09 Oct 2012, 18:52
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭ މަތީން ދުއްވާފައި ދިޔަ ވޭނެއް ފުރޮޅާލައިފި އެވެ.
ފުލުހުންގެ މީޑިޔާ ކޯޑިނޭޓަރު ހަސަން ހަނީފް މިރޭ ވިދާޅުވީ މިއަދު ހަވީރު 6:00 އެހާކަންހާއިރު މޯލްޑިވިއަންގެ ވޭނެއް ހުޅުމާލެ އަށް ދިއުމަށް އޮންނަ މަގުން ދުއްވާފައި ދަނިކޮށް ފުރޮޅާލީ "ގާގަޑެއްގައި ޖެހިފައިވައި ކޮންޓްރޯލް ނުވެގެންން،" ކަމަށެވެ.
ހަނީފް ވިދާޅުވީ އެ ވަގުތު ވޭނުގައި ހަތަރު މީހުން ތިބި ކަމަށާއި އޭގެ ތެރެއިން އެކަށް އަނިޔާވެފައިވާ އިރު އެ މީހާ އަށް ހުޅުމާލެ ހޮސްޕިޓަލުން މިހާރު ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ ދެން ތިބި މީހުނަށް ކުދި ކުދި އަނިޔާތައް ވެފައިވާ ކަމަށާއި އެމީހުނަށް ހުޅެލެއިން ފަރުވާ ދީފައިވާ ކަމަށެވެ.
ފުލުހުން ބުނީ ވޭން ދުއްވަން އިންމީހާގެ ލައިސަންސް ވެސް ނެތް ކަމަށެވެ. އެއީ ދިވެއްސެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ވޭން ފުރޮޅާލާފައިވާ އޮތް މަންޒަރު ދުށް މީހަކު ބުނީ ވޭން އޮތީ އެއްކޮށް ފުރޮޅާލައި ބަންޑުން ޖެހިފައި ކަމަށެވެ. ފުލުހުން ބުނީ ވޭނުގެ ބިއްލޫރިގަނޑު ތަޅާލައިގެން ގޮސްފައިވާ ކަމަށެވެ.
މިދިޔަ އާދިއްތަ ދުވަހު ވެސް ވަނީ އިބްރާހިމް ނާސިރު އެއާޕޯޓްގެ ރަންވޭގެ ދެކުނުން ދުއްވާފައި ދިޔަ ވޭނެއް ކޮންޓްރޯލް ނުކުރެވިގެން ގޮސް މޫދަށް ވެއްޓި ޑްރައިވަރަށް އެކިވަރުގެ އަނިޔާތައް ވެފަ އެވެ.