ބުމަ ރީތި ކޮށް ޝޭޕް ކޮށް ބެހެއްޓުމަކީ މޫނުގެ ރީތިކަން އިތުރަށް ދައްކުވައިދޭ ކަމެކެވެ. ގިނަ މީހުންގެ ހާއްސަ ކޮށް ދިވެހިންގެ ބުމައިގެ އިސްތަށި ގިނަވެފައި ވަރުގަދަ އެވެ. ނަމަވެސް އިސްތަށި މަދުން ހުންނަ ބުމަތައް ވެސް މަދެއް ނޫނެވެ. މޭކަޕް ބޭނުން ކޮށްގެން މިކަހަލަ ބުމައިގެ ރީތިކަން ފާޅު ކޮށްދެވިދާނެ އެވެ. މި އާޓިކަލް ގައި މި ބަލައިލަނީ ޓުވިޒަރ (ބުމައިން އިސްތަށި ނައްޓަން ބޭނުން ކުރާ ޓޫލް އެއް) އަދި ބުމަ ފަންސޫރު ބޭނުން ކޮށްގެން ބުމަ ރީތި ކުރެވިދާނެ ގޮތްތަކަކަށެވެ. ފުރަތަމަ ކަމަކަށް ތިމާގެ ހުންނަނީ ކޮންކަހަލަ ބުމައެއް ތޯ ރަނގަޅަށް ބަލާށެވެ. ދެބުމަވެސް ރީތި ކޮށް އެއްވަރަށް ބަހައްޓަން ބޭނުން ނަމަ ބުމަ ފެށޭ ތަނަކީ ނޭފަތުގެ މަތީ ކޮޅު ކަމުގައި ހަދާށެވެ.

1. ބުމައިން އިސްތަށި ނެއްޓުމުގެ ކުރިން ބުމައިގައި ފަންސޫރު އަޅާށެވެ. ބުމައިގާ ފަންސޫރު އަޅާ އިރު ބުމަ ބަހައްޓަން ބޭނުންވާ ޝޭޕަށް އަޅާށެވެ. އޭރުން ޓުވިޒަރ ބޭނުން ކުރާއިރު ފަސޭހަ ވާނެއެވެ.

2. ބުމައިގާ ފަންސޫރު އެޅުމަށްފަހު ބުމަ ބްރަޝް އަކުން ބުމައިގާ ބްރަޝް ކޮށްލާށެވެ. އެގޮތުން ބުމައިގާ ކުރެހި ޝޭޕަށް އެކަމަކު އިސްތަށި މައްޗަށް ވާ ގޮތަށް ބްރަޝް ގެންދާށެވެ. އޭރުން އިސްތަށްޓަށް ވޮލިއުމް ލިބޭނެއެވެ.

3. ޓްވީޒަރުގެ ކޮޅުން ބުމައިގެ ޝޭޕަށްވުރެ ދުރުގައި ހުރި ކުދި އިސްތަށިތައް ނައްޓާށެވެ. ފުރަތަމަ ޓްވީޒް ކުރާނީ ބުމައިގެ ތިރީގައި ހުރި (ލޮލުގެ މަތި) ބޭކާރު އިސްތަށި ތަކެވެ. ޓްރީޒް ކުރަން މޮޅު ނޫން ނަމަ ނުވަތަ ފަރިތަ ނޫން ނަމަ ބުމައިގެ މަތީ ގައި ހުރި ބޭކާރު އިސްތަށި ޓްވީޒް ކުރަން ނޫޅޭށެވެ. އެއީ ނުބައި އިސްތައްޓެއް ނެއްޓިއްޖެ ކަމަށް ވާނަމަ މުޅި ބުމައިގެ ޝޭޕް ގެއްލޭނެތީއެވެ. ޓްވީޒް ކުރަމުން ދާއިރު، ލޯގަނޑާ ތަންކޮޅެއް ދުރަށް ޖެހިލާފައި ރަނގަޅަށް ތޯ ކުރެވެނީ ދޭތެރެ އަކުން ބަލައިލުމަށް ފަހު ކުރިއަށް ގެންދާށެވެ. އެހެނީ މާގިނައިރު ވަންދެން ބުމައަށް ބަލަހައްޓައިގެން ހުރުމުން ފޯކަސް ގެއްލި ބުމަ ބަހައްޓަން ބޭނުންވާ ޝޭޕް އޮޅިދާނެތީއެވެ. ބުމަ ވެކްސް ކުރުން ނުވަތަ ތްރެޑް ކުރުމަކީ (ރޮދިން ބުމަހެދުން) އެހާ ރަނގަޅު ކަމެއް ނޫނެވެ. އެއީ ލޮލު ކައިރީ ހުންނަނީ ނާޒުކު ހަން ކަމުގައި ވެފައި ވެކްސް އަދި ތްރެޑް އަކީ އެހާ ނާޒުކު ކޮށް ކުރެވޭ ކަންތަކަށް ނުވުމެވެ. އެހެން ކަމުން އެންމެ ރަނގަޅު ގޮތަކީ ޓްވީޒަރެއް ބޭނުން ކުރުމެވެ.

