ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިޒާމްގެ ތެރެއިން ފުލުހުން ގެއްލުވާލާފައި ކަމަށް އެމްޑީޕީން ބުނެފި އެވެ.

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އަމުރަކާ ގުޅިގެން ދޫނިދޫގައި ހައްޔަރުކޮށްފައި ހުންނެވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ނަޝީދުއާ ބައްދަލު ކުރެއްވުމަށް ފަހު އެމްޑީޕީގެ ޗެއާޕާސަން މޫސަ މަނިކު ނޫސްވެރިންނާ ބައްދަލު ކުރައްވައި މިއަދު ވިދާޅުވީ ކޯޓު އަމުރެއް ނެތި 24 ގަޑިއިރަށް ވުރެ ގިނަ އިރު އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި ނުބެހެއްޓޭނެ ކަމަށާއި މިހާރު ނަޝީދު ފުލުހުންގެ ބެލުމުގެ ދަށުގައި އެ ހުންނެވީ ނިޒާމުން ބޭރުގައި ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ނިޒާމުން ބޭރުގައި ނަޝީދު ހައްޔަރުކޮށް ބެހެއްޓިފައި އެވަނީ. އަޅުގަނޑު އެކަން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރަން އަދި އަޅުގަނޑު ގޮވާލަން ފުލުހުނަށް އެމަނިކުފާނު އެ ގޮތަށް ނުބޭންދޭނެ ކަމަށް،" މޫސަ ވިދާޅުވި އެވެ.

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަކީ ގާނޫނާ ހިލާފަށް އުފައްދާފައިވާ ކޯޓެއް ކަމަށާއި އެ ކޯޓުން އަމުރު ނެރިފައި ވަނީ ވެސް ކޯޓަށް ހާޒިރު ކޮށްދިނުން ކަމަށާއި ނަޝީދު ގޭގައި ބަހައްޓައިގެން ވެސް ހާޒިރު ކޮށްދެވޭނެ ކަމަށް މޫސާ ވިދާޅުވި އެވެ.

"[ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން] ނެރެފައިވާ އަމުރަކީ ވެސް ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުން މިއަދު ހަވީރު ހަތަރެއް ޖަހާއިރަށް. އެހެން ނަމަވެސް އޭގެ މާނައަކީ ގޭގެ ބަންދުގައި ވެސް ބެހެއްޓިދާނެ. ފުލުހުނަށް ބޭރުގައި ވެސް ތިބެވިދާނެ. އެހެން ނަމަވެސް އެ ވަނީ އެމަނިކުފާނުގެ މިނިވަންކަން ނިގުޅައިގެންފައި،" މޫސަ ވިދާޅުވީ އެވެ.

އަދި ވިދާޅުވީ ނަޝީދުއާ މެދު މުއާމަލާތް ކުރެވެނީ ކުށްވެރިންނާ މެދު ކުރެވިދާ ގޮތަށް ކަމަށާއި ފުލުހުންނާ ތަބާވަމުން ދަނީ ގާނޫނާ ހިލާފު އަމުރުތަކަށް ކަމަށެވެ.

ފުލުހުން ނަޝީދު ހައްޔަރުކޮށްފައި ވަނީ މިއަދު ހަވީރު އޮންނަ ޝަރީއަތުގެ މަޖިލީހަށް އެމަނިކުފާނު ހައްޔަރުކޮށްގެން ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ފުލުހުންގެ މައްޗަށް ނެރުނު އަމުރާ ގުޅިގެންނެވެ.

ނަޝީދު މައްޗަށް ދައުލަތުން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ނިޒާމްގެ ތެރެއިން ގެއްލުވާލައިގެން އުޅުނު މައްސަލަ އެވެ.