ކޯނީގެ ރިޕޯޓުގައި ހުށަހަޅާފައިވާ ކަންކަމާ ބެހޭ ގޮތުން ކުރާ ދިރާސާ އަކަށް ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު މިއަދު ހާޒިރު ކުރި، ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީ، ކުރިއަށް ނުގެންދެވިގެން ހުއްޓާލައިފި އެވެ.

މިއަދު މެންދުރުފަހު 2:00 ފެށި ކޮމެޓީ ކުރިއަށް ނުގެންދެވުނީ ކޯލިޝަން ޕާޓީތަކުގައި ހިމެނިވަޑައިގަންނަވާ މެންބަރުން ކޮމެޓީ ކުރިއަށް ގެންދިއުމަށް ހުރަސްއެޅުއްވުމުންނެވެ. ކޮމެޓީ ކުރިއަށް ނުގެންދެވިގެން ދެ ފަހަރެއްގެ މަތިން ކޮމެޓީގެ ބައްދަލުވުން މެދުކަނޑާލި އެވެ. ކޮމެޓީގައި މެންބަރުން އަޑުގަދަކޮށް، ހަޅޭއްލަވަމުން ގެންދެވިއިރު ހޯމްމިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު އިންނެވީ ކޮމެޓީގަ އެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކޮމެޓީގެ މިއަދުގެ ފުރަތަމަ ބައްދަލުވުމުން ފެށުމާއެކު ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާގު މުފީދު (ހިސްޓޯ)އާއި ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކާއި ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ފުނަދޫ ދާއިރާގެ މެންބަރު އަލީ ސަލީމް ކޮމެޓީ ކުރިއަށް ގެންދިއުމަށް ހުރަސް އެޅުއްވި އެވެ. އެ ބޭފުޅުން މައްސަލައެއްގެ ގޮތުގައި ނެންގެވީ ފަނޑިޔާރުން ކޮމެޓީއަށް ހާޒިރު ކުރުމަކީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކުރައްވާ ކަމެއް ކަމަށެވެ.

އަލީ ސަލީމް ވިދާޅުވީ ކޯނީގެ ރިޕޯޓާ ގުޅޭ ގޮތުން ހޯމް މިނިސްޓަރު ކޮމެޓީއަށް ހާޒިރު ކުރައްވާނަމަ އެންމެ ފުރަތަމަ ކޯނީގެ ރިޕޯޓްގެ ދިރާސާ ކުރައްވާނެ އުސޫލުތަކެއް ބަޔާންކުރައްވަން ޖެހޭނެ ކަމަށެވެ. ނަމަވެސް އެއްވެސް އުސޫލެއް ނެތި ހިތައް އެރި ވަގުތެއްގައި ހޯމް މިނިސްޓަރު ކޮމެޓީއަށް ގެންނަވައިގެން ބޭނުންހާ ގޮތެއް ނެހެދޭނެ ކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ކޯނީގެ ރިޕޯޓްގެ ދިރާސާއަށް މިނިސްޓަރު ޖަމީލަށް ސުވާލު ދެންނެވުމަށް ކޮމެޓީގެ މުގައްރިރު މަސައްކަތްޕުޅު ފެއްޓެވުމާއެކު ނިހާން އާއި ޝިފާގު މުފީދު ކޮމެޓީގައި އަޑުގަދަ ކުރައްވަން ފެއްޓެވި އެވެ. އަދި މަޖިލީހުގެ މާއްދާތަކާއި ގާނޫނު އަސާސީގެ މާއްދާތައް ހަރުއަޑުން އެބޭފުޅުން ގެންދެވީ ވިދާޅުވަމުންނެވެ.

މިއަދުގެ ކޮމެޓީ ނިންމަވާ ލައްވަމުން އަލީ ވަހީދު ވިދާޅުވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާގު މުފީދާއި ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކާއި ފުނަދޫ ދާއިރާގެ މެންބަރު އަލީ ސަލީމް އާއި މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމް އަލީ ކޮމެޓީ ކުރިއަށް ނުގެންދެވިގެން ހުއްޓާލީ ކަމަށެވެ. ނަމަވެސް ހޯމް މިނިސްޓަރު ދެން ކޮމެޓީއަށް ހާޒިރު ކުރާނެ ދުވަހެއް އޭނާ ވިދާޅެއް ނުވެ އެވެ.