4. ބުމައިގެ އެންމެ މުހިއްމު ބަޔަކީ ބުމައިގެ ތިރީ ކައިރި އެވެ. އެހެން ކަމުން ބުމަ ޝޭޕް ކޮށް ފަންސުރު އަޅާ އިރު އެބަޔަށް އިތުރު ސަމާލު ކަމެއް ދޭންވާނެއެވެ.

5. ބުމައިގާ އަޅަން އިހްތިޔާރު ކުރަން ވާނީ ކުލަ މަޑުން އަންނަ ފަންސޫރެކެވެ އޭރުން މަޑު މަޑުން ބުމައިގާ އަޅަމުން ކުލަ އެއްވަރު ކުރަމުން ގެންދެވޭނެ އެވެ.

6. ބުމައިގެ އިސްތަށިތައް ކޮށުމަކީ އެހާ ރަނގަޅު ކަމެއް ނޫނެވެ. ހާއްސަކޮށް ބުމައިގެ އިސްތަށި ބޯ ނަމަ، އިސްތަށި ކޮށުމުން ދެން ފަޅާ އިސްތަށި އެއަށްވުރެ ބޯކޮށް ފަޅައެވެ. އެހެން ނަމަވެސް ބައެއް ފަހަރު ބައެއް އިސްތަށި މާދިގު ހެން ހީވާނަމަ އެ އިސްތަށި ތަކުގެ ކޮޅުން ކޮށާލުމަކީ އެންމެ ރަނގަޅު ގޮތެވެ. ބުމަ ބްރަޝް އަކުން މައްޗަށް ވާ ގޮތަށް ބުމައިގާ ހުރި އިސްތަށި ބްރަޝް ކުރުމަށްފަހު (މިގޮތަށް ބްރަޝް ކުރާނީ މައްޗަށްވާ ގޮތަށް ވިއަސް ބުމަ ހުރި ޝޭޕަށް) އެއްވަރުނޫން އިސްތަށި ނުވަތަ އާދަޔާ ހިލާފަށް ދިގު އިސްތަށިތައް ކޮޅުން ކޮށާލާށެވެ.

7. މިހާރު ހުންނާނީ ބުމައިގާ އެޅި ފަންސޫރު ކުލަ ފަނޑުވެފައެވެ. އެހެން ކަމުން އަލުން އެއްފަހަރު ފަންސޫރު ބުމައިގާ އެޅުމަށް ފަހު އަނެއް ބުމަވެސް މި ބުނި ގޮތަށް ހަދާށެވެ.

8. ދެވަނަ ބުމަ ހަދަމުން ދާއިރު ފުރަތަމަ ހެދި ބުމަ ފަށާފައި ހުރި ހިސާބު ލަފާ ކޮށްފައި އެއާއި ވީހާވެސް އެއްގޮތަކަށް ހެދޭތޯ ބަލަންވާނެއެވެ.

9. ނިންމާލަމުން ޓްރާންސްލޫސަންޓް ޕައުޑަރ ނުވަތަ ބޭނުން ކުރާ ފުށެއް ބުމަ ކައިރީ ޖަހާލައިށެވެ. އޭރުން ބުމަކައިރީ ހުރި ތެޔޮކަން ފިލައި ބުމަ ތާޒާކޮށް ހުންނާނެއެވެ.