09 Oct 2012, 17:33
މަޖިލީހުގެ ސަރުކާރުގެ މައްސޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން ފޮނުވި އަމުރު ހުޅުމާލޭ ކޯޓަށް ލިބުން ލަސްކަމުންނާއި ރައީސް މުހައްމަދު ނަޝީދުގެ ޝަރީއަތް މިއަދު ހަވީރު 4:00 އަށް ޝެޑިއުލްކޮށްފައިވުމުން މަޖިލީހަށް ހާޒިރުވުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ހުޅުމާލޭ ކޯޓް ހިންގުމާ ހަވާލުވެ ހުންނެވި ފަނޑިޔާރު މަޖިލީހުގެ ރައީސް އަށް މިއަދު އަންގައިފި އެވެ.
ހުޅުމާލޭ ކޯޓް ވަގުތީ ގޮތުން ހިންގުމާ ހަވާލުވެ ހުންނެވި އދ. އަތޮޅު ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ފޮނުއްވެވި ސިޓީގައި ބުނެފައި ވަނީ އެ ކޯޓްގައި ދާއިމީކޮށް މަސައްކަތްކުރައްވާ ދެ ފަނޑިޔާރުން އުޅުއްވަނީ ސްޓަޑީ ލީވެއްގައި ކަމަށެވެ.
ދާއިމީ ދެ މެޖިސްޓްރޭޓުން ސްޓަޑީ ލީވެއްގައި އުޅުއްވާތީ ކޯޓާ މިވަގުތު ހަވާލުވެ ހުންނެވީ އދ. އަތޮޅު ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ހުސައިން މަޒީދެވެ. އަނެއްް ދެ ފަނޑިޔާރުންނަކީ ޖޭއެސްސީ އިން އެ ބެންޗަށް ކަނޑައެޅި ދެ ފަނޑިޔާރުންނެވެ. އެ ތިން ފަނޑިޔާރުން މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ ކޯޓަށް ހުށަހެޅިފައިވާ ފަސް މައްސަލައެއް ބެލުމަށް ކަމަށް ސިޓީގައިވެ އެވެ.
ކޮމެޓީން ފޮނުވި އަމުރުގައި ތިން ފަނޑިޔާރުގެ ނަން ހިމަނާފައި ނުވާ ކަމަށް އިޝާރާތްކޮށް ހުޅުމާލޭ ކޯޓްގެ ސިޓީގައި ބުނަނީ ކޮމެޓީގެ އަމުރުގައިވާ ތިން ފަނޑިޔާރުންނަކީ ކޮންބައެއް ކަމަށް ސާފު ނުވާ ކަމަށެވެ. އަދި އެ ފަނޑިޔާރުންނަކީ ކޮން ފަނޑިޔާރުންނެއްކަން ސާފުކޮށްދެއްވުމަށް އެދޭ ކަމަށް ސިޓީގައި ބުނެ އެވެ.
"ހައި ކޯޓަށް ހުށަހެޅިފައިވާ ފަސް މައްސަލައެއް ބެލުމަށްޓަކައި ކޯޓާ ހަވާލުވެ ހުންނެވި ފަނޑިޔާރު ހިމެނޭހެން އިތުރު ދެ ފަނޑިޔާރުން އެ ފަސް މައްސަލަ ބެލުވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ އެވެ. އެހެންކަމުން އިސްވެ ދެންނެވި ސިޓީ އާއި އަދި ސިޓީއާ އެކު ފޮނުވާފައިވާ އަމުރުގައި 'ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓްގެ 3 ފަނޑިޔާރުން' ކަމަށް ބަޔާންކޮށްފައިވާ ތިން ފަނޑިޔާރުންނަކީ ކޮބައިކަން ސާފެއްނުވެ އެވެ. ވީމާ މިކަން ސާފުކޮށްދެއްވުން އެދެމެވެ."
ހުޅުމާލޭ ކޯޓުން ފޮނުވި ސިޓީ މިއަދު ވަނީ ސަރުކާރުގެ މައްސޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީ އަށް އިއްވާފަ އެވެ.
ހުޅުމާލޭ ކޯޓްގެ ސިޓީ ކޮމެޓީއަށް އިއްވުމަށް ފަހު ބަހުސް ކުރެއްވުމަށް ހުޅުވާލި ފުރުސަތުގައި ފަނޑިޔާރުން އަނެއްކާ ވެސް ކޮމެޓީއަށް ހާޒިރު ކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ހުށަހެޅި އެވެ. އަދި ސަރުކާރަށް ތާއިދު ކުރާ މެންބަރުން ހުށަހެޅުއްވީ ފަނޑިޔާރުން ދެން އެ ކޮމެޓީއަށް ހާޒިރު ނުކުރުމަށެވެ.
ނަމަވެސް ކޮމެޓީގެ މުގައްރިރު ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދުގެ އެ ހުށަހެޅުއްވުންތަކަކަށް ވޯޓަކަށް އައްސަވާފައެއް ނުވެ އެވެ.