09 Oct 2012, 14:48
ކުރީގެ ރައީސް މުހައްމަދު ނަޝީދު ގދ. ފަރެސްމާތޮޑާގައި ހުންނެވި ގޭގެ ކޮޓަރީގެ ދޮރުހަލާކުކޮށްލައިގެން ވަދެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރު ކުރަން ޖެހުނީ ނަޝީދުގެ އެދުމުގެ މަތިން ވެސް އަދި ފުލުހުން އެދުމުން ވެސް އެމަނިކުފާނު ހުންނެވި ކޮޓަރީގެ ދޮރު، ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ހުޅުވައިނުދެއްވުމުން ކަމަށް ފުލުހުން ބުނެފި އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގެ ޝަރީއަތަށް މިއަދު ހަވީރު 4:00 ޖަހާއިރަށް ރައީސް ނަޝީދު ހައްޔަރުގައި ބަހައްޓައިގެން ހާޒިރު ކުރުމަށް ހުޅުމާލެ ކޯޓުން ފުލުހުންގެ މައްޗަށް ކުރި އަމުރާ ގުޅިގެން ފުލުހުން ވަނީ ރައީސް ނަޝީދު ހުންނެވި ފަރެސްމާތޮޑާ އަށް އިއްޔެ ހެނދުނު ގޮސް ނަޝީދު ހައްޔަރުކޮށްފަ އެވެ.
ނަޝީދު ހައްޔަރު ކުރުމަށް އިއްޔެ ހެނދުނު ފުލުހުން ހިންގި "އޮޕަރޭޝަން ފައިލާ"އާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝަމީމް މިއަދު ވިދާޅުވީ ރައީސް ނަޝީދު ހައްޔަރު ކުރުމަށް އެމަނިކުފާނު އެ ރަށުގައި ހުންނެވި ގުލްފާމުގެއަށް ފުލުހުން ދިއުމުން އެންމެ ފުރަތަމަ ވެސް ބައްދަލުވީ ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާ ކަމަށެވެ. އަދި ފުލުހުން އެގެއަށް ދިޔަ ބޭނުމުގެ ތަފްސީލު ފުލުހުންގެ ފަރާތުން އަސްލަމަށް ދެއްވި ކަމަށާއި ނަމަވެސް އަސްލަމްގެ ފަރާތުން އެކަށީގެންވާ އެއްބާރުލުން ފުލުހުންނަށް ނުލިބޭނެ ކަމަށް ފެނުމުން އެގޭގެތެރެއަށް ވަނީ ކަމަށެވެ.
އަދި ރައީސް ހުންނެވި ތަން އެގޭގެ ފެންލައިޓުން ބަލައި އެމަނިކުފާނު ހުންނެވި ކޮޓަރި ހުޅުވަން ފުލުހުން އެދުނު ކަމަށް ޝަމީމް ވިދާޅުވި އެވެ. ނަމަވެސް ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެމަނިކުފާނަށް ދޮރުނުހުޅުވޭނެ ކަމަށެވެ.
ފުލުހުން ބުނީ "ރައީސް ނަޝީދު ހުންނެވިތަން ފެނުމުން ރައީސް ނަޝީދު އަރިހު ދޮރުހުޅުވުމަށް ފުލުހުން އެދުނު" ކަމަށާއި އެގޮތަށް އެދުމުން ރައީސް ނަޝީދު ވިދާޅުވީ "އަޅުގަނޑަށް ދޮރުނުހުޅުވޭނެ ކަމަށެ"ވެ.
އޭނާ ވިދާޅުވީ އަސްލަމްގާތު ދޮރުހުޅުވައި ދިނުމަށް ރައީސް ނަޝީދު އެދުނު ކަމަށާއި ފުލުހުން އެދުމުން ވެސް އެކަށީގެންވާ އެއްބާރުލުން އަސްލަމްގެ ފަރާތުން ނުލިބުމުން ދޮރުތަންޑު ހަލާކުކޮށްލައިގެން ކޮޓަރި ތެރެއަށް ވަނީ ކަމަށް ޕޮލިސް ޝަމީމް ވިދާޅުވި އެވެ.
