ސ. ގަމުގެ ބައިނަލްއަގްވާމީ އެއާޕޯޓް ތަރައްގީކުރުމަށް ޝޯޓް ލިސްޓް ކޮށްފައިވާ ތިން ކުންފުނިތެރެއިން އެ ޕްރޮޖެކްޓް ހަވާލުކުރެވޭ ކުންފުއްޏަށް މި އަހަރުގެ ޑިސެންބަރު މަހުގެ މެދުތެރޭގައި ހަވާލުކުރާނެ ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.

މިއަދު އެސްޓީއޯ ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ގަން އެއާޕޯޓް ހިންގާ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވީ މި އަހަރުގެ ތެރޭގައި ގަން އެއާޕޯޓް ތަރައްގީކުރާނެ ފަރާތެއް ހޯދަން އިއުލާންކުރުމުން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރި ތިން ފަރާތަށް މިހާރު ބިޑް ޑޮކިއުމަންޓް ވެސް ހަވާލުކޮށްފައިވާ ކަމަށާއި އަދި އެ ތިން ފަރާތުގެ ބިޑް ސަބްމިޓް ކުރުން އަންނަ މަހު 28ގައި އޮންނާނެ ކަމަށެވެ.

އެއާޕޯޓް ތަރައްގީ ކުރުމަށް ޝޯޓް ލިސްޓް ކޮށްފައިވާ ތިން ކުންފުއްޏަކީ މެލޭޝިއާގެ މުހިއްބާ އާއި ޑެންމާކްގެ އެމްޓީ ހޯގާޑްގެ އިތުރުން އިނގިރޭސިވިލާތުގެ ލަގާން ކޮންސްޓުރަކްޝަން އެވެ.

"މިކޮންޓުރެކްޓަކީ ކޮންޓުރެކްޓަ ފައިނޭންސް ފައިނޭންސް އުސޫލުން އަދި ޑިޒައިން ބިލްޑް ކޮންޓުރެކްޓެއްގެ ގޮތުގައިދާ ޕްރޮޖެކްޓެއް އެހެންވީމާ ކޮންޓުރެކްޓަރުން މިއަށް ފައިނޭންސް ވެސް ގެނެސްދޭނީ، ކޮންޓްރެކްޓަރުނަކީ ޑީޓެއިލް ޑިޒައިން ހަދާ ފަރާތަކީ ވެސް،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު އަދި ވިދާޅުވީ މިއަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި މަސައްކަތް ފައްޓައި 12 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

އެއާޕޯޓް ތަރައްގީ ކުރުމުގެ ޕްރޮޖެކްޓުގައި ހިމެނެނީ ރަންވޭ ދިގުކުރުމާއި އޭޕްރަން މަރާމާތު ކުރުމާއި ރަންވޭ ރީސާފޭސް ކުރުމުގެ ގޮތުން ރަންވޭ މަތީގައި ތާރުގެ އިތުރު ފަށަލައެއް އެޅުމުގެ އިތުރުން ސީ ޕްލޭން ބޭސްއެއް ގާއިމްކުރުމެވެ.

ގަން އެއާޕޯޓް ތަރައްގީކުރާނެ ފަރާތަކާ ޑިސެމްބަރު މަހުގެ ތެރޭގައި ހަވާލުކުރަން ނިންމާފައިވާއިރު ގަން އެއާޕޯޓް ކޮމްޕެނީ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ އިތުރުން އެސްޓީއޯ ގުޅިގެން އުފައްދާފައިވާ ކުންފުނި، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ)ގެ 30 ޕަސެންޓް ހިއްސާ ވިޔަފާރިވެރިޔާ ޗަންޕާ ހުސައިން އަފީފުގެ ހިއްސާ އޮންނަ ކުންފުންޏަކަށް، 60 މިލިއަން ރުފިޔާ އަށް ވިއްކާލަން ނިންމައި އެ އެއާޕޯޓް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތެއް ވަނީ ފައްޓައިފަ އެވެ.