ދުޅަހެޔޮ ސިއްޙަތެއް ގައި ތިބުމަށް އެތައް ގިނަ ޚަރަދު ތަކެއް ކުރަމުން ދާ ފަރާތްތަށް ގިނަގުނައެވެ. ގައިންގަޔަށް ނާރާ ބަލިތަކުން ދުރުވުމާއި ރަނގަޅު ސިއްޙަތެއްގައި ދެމިތިބުމަށް ކެއުމުގެއާދަތަށް ޤުދްރަތީ ގޮތުން ލިބިދޭ ފައިދާހުރިކާނާއަށް ބަދަލުކުރަން ޖެހެއެވެ. މިގޮތުން އެކިވައްތަރުގެ ނަޓު ނުވަތަ އޮށުން ލިބޭ ފައިދާތައް އެނގެން ޖެހެއެވެ. އަދި ކޮންމެދުވަހަކުވެސް އެކިވައްތަރުގެ ނަޓް ބޭނުންކުރުމާއި ބޭނުންކުރާނަޓަކީ ލޮނު، ހަކުރު ނުވަތަ ތެޔޮ އަޅާފައިވާ ނަޓަކަށް ނުވުމަކީ މުޙިއްމު ކަމެކެވެ.

ކޮލެސްޓްރޯލު މަތިނަމަ އާމަންޑް، މެކަޑާމިޔާ ނުވަތަ ޕެކާން ބޭނުން ކުރާށެވެ. ކޮލެސްޓްރޯލަކީ ތެޔޮ ހުންނަ ކާނާ ހަޖަމު ކުރުމުން ފުރަމޭއިން އުފައްދާ ބާވަތެކެވެ. ކޮލެސްޓްރޯޯލްގެ ހަށިގަނޑަށް ގެއްލުއްދޭ ވައްތަރުގެ ސަބަބުން ހިތުގެ ބަލިޖައްސާ އެއްފަޅި ވާގިނެތޭބަލިޖެހުމުގެފުރުސަތު ބޮޑުވެދެއެވެ. ހުރިހާވައްތަރެއްގެ ނަޓަކުންވެސް ކޮލެސްޓްރޯލް ތިރިކުރިކަމުގައިވިޔަސް އެންމެ ބޮޑަށް ތިރިވާކަމަށް ހޯދިފައިވަނީ އާމަންޑް، މެކަޑާމިޔާ ނުވަތަ ޕެކާން އިންނެވެ.

މުސްކުޅިވުމުގެ އަސަރު ހަށިގަނޑުން ފިލުވާލުމަށް ހޭޒަލް ނަޓް ބޭނުން ކުރާށެވެ. ހޭޒަލް ނަޓަކީ ހަން ގުތުރަތީ ރީތިކަމުގައި ބެހެއްޓުމާއި، ހަން ބަދަލުވުމުގައި އެހީވެދޭ ނަޓެކެވެ. އެއީ އެ ނަޓު ގައި ހިމެނޭ ވިޓަމިން އީ ގެސަބަބުން ހަންގަނޑު އޮމާން ކަމާއެކުބަހައްޓައިދޭތީއާއި، ރޫޖެހުމުން ދުރުކޮށްދޭތީ އެވެ. ދުވާލަކު ހައެއްކަ ހޭޒަލް ނަޓް ބޭނުން ކުރުމުން މިކަން ޙާސިލް ވާނެއެވެ.

ދަރިން ނުލިބޭނަމަ ބްރެޒިލް ނަޓް ބޭނުން ކުރާށެވެ. ދަރިފަނި އުފެދުމަށްބޭނުންވާ ކާނާގެ ބައިތަށް އެކުލެވިގެންވާ މިނަޓަކީ ދަގަޑު ގެބާވަތެއް ކަމަށްވާ ސެލީނިއަމ ގިނައަދަދަކަށް އެކުލެވޭ ނަޓެއްކަމުން ދަރިނުލިބިގެން ބޭސްކުރައްވާ ފަރާތް ތަކުން ދުވާލަކު ބްރެޒިލް ނަޓުގެ ދެތިން އޮށް ބޭނުން ކުރައްވާށެވެ.

