09 Oct 2012, 19:17
ގއ. ވޮޑަމުލާ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ބުނީ އެކުންފުންޏަށް 150 ކޮޓަރީގެ ރިސޯޓެއް ތަރައްގީކުރުމަށް ސަރުކާރުން ދީފައިވާ ވޮޑަމުލާ ތަރައްގީ ކުރުމަށް ހުޅުވާލާފައި ވަނީ އެ ކުންފުންޏާ އެކު ޖޮއިންޓް ވެންޗާ ޕާޓްނާޝިޕެއް ގާއިމްކޮށް ރިސޯޓެއް ތަރައްގީކޮށް ހިންގާނެ ފަރާތެއް ނުވަތަ އެ ރަށް ރިސޯޓެއް ގޮތުގައި ތަރައްގީ ކުރުމަށް ގަންނާނެ އެންމެ އެކަށީގެންވާ ފަރާތެއް ހޯދުމަށް ކަމަށެވެ.
އަދި ބުނީ އެކަމަށް ކުރިމަތި ލުމުގެ ފުރުސަތު ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ ފަރާތްތަކަށާއި ޕާޓްނާޝިޕް ކުންފުނިތަކަށް ވެސް ހުޅުވާލެވިފައިވާ ކަމަށެވެ. އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ރިކްއެސްޓް ފޯ ޕްރޮޕޯސަލް (އާރްއެފްޕީޑީ) އާ ބެހޭ މައުލޫމާތު އެރުވުމަށް މިމަހުގެ 18 ވަނަ ދުވަހު އެމްޓީޑީސީގެ މައި އޮފީހުގައި "ޕްރީ ސަބްމިޝަން މީޓިންގް"އެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
އެ ކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދޭ އެޕްލިކޭޝަން ފޯމް އެމްޓީޑީސީގެ މައި އިދާރާއިންނާއި އެމްޓީޑިސީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.