09 Oct 2012, 15:14
ރައްޔިތުންގެ މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެެއް ހުށަހެޅުމާއި މަޖިލީހުން ކަޑައަޅާ ގޮތެއްގެ މަޖިލީހުގެ ކޮމެޓީތަކަށް ހާޒިރުވެ ހެކިބަސް ދިނުމަށް ކޮންމެ މީހަކަށްވެސް އެންގުމުގެ ބާރު ގާނޫނު އަސާސީން ލިބިފައިވާކަމަށް ކޮމެޓީތަކަށް ލިބިގެންވާކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފި އެވެ.
މަޖިލީހުގެ އިދާރާއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނަނީ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މަޖިލީހުގެ ކޮމެޓީއަކަށް ހާޒިރުވެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ހެކިބަސް ދިނުމަށާއި މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެެއް ހުށަހެޅުމަށް އެންގުމުގެ ބާރު ގާނޫނު އަސާސީގެ 99 ވަނަ މާއްދާ އިން މަޖިލީހަށް ލިބިގެންވާކަމަށެވެ.
އެ ބަޔާނުގައި ބުނަނީ އެ މާއްދާގެ ދަށުން އެފަދަ ބާރުތަށް މަޖިލީހަށް ލިބިގެންވާއިރު، ހަމަ އެ މާއްދާގެ ދަށުން ފަނޑިޔާރުންނާއި އެނޫންވެސް ފަރާތްތަށް މަޖިލީހުގެ ކޮމެޓީއަށް ހާޒިރުކުރުމަކީ މަޖިލީހުން ކުރަމުން ގެންދާ ކަމެއް ކަމަށެވެ.
މިހާތަނަށް މަޖިލީހުގެ ކޮމެޓީތަކަށް ފަނޑިޔާރުން ހާޒިރުކޮށްފައިވީ ނަމަވެސް ފަނޑިޔާރުންގެ އެއްވެސް ނިންމެވުމަކާ ގުޅޭގޮތުން ނޫންނަމަ ޝަރީއަތަކާއި ގުޅޭގޮތުން އަދި ފަނޑިޔާރުންގެ ކަންކަން ބެލުމަށް ގާނޫނު އަސާސީން އެހެން މުއައްސަސާއަކާއި ހަވާލުކޮށްފައިވާ ކަމެއްގެ ތެރެއަށް މަޖިލީހުން ވަދެފައި ނުވާނެ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
"މިހާތަނަށް ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރި އެއްވެސް ފަނނޑިޔާރަކާ އެ ފަނޑިޔާރެއްގެ އެއްވެސް ނިންމެވުމަކާ ގުޅޭގޮތުން ނުވަތަ ހިންގަވާ ޝަރީއަތަކާ ގުޅޭގޮތުން ނުވަތަ ގާނޫނު އަސާސީން ފަނޑިޔާރުންގެ ވަކި ކަމެއް ބެއްލެވުމަށް ވަކި މުއައްސަސާއަކާ ހަވާލުކޮށްފައިވާ ކަމެއްގެ ތެރެއަށް ވަދެވޭގޮތަށް މަސައްކަތް ކުރަމުން ގެންގޮސްފައެއް ނުވެއެވެ،" މަޖިލީހުގެ ބަޔާނުގައި ވެއެވެ.
ސުޕްރީމް ކޯޓުން ވެސް އަދި ޖޭއެސްސީން ވެސް ރޭ ބަޔާން ނެރެ ބުނެފައި ވަނީ އެކި ފަރާތްތަކަށް ފަޑިޔާރުން ޖަވާބުދާރީ ކުރުމަކީ ހުއްދަކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ ނ. ގައި ބުނެފައި ވަނީ "އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކު ވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައި ހަދައިގެނެއް ނުވާނެ" ކަމަށެވެ.