09 Oct 2012, 14:59
މަގާމުގެ ޒިންމާ އުފުއްލަވަމުން ނުގެންދާ ކަމަށް ބުނެ ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގެންނަވާ އެމްޑީޕީގެ މެމްބަރުން މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.
އެމްޑީޕީގެ 29 މެމްބަރަކު ސޮއިކުރައްވައި މަޖިލީހަށް ހުށަހަޅުއްވާފައިވާ އެ މައްސަލައިގައި ބުނެފައި ވަނީ ރާއްޖޭގެ މަގުތަކަކީ ރައްޔިތުންނަށް ރައްކާތެރި އަމާން މާހައުލެއްކަން ކަށަވަރުކޮށްދިނުމުގެ ޒިންމާއަކީ ހޯމް މިނިސްޓަރު ސީދާ އުފުއްލަވަން ޖެހޭ ޒިންމާއެއް ކަމަށާއި ހޯމް މިނިސްޓަރު އެ ޒިންމާ ނުނެގުމުގެ ސަބަބުން ރޯމާދުވާލުގެ ވަގުތުތަކުގައި ގަސްތުގައި މީހުން މަރައި މާރާމާރީ އާއި ކުށެއްނެތް އެތަކެއް ބަޔަކު މި ދުނިޔެ ދޫކުރަން ޖެހިފައި ވަނީ މަގުތަކުގެ އަމާންކަން ގާއިމްނުކުރެވި މާރާމާރީ އާއި ކުށްކުރަމުންދާ ދިއުން ނުހުއްޓުވިގެން ކަމަށެވެ.
ޑރ. ޖަމީލް ހޯމް މިނިސްޓަރުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން މިހާތަނަށް އަމަލު ކުރައްވަމުން ގެންދެވީ އަމަލީ ގޮތުން ކަންކަން ކުރެއްވުމުގެ ބަދަލުގައި ސިޔާސީ ގޮތުން މީހުން ހައްޔަރުކުރާނެ ކަމުގެ އަޑުހަރުކޮށް ވިދާޅުވަމުން ކަމަށެވެ. އަދި އެކަން ހުއްޓުވުމަށް މާބޮޑެތި މަސައްކަތްތަކެއް ނުކުރެވޭ ކަމަށާއި މީހުން މަރަމުންގޮސް އާއްމު ރައްޔިތުން ފެށިގެން ވަކީލުންނާއި މަޖިލީހުގެ މެމްބަރަކު އަވަހާރަކޮށްލައި ހަތް ވަނަ މަރަކާ މި އަހަރުގެ ތެރޭގައި ކުރިމަތިލާން ޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖީލީހުގެ ލެޓާހެޑްގައި މިއަދު އެމްޑީޕީ ނެރުނު ބަޔާނުގައިވެ އެވެ.
ތޫނު އެއްޗަކުން ހަމަލާދީ ވަރަށް ރަހުމްކުޑަ ގޮތަކަށް ޑރ. އަފްރާޝީމް އަލީ މިދިޔަ ހޯމަ ދުވަހުގެ ރޭ އަވަހާރަކޮށްލި ހާދިސާއާ ގުޅިގެން މުޅި ގައުމު ހާސްކަމާއި ކަންބޮޑުވުމެއްގެ ތެރޭގައިވާ އިރު ވެސް ހޯމް މިނިސްޓަރު ނަންގަވަން ޖެހޭ ޒިންމާ ނަންގަވާފައިނުވާ ކަމަށް ވެސް ބުނެފައިވެ އެވެ.
ރާއްޖޭގެ ގާނޫނު އަސާސީ އިން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތައް ހިމާޔަތްކޮށްދީ އެ ހައްގުތައް ބޭނުންކުރުމުން ގަސްތުގައި ރައްޔިތުންނަށް އަނިޔާކުރުން އިންތިހާއަށް ހައްދުފަހަނައަޅައި ދިއުމުން ވެސް އެކަން ހުއްޓުވުމަށް އެއްވެސް މަސައްކަތްތަކެއް ހޯމް މިނިސްޓަރު ކުރައްވާފައިނުވާ ކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފަ އެވެ.