ހަކުރުބައްޔަށް އެންމެ ރަނގަޅީ ބަދަނެވެ. ބަދަނަކީ ހަށިގަނޑުގެ ހަކުރުގެސަބަބުން އުފެދިފައިވާ ސަރުބީގެ ސެލްތައް ނައްތާލާ ލޭހޮޅިތަކުގެ ފާރުހިއްކުމުގައި ބޮޑު ރޯލެއް އަދާކުރާ ނަޓެކެވެ. އެހެން ކަމުން ހަކުރުބައްޔާއި އެހެނިހެން ފަލަވުމުގެ ސަބަބުން ޖެހުމުގެ ފުރުސަތުބޮޑު ބަލިބަލި ޖެހުން ދުރުކޮށްދިނުމުގެ އިތުރަށް ފިތުގެ ހިލަ އުފެދުން ދުރުކޮށްދެއެވެ. ދުވާލަކު ދެމޭޒުމަތީ ސަމުސާ ބަދަން ބޭނުންކުރެއްވުމުން މިފައިދާތަށް ހަށިގަނޑަށް ލިއްބައިދެއެވެ.

ހަނދާން ނެތުން އިތުރުވާނަމަ، ވޯލް ނަޓް ނުވަތަ އާމަންޑް ބޭނުން ކުރާށެވެ. ދުވާލަކު ދިހަވަރަކަށް ވޯލްނަޓު ނުވަތަ އާމަންޑް ބޭނުން ކުރާނަމަ އުމުރުން ދުވަސްވުމުން ހަނދާނަށް އަންނަ ބަދަލުތަށް ރަނގަޅުކޮށް ދެއެވެ. މި ނަޓު ތަކަކީ އޭގައި ހަށިގަނޑަށް ފައިދާހުރި އަލްފާ ލިނޮލެއިކް އެސިޑް ގެ އިތުރުން ނާރުތަށް ދުޅަހެޔޮ ކަންމަތީ ދެމެހެއްޓުމަށް ބޭނުންވާ ޕޮލިފިނޯލް ހިމެނޭ ބާވަތްތަކެކެވެ.

ފުއްޕާމޭގެ ކެންސަރުޖެހުމާދުރުކޮށްދޭ ނަޓަކީ ޕިސްތާޝޯ އެވެ. އެއީ ޕިސްތާޝޯ ގައި ހިމެނޭ ގާމާ ޓޮކޮފެރޯލް ގެ ސަބަބުންނެވެ. ދުވާލަކު ފަންސާސް ޕިސްތާޝޯ އޮށް ބޭނުން ކުރުމުން ފުއްޕާމޭގެ ކެންސަރުގެއިތުރުން އެހެން ކެންސަރުތަކުން ވެސް ދުރުކޮށްދެއެވެ.

ހިކެން ބޭނުންވާ ފަރާތްތަކުން އާމަންޑް ބޭނުންކުރާށެވެ. އާމަންޑް އިން ހިކުމުގައި އެހީ ވެދޭގޮތެއް ކަމަށް ބެލެވިފައިވަނީ އާމަންޑުބޭނުންކުރުމުން މައިދާފުރުމުގެސަބަބުން އެހެނިހެން ކާތަކެތި ކާހިތްނުވުމެވެ. އެހެންކަމުން ހަށިގަނޑަށް އެހެން ކާނާއިން ލިއްބައިދޭ ހަކަތަ ނުވަތަ ކެލޮރީ މަދުވުމުން ހިކުމަށް މަގުފަހިވެއެވެ.

ކާނާ ފުރިހަމައަށް ކޮންމެދުވަހަކުވެސް ބޭނުން ކުރުމަކީ ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމުގެ ސިއްރެވެ. އެހެންކަމުން އެކިވައްތަރުގެ ނަޓު ކޮންމެދުވަހަކުވެސް ބޭނުން ކުރުމުގެ އިތުރުން ހަށިގަނޑަށް ފައިދާހުރިއެހެނިހެން ކާނާ ބޭނުންކުރުން މުހިއްމެވެ.