"ރައީސް ނަޝީދު ވިދާޅުވީ ކުރީގެ ހައުސިން މިނިސްޓާ މުހައްމަދު އަސްލަމްގާތު ދޮރުހުޅުވުމަށް. ތަކުރާރުކޮށް އެދުމުން އެ އެއްބާރުލުން އަސްލަމްގެ ފަރާތުން ފުލުހުންނަށް ވެސް ރައީސް ނަޝީދަށް ވެސް ލިބިފައިނުވުމުން އެވަގުތު ރައީސް ނަޝީދު ހުންނެވި ތަނަށް ވަންނަން ފުލުހުންގެ ކޮމާންޑްގެ ބޭފުޅުން ނިންމެވީ ތަޅުހަލާކުކޮށްލުމަށް ފަހު ކޮޓަރިއަށް ވަންނަން،" ރައީސް ނަޝީދު ހައްޔަރު ކުރުމަށް ހިންގި އޮޕަރޭޝަނާ ގުޅޭ ގޮތުން ޝަމީމް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ ރައީސް ނަޝީދަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސަލާމަތާއި ރައްކާތެރި ކަމަށް އެއްވެސް ހުރަހެއް ނެތް ކަމުގެ ޔަގީންކަން ދީފައިވާނެ ކަމަށެވެ. އަދި އެގެއިން ނެރެގެން ގެންދާ ވަގުތު އެއްވެސް ހުރައެއް ދިމާވެދާނެތީ ވެސްޓަކާއި ގޭސް މާސްކެއްގެ އިތުރުން ހެލްމެޓެއް ގެންގޮސްފައިވާނެ ކަމަށެވެ. އަދި ހެލްމެޓް އެޅުމަށް ނަޝީދަށް ދެންނެވުމުން އެމަނިކުފާނު އެކަމަށް އިންކާރު ކުރެއްވި ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ. އަދި އެމަނިކުފާނު ބޭނުންވީ އެނޫން ގޮތަކަށް ފުލުހުންގެ ފަރާތުން ސަލާމަތާ ރައްކާތެރިކަން ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ރައީސް ނަޝީދު ހައްޔަރު ކުރުމަށް ތައްޔާރި ހާލަތުގައި ތިބި ފުލުހުން މޫނު ފޮރުވައިގެން ޔުނީފޯމުގައި ފަރެސްމާތޮޑާ އަށް އެރީ އެމަނިކުފާނަކީ ސަޕޯޓަރުން ގިނަ ހައި ޕްރޮފައިލްގެ ބޭފުޅަކަށް ވާތީ ދޭން ޖެހޭ ސަލާމަތާ ރައްކާތެރިކަން އެންމެ ފުރިހަމަ ގޮތުގައި ދިނުމަށް ކަމަށެވެ. އަދި އެ އޮޕަރޭޝަންގެ މަގުސަދަކީ ރައީސް ނަޝީދު ހުންނެވި ތަނަކުން ރައްކާތެރިކަމާ އެކު މިއަދު އޮންނަ ޝަރީއަތަށް ހާޒިރު ކުރުން ކަމަށެވެ.
މިވަގުތު ދޫނިދޫގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނެވި ރައީސް ނަޝީދު ހައްޔަރު ކުރުމުގައި ފުލުހުން ބާރުގެ ބޭނުންކޮށްފައި ވަނީ އެމަނިކުފާނު ހުންނެވި ގޭގެ ދޮރުހުޅުވުމަށް އެކަނި ކަމަށާއި އަދި އެގޭގެ ހުރި އެއްޗެއް ފުލުހުންގެ ފަރާތުން ހަލާކުވެފައިވާ ނަމަ ބަދަލުދޭނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.
ފުލުހުން ގުލްފާމުގެއަށް ވަދެ އެގޭގެ ބައެއް ސާމާނަށް ގެއްލުންދީފައިވާ ކަމަށް ދައްކާ ވާހަކައާ ގުޅިގެން ޝަމީމް ވިދާޅުވީ އެގޭގެ ސިޓިންރޫމްގައި ހުރި ބިއްލޫރި މޭޒެއް ތަޅައިގެން ގޮސްފައި ވަނީ ހައުސިން މިނިސްޓާ އަސްލަމް އެމޭޒުމައްޗަށް ވެއްޓިގެން ކަމަށެވެ. ނަމަވެސް އޭގެގެތެރޭ އެއްވެސް މީހަކަށް އަނިޔާވާ ގޮތަށް ކޮއްޕައި ހަދާފައިނުވާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ. އަދި އެގޭގެ ފާހާނާއެއްގެ ދޮރު ހަލާކުކޮށްލަން ޖެހުނީ ދޮރުހުޅުވަން އެންގުމުން އެވަގުތު ފާހާނާ ތެރޭގައި ހުންނެވި މަޑަވެލި ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ދޮރުނުހުޅުވުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ ރައީސް ނަޝީދު ފުލުހުންގެ ހައްޔަރުގައި ލޯންޗަށް އެރުވުމުން އެމަނިކުފާނު އެދުނީ ދެ ކަމެއް ކޮށްދިނުމަށް ކަމަށެއެވެ. އެއީ ސިނގިރޭޓް ފޮށްޓެއް ހޯދައިދިނުމަށާއި މާލެދެވޭނެ ވަގުތު އަންގައިދިނުމަށް ކަމަށެވެ. އަދި އެދެކަންތައް ވެސް ކޮށްދީފައިވާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ. ޝަމީމް ވިދާޅުވީ ކަނޑުމަގުން ރައީސް ނަޝީދު މާލެ ގެނައީ ވަކި ޚާއްސަ ކަމެއް އޮވެގެން ނޫން ކަމަށާއި އެއީ އޮޕަރޭޝަން ހިންގުމަށް ހަމަޖެހިފައި އޮތް ގޮތް ކަމަށެވެ. ރައީސް ނަޝީދާއެކު ލޯންޗުގައި އައިސްފައި ވަނީ އަސްލަމްގެ އިތުރުން އިލްޔާސް ލަބީބެވެ.
ލިޔުމާ ގުޅޭ ވީޑިއޯ
http://www.youtube.com/watch?v=58uIj_zqx7s