ހއ. އަތޮޅުގެ ރައްޔިތުންނަށް އެ އަތޮޅުގައި ތިބެގެން ލައިސަންސް ލިބޭނެ އިންތިޒާމު އެ އަތޮޅު ކައުންސިލުން ހަމަޖައްސައިފި އެވެ.

ހއ. އަތޮޅު ކައުންސިލުން މިއަދު ބުނީ ލައިސަންސް ޕްރިންޓްކޮށް، ދޫކުރުމުގެ ހިދުމަތް މިއަދުން ފެށިގެން އަތޮޅު ކައުންސިލުން ދޭން ފަށާފައިވާ ކަމަށެވެ.

ހއ. އަތޮޅު ކައުންސިލުގެ ރައީސް އަހުމަދު ރިޝްވާން ވިދާޅުވީ ލައިސަންސް ދިނުމުގެ ހިދުމަތަށް ބޭނުންވާ ވަސީލަތްތައް ހޯދައި އެ ހިދުމަތް ދެވޭނެ ނިޒާމު ގާއިމްކުރީ ހއ. އަތޮޅު ރައްޔިތުންގެ ބަޖެޓުން ހަރަދުކޮށްގެން ކަމަށެވެ.

"މިއީ ރައްޔިތުންނަށް ވަރަށް މުހިއްމު ހިދުމަތެއް، އެހެން ވީމާ ރައްޔިތުންގެ ބަޖެޓުން ހަރަދުކޮށްގެން ވެސް އަޅުގަނޑުމެން މި ހިދުމަތް މިފެށީ. މިއީ މި ހިދުމަތް ރާއްޖޭގައި ފެށި ހަތަރުވަނަ އަތޮޅު،" ރިޝްވާން ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން ރަށްތަކާއި އަތޮޅުތަކުގެ ކައުންސިލުތައް އިންތިހާބު ކުރި ފަހުން މާލޭގައި ދެމުން ގެންދިޔަ ގިނަ ހިދުމަތްތަކެއް އަތޮޅުތަކަށް ބަދަކުރުމަށް ކުރީގެ ސަރުކާރާއި މިސަރުކާރުން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އަދި އެކަމުގައި ބައެއް އަތޮޅުކައުންސިލްތަކުން އަންނަނީ އިސްނަގަމުންނެވެ.