ސަރުކާރުގެ މައްސޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީ އަށް ފަނޑިޔާރުން ހާޒިރުވުމަށް ނެރުނު އަމުރުގައި މަޖިލީހުގެ ރައީސް ސޮއިކުރައްވާފައި އޮތް ނަމަވެސް، ފަނޑިޔާރުން އެ ކޮމެޓީ އަށް ހާޒިރު ނުކުރެވޭނެ ކަމަށް މަޖިލީހުގެ ކައުންސެލް ޖެނަރަލް ދެއްވާފައިވާ ލަފައެއް މަޖިލިސް މެންބަރުން އާންމުކޮށްފި އެވެ.

މަޖިލީހަށް ގާނޫނީ ލަފާ ދެއްވާ ކައުންސެލް ޖެނަރަލް ފާތުމަތު ފިލްޒާ ނެރުއްވާފައިވާ ގާނޫނީ ލަފާ ވަނީ މިއަދު ބޭއްވި ސަރުކާރުގެ މައްސޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީ އަށް އިއްވައިފަ އެވެ. އެލަފާ ކޮމެޓީ އަށް އިއްވެވީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު ޝިފާގު މުފީދެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ދެއްވާފައިވާ ގާނޫނީ ލަފާގައި ފިލްޒާ ވިދާޅުވީ ސަރުކާރުގެ މައްސޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީ އަށް ފަނޑިޔާރުން ހާޒިރު ކުރުމަކީ އެ ކޮމެޓީގެ މަސައްކަތުގެ ދާއިރާގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ. އަދި ހުޅުމާލޭ ކޯޓްގެ ފަނޑިޔާރުން ސަރުކާރުގެ މައްސޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ އަށް ހާޒިރު ކުރުމަށް ނެރުނު އަމުރަކީ މަޖިލީހުގެ ގަވާއިދުގެ 102 ވަނަ މާއްދާގެ އިމުން ބޭރުން ނެރުއްވާފައިވާ އަމުރެއް ކަމަށެވެ.

ސަރުކާރުގެ މައްސޫލިއްޔަތުތަކާ ބެހޭ ގޮތުން މަޖިލީހުގެ ގަވާއިދުގެ 102 މާއްދާގެ (ހ) އާއި (ބ) ގައި ބުނެފައިވާ ކަންތައްތަކަކީ ސަރުކާރު ހިންގުން ހަރުދަނާ ކުރަން ޖެހޭ ކަންތައްތައް އެނގެން އޮންނަ ކަމަށެވެ. އެގޮތުން ސަރުކާރުން އިދާރީ ހިންގުން ހަރުދަނާ ކުރުމާއި އިދާރާތަކުން ނެރޭ ރިޕޯޓް ދިރާސާކޮށް ތަހުގީގު ކުރުމާއި ސަރުކާރުން ހިންގުމަށް ފާރަވެރިވާޖެހޭ ގިނަ ކަންތައްތަކެއް ފިލްޒާގެ ލަފާފުޅުގައި ބަޔާންކޮށްފައިވެ އެވެ.

ފިލްޒާ ނެރެފައިވާ ގާނޫނީ ލަފާގައި މަޖިލީހަށް މީހުން ހާޒިރު ކުރުމާ ގުޅޭ ގޮތުން ޑިސެންބަރު 2، 2010ގައި ސުޕްރީމް ކޯޓުން ނެރެފައިވާ އިޝްތިޝާރީ ލަފަޔަށް ރިއާޔަތް ކުރައްވާފައިވެ އެވެ.

ފިލްޒާގެ ގާނޫނީ ލަފާ ކޮމެޓީ އަށް އިއްވުމާ އެކު ކޮމެޓީގެ މުގައްރިރު އަލީ ވަހީދު ވިދާޅުވީ އެ ލަފާފުޅު އޭނާ އަށް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި އެފަދަ ލަފައެއް ނެރުއްވި ކަމެއް ވެސް އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ މަޖިލީހުގެ ކައުންސިލަރު ޖެނަރަލް ނެރުއްވާ ގާނޫނީ ލަފަޔަށް އަމަލު ކުރުމަކީ އިހްތިޔާރީ ކަމެއް ކަމަށެވެ. އަދި އެކަން މިއަދު މަޖިލީހުގެ ރައީސް އަމަލު ކުރެއްވި ގޮތުން އެނގިގެން ހިނގައެއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ކައުންސެލް ޖެނަރަލް ފާތިމަތު ފިލްޒާ މިއަދު ސަން އޮންލައިނަށް ވިދާޅުވީ ފަޑިޔާރުން މަޖިލީހުގެ ކޮމެޓީއަށް ހާޒިރުވުމަށް މަޖިލީހުގެ ރައީސް ޝާހިދު ސޮއިކުރައްވާ ފަޑިޔާރުންނަށް ލިޔުމުން މިއަދު އެންގެވީ ކޮމެޓީން ނިންމާ ނިންމުމެއް ރައީސް އަށް ބަދަލުކުރުމުގެ ބާރު ނޯންނާނެ ކަމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ. ނަމަވެސް މަޖިލީހުގެ ގަވާއިދާ ހިލާފަށް ނިންމާ ނިންމުމެއް "ރިޖެކްޓް" ކުރުމުގެ ބާރު މަޖިލީހުގެ ރައީސްއަށް ލިބިވަޑައިގަންނަވާ ކަމަށް ފިލްޒާ ވިދާޅުވި އެވެ.

މަޖިލީހުގެ އިދާރާ އިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މަޖިލީހުގެ ކޮމެޓީ އަކަށް ހާޒިރުވެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ހެކިބަސް ދިނުމަށާއި މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެެއް ހުށަހެޅުމަށް އެންގުމުގެ ބާރު ގާނޫނު އަސާސީގެ 99 ވަނަ މާއްދާ އިން މަޖިލީހަށް ލިބިގެންވާ ކަމަށެވެ. އަދި އެ މާއްދާގެ ދަށުން އެފަދަ ބާރުތައް މަޖިލީހަށް ލިބިގެންވާ އިރު، ހަމަ އެ މާއްދާގެ ދަށުން ފަނޑިޔާރުންނާއި އެނޫންވެސް ފަރާތްތަށް މަޖިލީހުގެ ކޮމެޓީ އަށް ހާޒިރުކުރުމަކީ މަޖިލީހުން ކުރަމުން ގެންދާ ކަމެއް ކަމަށެވެ.