ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހަންމަދު ހައްޔަރުކުރި މައްސަލައާ ގުޅިގެން ހުޅުމާލޭ ކޯޓުގައި ހިންގާ ޝަރީއަތަށް ހާޒިރުވުމަށް ދެ ފަހަރެއްގެ މަތިން ކޯޓުން ނަޝީދަށް އެންގި ނަމަވެސް އެ މަނިކުފާނު ހާޒިރުވެ ވަޑައިނުގަތުމުން ކޯޓު އަމުރެއްގެ ދަށުން ނަޝީދު ވަނީ ކޯޓަށް ހާޒިރުކުރުމަށް ފުލުހުން އިއްޔެ ހައްޔަރުކޮށްފަ އެވެ.

އެމަނިކުފާނު ހައްޔަރު ކުރުމަށް ހިންގި، "ފައިލާ" އޮޕަރޭޝަންގެ ވީޑިއޯ ފުލުހުންވަނީ މިއަދު ނޫސްވެރިންނަށް ދައްކާލައިފަ އެވެ.

ހަތް މިނިޓްގެ އެވީޑިއޯއިން ފެންނަގޮތުގައި ރައީސް ނަޝީދު ހައްޔަރު ކުރުމަށް ފަރެސްމާތޮޑާއަށް ދިޔައީ މޫނު ނިވާކޮށްގެން ތިބި ސްޕެޝަލް ވެޕަންސް އެންޑް ޓެކްޓިކްސް (ސްވަޓް) ފުލުހުންނާއި ރަޔަޓްގިޔަރުގައި ތިބި ފުލުހުންނެވެ. އޮޕަރޭޝަން

ރައީސް ނަޝީދު ހުންނެވި ގުލްފާމުގެއަށް ފުލުހުން ދާއިރު އެގޭގެ ދޮރުމަތީ ހުންނެވި ކުރީގެ ހައުސިން މިނިސްޓަރު މުހަންމަދު އަސްލަމަށް ފުލުހުން އެގެއަށް ދިޔަ މަގުސަދު ދަންނަވަ އެވެ. އަދި އަސްލަމް ބޭނުންނަމަ ފުލުހުންނާއެކު ދެވޭނެ ވާހަކަ ފުލުހަކު ދެންނެވެމުން މަޑުކުރެއްވުމަށް އަސްލަމް ވިދާޅުވެ އެވެ. ނަމަވެސް އަސްލަމާ ފުލުހުންނާ ދެމެދު ވާހަކަތަކެއް ދެއްކުމަށްފަހު ދެން ފެންނަނީ ފުލުހުން އެގޭގެތެރެއަށް ވަންނަ މަންޒަރެވެ. ނަމަވެސް އެގެއަށް ފުލުހުން ވަނުމުން މަޑުކުރަން ފުލުހުންގާތު ދެންނެވުނު ކަމަށް ތަކުރާރުކޮށް އަސްލަމް ވިދާޅުވެ އެވެ.

ނަމަވެސް އަސްލަމް ބޭނުންނަމަ ބޭނުން ބަޔަކު ގޮވައިގެން ނަޝީދުއާ އެކު ދެވޭނެ ކަމަށް ފުލުހުންގެ ކޮމާންޑަރުން ވިދާޅުވެ އެވެ. އަދި ރައީސް ނަޝީދު އިންނެވީ އެގޭގަތޯ ފުލުހުން ސުވާލު ކުރެއްވުމަށްފަހު ދޮރުހުޅުވަން އަންގަ އެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި އެއް ފުލުހަކު އެގޭގެ ކޮޓަރިއެއްގެ ފެންލައިޓުން ބެލުމަށްފަހު ދޮރުހުޅުވަން ރައީސް ނަޝީދު ވެސް އެދިވަޑައިގަންނަވާ ކަމަށް އަސްލަމަށް ދަންނަވަ އެވެ. އަދި އެވަގުތު ރައީސް ނަޝީދު ވެސް "އާނ ހުޅުވާ"ށޭ ވިދާޅުވާ އަޑު އިވެ އެވެ.

