދާޅުވެ ވެސް ނަޝީދުގެ ގާނޫނީ ޓީމުން އިޖުރާއީ ނުކުތާއެއް ނެންގެވި އެވެ.

ނަޝީދުގެ ގާނޫނީ ޓީމުން ނެންގެވި އިޖުރާއީ ނުކުތާތަކާ ގުޅޭ ގޮތުން ދައުލަތުގެ ވަކީލު ރާބިއު ވިދާޅުވީ ހުޅުމާލޭ ކޯޓަކީ މިހާރު ގާއިމްވެފައިވާ ކޯޓެއް ކަމަށާއި އެއްވެސް މުއައްސަސާއަކުން އެ ކޯޓަކީ ގާނޫނާ ޚިލާފު ކޯޓެއް ކަމަށް ކަނޑައަޅާފައި ނުވާ ކަމަށެވެ. އަދި މާލޭ ޖުޑީޝަލް ދާއިރާގައި ހިނގާ މައްސަލަތައް ބެލުމުމުގެ ބާރު ހުޅުމާލޭ ކޯޓަށް ލިބިގެންވާ ކަމަށް ހައިކޯޓާއި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލު ރާބިއު ވިދާޅުވީ ހުޅުމާލޭ ކޯޓުގެ ގާނޫނީ ސައްޚަ ކަމާ މެދު ސުވާލު އުފައްދައި އިޖުރާއީ ނުކުތާއެއް ނެންގެވި އިރު އެ ކޯޓެއްގެ މައްސަލަ އެ ކޯޓަކުން ބެލުމަކީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށެވެ.

އިޖުރާއީ ނުކުތާތަށް ހުށަހެޅުމުން އެ ނުކުތާތަކަށް ގޮތެއް ނިންމެއްވުމަށް ޓަކައި ފަސް މިނެޓްގެ ހުސްވަގުތުކޮޅެއް ނެންގެވުމަށް ފަހު ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ސުޖާއު އުސްމާން ވިދާޅުވީ ނަޝީދަށް ޗިޓް ފޮނުވާފައި ވަނީ ގަވާއިދާ އެއްގޮތަށް ކަމަށެވެ. އަދި ހުޅުމާލޭ ކޯޓަށް މާލޭގައި ޝަރީއަތުގެ މަޖިލީހެއް ބޭއްވިދާނެތޯ އާއި ހުޅުމާލޭ ކޯޓުގެ ގާނޫނީ ސައްޚަ ކަމާ މެދު ސުވާލު އުފައްދަވައި ނެންގެވި އިޖުރާއީ ނުކުތާ ޝަރީއަތުން ބަލައި ނުގަންނަ ކަމަށް ވެސް ފަނޑިޔާރު ސުޖާއު ވިދާޅުވި އެވެ.

އިޖުރާއީ ނުކުތާ އާ މެދު ގޮތެއް ނިންމެވުމަށް ފަހު ނަޝީދުގެ މައްޗަށް ދައުވާ ސާބިތު ކުރުމަށް ހެކި ހުށަހެޅުމަށް ދައުލަތަށް ފުރުސަތު އެރުވުމުން ވަރަށް ގިނަ ހެކިތަކެއް ވަނީ ހުށަހަޅައިފަ އެވެ. ނަޝީދުގެ މައްޗަށް ދައުވާ ސާބިތު ކުރަން ހުށަހެޅި ހެކިތަކުގެ ތެރޭގައި ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ފަސީހާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް އަތީފް ވެސް ހިމެނެ އެވެ.

ދައުލަތުގެ ވަކީލު އެސިސްޓެންޓް ޕަބްލިކް ޕްރޮސެކިއުޓާ އާއިޝަތު ފަޒުނާ އަހުމަދު ވިދާޅުވީ އެ ދެ ބޭފުޅުން ހެކީންގެ ގޮތުގައި ހުށަހަޅާފައި ވަނީ އަބްދުﷲ ގާޒީ ހައްޔަރުކުރަން ނިންމިކަން ސާބިތު ކުރުމަށްޓަކައި ކަމަށެވެ.

މިހާރުގެ ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމާއި ކާނަލް އަބްދުއް ރަހީމް އަބްދުއްލަތީފް އަދި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަބްދުލް މަންނާނާއި ކާނަލް ވައިސް ވަހީދު ވެސް ހެކީންގެ ގޮތުގައި ހުށަހެޅި އެވެ.

މީގެ އިތުރުން ކުރީގެ ޔޫތު މިނިސްޓަރު އަދި ނަޝީދުގެ ގާނޫނީ ޓީމްގެ ވަކީލު ހަސަން ލަތީފާއި ނަޝީދުގެ ކުރީގެ އެޑްވައިޒަރު އިބްރާހިމް ހުސެއިން ޒަކީ ވެސް ނަޝީދުގެ މައްޗަށް ދައުވާ ސާބިތު ކުރުމަށް ހުށަހެޅި ހެކީންގެ ތެރޭގައި ހިމެނެ އެވެ.

ދައުލަތުގެ ވަކީލާ ފަޒުނާ ވިދާޅުވީ ހަސަން ލަތީފް ހެއްކެއްގެ ގޮތުގައި ހުށަހެޅީ ދެ ފަހަރެއްގެ މަތިން އޭނާ އަބްދުﷲ ގާޒީ އާއި ބައްދަލުކުރެއްވިކަން ސާބިތު ކުރުމަށް ކަމަށާއި ހެއްކެއްގެ ގޮތުގައި ޒަކީ ހުށަހެޅުއްވީ ނަޝީދުގެ އެދިވަޑައިގަތުމަކަށް އޭނާ އަބްދުﷲ ގާޒީ އާ ބައްދަލު ކުރެއްވިކަން ސާބިތު ކުރުމަށް ކަމަށެވެ.

މީގެ އިތުރުން ރާޅުގަނޑު ސަރަހައްދުގައި އެމްޑީޕީ މެންބަރުންނާ ބައްދަލުކުރައްވައި ނަޝީދު ދެއްކެވި ވާހަކަތަކުގެ ރެކޯޑިން އާއި ޖެނުއަރީ 18 ވަނަ ދުވަހު ފުލުހުންގެ އޮފިސަރުންނާ ބައްދަލުކުރައްވައި ނަޝީދު ދެއްކެވި ވާހަކަތަކުގެ ރެކޯޑިން އާއި އަބްދުﷲ ގާޒީ ހައްޔަރު ކުރި މަންޒަރު ދައްކުވައިދޭ ވީޑިއޯ ފުޓޭޖެއް ވެސް ނަޝީދުގެ މައްޗަށް ދައުވާ ސާބިތު ކުރުމަށް ދައުލަތުން ވަނީ ޝަރީއަތަށް ހުށަހަޅާފަ އެވެ. އަދި އަބްދުﷲ ގާޒީ އާއި މިނޫން ވެސް ގިނަ ހެކިތަކެއް ދައުލަތުން މިއަދު ޝަރީއަތަށް ހުށަހެޅި އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ފަނޑިޔާރު ސުޖާއު އުސްމާން ވިދާޅުވީ ދެން އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހެއް ބާއްވާނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ކަމަށެވެ.