09 Oct 2012, 19:26
ގައުމުގެ ސަލާމަތަށާއި ރައްކާތެރިކަމަށާއި މުޖުތަމަޢުގެ ހަމަޖެހުމަށާއި އެއްބައިވަންތަކަމަށް މިހާރުން މިހާރަށް އަޅުއްވަން ޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ އަށް ލަފާ އަރުއްވައިފި އެވެ.
މިއަދު ބޭއްވި ވަޒިރުންގެ މަޖިލީހުގެ ޖަލްސާގައި އެކަމާ ބެހޭ ގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މެންބަރުން ވާހަކަފުޅު ދެއްކެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ މިއަދުގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް ޢަލީ ވަރަށް ރަޙުމް ކުޑަ ގޮތަކަށް އަވަހާރަކޮށްލުމާ ގުޅިގެން އެކަން ވަރަށް ބޮޑަށް މެންބަރުން ކުށްވެރި ކުރެއްވި ކަމަށެވެ. އަދި އެ ޢާއިލާއަށާއި މުޅި ޤައުމަށް ލިބުނު ފުން ހިތާމައިގައި ކެބިނެޓްގެ ހުރިހާ މެންބަރުން ބައިވެރިވެވަޑައިގެން މަރްޙޫމް ޑރ. އަފްރާޝީމް ޢަލީގެ ފުރާނައަށް ހެޔޮ ރަޙްމަތް ލެއްވުން އެދިވަޑައިގެން ދުޢާ ކުރެއްވި ކަމަށެވެ.
އަދި އެ މައްސަލަ ސަރުކާރުން ވަރަށް ސީރިއަސްކަމާ އެކު ތަޙްގީގު ކުރާނެ ކަމަށާއި އެ ތަހުގީގަށް ބޭރުގެ ފަރާތްތަކުގެ އެހީ ހޯއްދަވައި އެކަމުގައި ހިމެނޭ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމުގައި ވަޒީރުންގެ މަޖިލީހުގެ ހުރިހާ މެންބަރުންގެ ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
މިއަދުގެ ޖަލްސާގައި މާފިލާފުށީގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ނައިފަރަށް ބަދަލުވާން ބޭނުންވާ މީހުންނަށް ނައިފަރުގައި ޤާއިމްކުރާ ހައުސިންގް ޕްރޮޖެކްޓްގެ ތެރެއިން އަށް ހައުސިންގް ޔުނިޓް ހަމަޖައްސަވައިދެއްވައި، ވީހާ ވެސް އަވަހަށް އެމީހުން ނައިފަރަށް ބަދަލުކުރެއްވުމުގެ ކަންތައް ކުރިއަށް ގެންދެވުމަށް ވެސް ނިންމެވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.