ނަމަވެސް އަސްލަމްގެ ފަރާތުން އެކަމަށް އެއްބާރުލުން ނުލިބުމުން ފުލުހަކު ދޮރުގައި ފައިންޖަހާ ހަލާކުކޮށްލުމަށްފަހު އެކޮޓަރި ތެރެއަށް ވަދެ އެވެ. އެވަގުތު ކޮންމެވެސް ބިއްލޫރި އެއްޗެއް ތަޅައިގެންދިޔަ އަޑު އިވެ އެވެ. ފުލުހުން ބުނެފައިވަނީ އެއީ އެގޭ ސިޓިންރޫމްގައި ހުރި މޭޒެއް ކަމަށެވެ. އަދި އެމޭޒު ތަޅައިގެން ދިޔައީ އަސްލަމް އޭގެ މައްޗަށް ވެއްޓިގެން ކަމަށެވެ.

އެވީޑިއޯއިން ފެންނަ ގޮތުގައި ރައީސް ނަޝީދު އިންނެވި ކޮޓަރިއަށް ފުލުހުން ވަދެ އެމަނިކުފާނަށް ފުރިހަމަ ރައްކާތެރިކަން ލިބޭނެ ކަމަށާއި އެމަނިކުފާނާއެކު އަސްލަމާއި އިލްޔާސް ވެސް ދާނެ ކަމަށާއި އިތުރުބަޔަކު ގެންދަން ބޭނުންވޭތޯ ސުވާލު ކުރުމުން ފަހުން ދަންނަވާނެ ކަމަށް ރައީސް ވިދާޅުވެ އެވެ. ރައީސް ނަޝީދު ފުލުހުންނާއެކު ދާއިރު މީހަކު އެއް ލަފާނެ އެއްޗަކުން ސަލާމަތްވުމަށް ހެލްމެޓް އެޅުމަށް ދެންނެވުމުން އެކަމަށް އެމަނިކުފާނު އިންކާރު ކުރެ އެވެ. އަދި އެވަގުތު ތިއްބެވި ފުލުހުން ރައީސްގެ ވަށައިގެން ތިއްބެވުމަށް ވިދާޅުވުމުން އެކަމަށް ފުލުހުން އެއްބަސްވެ އެވެ.

އަދި ފުލުހުން އެތަނަށް ރައީސް ބަލައި ދިޔައީ ކޯޓު އަމުރެއް ތަންފީޒު ކުރަން ކަމަށާއި ފުރިހަމަ ރައްކާތެރިކަން ދޭނެ ކަމަށް ބުނެ އެވެ. އަދި އެއްވެސް އަނިޔާއެއްނުވެ ރައީސް ނެރުމަށް ތަކުރާރުކޮށް އަންގަމުންދެ އެވެ. އަދި ރައީސްއާއެކު ވަޑައިގަންނަވާނީ އަސްލަމާ އިލްޔާސް ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ރައީސް ގެންގޮސް ލޯންޗަށް އެރުވުމަށްފަހު ބޭނުންވަނީ ކޮންކަމެއްތޯ ދެންނެވުމުން މާލެ ދެވޭނެ ގަޑި އާއި ބެންޒޯ ސިނގިރޭޓް ފޮށްޓެއް ބޭނުންވާ ކަމަށް ނަޝީދު ވިދާޅުވުމުން އިތުރު ކަމެއް ބޭނުންތޯ ސުވާލު ކުރުމުން ވިދާޅުވަނީ "އަޅުގަނޑު ދާންވެގެންނޭ މިދަނީ. މިހާރު އަޅުގަނޑުމެން ބޭނުންވާ ފޮޓޯ ލިބިއްޖެ. އެބައި ނިމިއްޖެ. ދެން މިރޭ އަޅުގަނޑު ދޫކޮށްލިޔަސް ރަނގަޅުވާނެ. އަބުދުﷲ ރިޔާޒަށް ދަންނަވާ އެގޮތަށް. އަޅުގަނޑުމެން ބޭނުންވާ ފޮޓޯ ލިބިއްޖެއޭ އަޅުގަނޑުމެން މިދަނީ ދާންށޭ. އަބުދުﷲ ރިޔާޒަށް ދަންނަވާ އަޅުގަނޑުމެން މިދަނީ ދާންށޭ." ރައީސް ނަޝީދު ވިދާޅުވެ އެވެ.

ލިޔުމާ ގުޅޭ ވީޑިއޯ:

http://www.youtube.com/watch?v=58uIj_zqx7s