އަވަހާރަކޮށްލާފައިވާ ލީބިޔާގެ ކުރީގެ ލީޑަރު ކާނަލް މުއައްމަރުލް ގައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމްގެ ޝަރީއަތް ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ)ގައި ކުރަންދޫ ނުކުރެވޭނެ ކަމަށާއި އޭނާގެ ޝަރީއަތް އޮންނާނީ ލީބިޔާގައި ކަމަށް އެގައުުމުގެ ސަރުކާރުން ބުނެފި އެވެ.

ސައިފުލް އިސްލާމް ހައްޔަރުކުރި ދުވަހުން ފެށިގެން ވެސް އައިސިސީން ބުނަމުން ދަނީ އޭނާގެ ޝަރީއަތް އެކޯޓްގައި ކުރަން ޖެހޭ ކަމަށެވެ. އެކޯޓުން އޭނާގެ މައްޗަށް ކުރާ ދައުވާ އަކީ މިދިޔަ އަހަރު ލީބިޔާގައި ހިނގި ސަރުކާރާ ދެކޮޅަށް ރައްޔިތުން ތެދުވުމުގެ ހަރަކާތްތައް ހުށްޓުވުމަށް، މީހުންމެރުމާއި އިންސާނިއްޔަތާ ހިލާފު އަނިޔާތައް ކުރުމުގެ ކެމްޕޭން އިންތިޒާމްކުރި ކަމުގެ ދައުވާ އެވެ.

ސައިފުގެ ވަކީލު ވިދާޅުވަމުން ގެންދަވަނީ ލީބިޔާގައި ޝަރީއަތް ކުރާނަމަ އެ ޝަރީއަތް އިންސާފުވެރި ނުވާނެ ކަމަށެވެ. ނަމަވެސް ލީބިޔާގެ ނެޝަނަލް ޓްރާންސިޝަނަލް ކައުންސިލްގެ ކުރީގެ މެމްބަރު އަދި ސިޔާސީ މުހައްލިލު މޫސާ އަލްކޫނީ ވިދާޅުވަނީ ލީބިޔާ މިހާރު އޮތީ އެފަދަ ޝަރީއަތެއް ކުރެވޭ ވަރަށް ތައްޔާރުވެފައި ކަމަށެވެ.

"އަހަރެމެންގެ ޝަރުއީ ނިޒާމު މިހާރު އޮތީ އަލުން ހަމަ މަގަށް އެޅިފައި، އަދި ދަނީ ކުރީގެ ވެރިކަމުގެ ހުރިހާ އިސް ފަރާތްތަކުގެ ޝަރީއަތް ކުރަން މަޑުމަޑުން ފަށަމުން، އެމީހުންނަކީ އެވެރިކަމުގެ ބައެއް، އެހެންވީމާ އޭގެ ތެރެއިން އެއްބައި ދޫކޮށްލާގައި ކިހިނެތްތޯ އަނެއްބައި ސާފުކުރާނީ؟" އަލްކޫނީ ވިދާޅުވެފައިވެ އެވެ.

ސައިފްގެ ޝަރީއަތް ކުރުމަށް އަސީސީއާ ހަވާލުކުރުމަށް ލީބިޔާއިން ދެކޮޅު ހަދާ މައްސަލައިގެ ދެ އަޑުއެހުމެއް މިއަދާއި މާދަމާ އޮންނާނެއެވެ. ( އަލްޖަޒީރާ )