09 Oct 2012, 14:19
ކުރީގެ ރައީސް މުހަންމަދު ނަޝީދު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހަންމަދު ހައްޔަރު ކުރި މައްސަލައިގެ ޝަރީއަތް ބައްލަވާ ތިން ފަނޑިޔާރުން މަޖިލީހުގެ ކޮމިޓީ އަށް ހާޒިރުވުމަށް މަޖިލީހުގެ ރައީސް އަންގަވައިފި އެވެ.
ރައީސް ނަޝީދުގެ މައްސަލަ ބަލާ ހުޅުމާލޭ ކޯޓުގެ ތިން ފަޑިޔާރުން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ހާޒިރުކުރުމަށް މަޖިލީހުގެ ރައީސްގެ މައްޗަށް އަމުރުކޮށްފައި ވަނީ އެ ތިން ފަޑިޔާރުން ވެސް މިއަދު 3:45 ހަކަށް ކޮމެޓީއަށް ހާޒިރުކުރުމަށެވެ.
މަޖިލީހުގެ ރައީސް އަށް ގާނޫނީ ލަފާދެއްވާ މަޖިލީހުގެ ކައުންސިލާ ޖެނަރަލް ފާތިމަތު ފިލްޒާ މިއަދު ސަން އޮންލައިންއަށް ވިދާޅުވީ އެތިން ފަޑިޔާރުން ވެސް މަޖިލީހުގެ ކޮމެޓީއަށް ހާޒިރުވުމަށް މަޖިލީހުގެ ރައީސް ޝާހިދު ސޮއިކުރައްވާ ފަޑިޔާރުންނަށް މިއަދު ލިޔުމުން އެންގެވީ ކޮމެޓީން ނިންމާ ނިންމުމެއް ރައީސް އަށް ބަދަލުކުރުމުގެ ބާރު ނޯންނާނެ ކަމަށް ރައީސްއަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ.
ސުޕްރީމް ކޯޓުން ވެސް އަދި ޖޭއެސްސީން ވެސް ރޭ ބަޔާން ނެރެ ބުނެފައި ވަނީ އެކި ފަރާތްތަކަށް ފަޑިޔާރުން ޖަވާބުދާރީ ކުރުމަކީ ހުއްދަކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ ނ. ގައި ބުނެފައި ވަނީ "އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކު ވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައި ހަދައިގެނެއް ނުވާނެ" ކަމަށެވެ.
ޝާހިދުގެ ނިންމުން ދިފާއުކުރަމުން މަޖިލީހުގެ އިދާރާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޮމެޓީއަކަށް ޙާޒިރުވެ، މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތީން ހެކިބަސް ދިނުމަށާއި ރައްޔިތުންގެ މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހުށަހެޅުމަށް އެންގުމުގެ ބާރަކީ ޤާނޫނު އަސާސީގެ 99 ވަނަ މާއްދާ އިން ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެމަޖިލީހުގެ ކޮމިޓީތަކަށް ލިބިގެންވާ ބާރެއް ކަމަށެވެ.
"ޤާނޫނު އަސާސީގެ އިސްވެދެންނެވި މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުންނާއި، އެނޫން ފަރާތްތައް ވެސް ޙާޞިރު ކުރަމުން ގެންދެވެ އެވެ،" ބަޔާނުގައިވެ އެވެ.
ބަޔާނުގައި އަދި ބުނެފައި ވަނީ މިނިވަން ޑިމޮކްރެޓިކް އެހެނިހެން ޤައުމުތަކުގައި ވެސް ޖުޑީޝަރީގެ ފަރާތުން އެޤައުމުތަކުގެ ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީތަކަށް ޙާޒިރުކުރުމުގެ ގަވައިދުތަކެއް ވެސް ކަނޑައެޅި ހިނގަމުން ގެންދާ ކަމަށާއި މިހާތަނަށް ރައްޔިތުންގެ މަޖިލީހަށް ޙާޒިރުކުރި އެއްވެސް ފަނޑިޔާރަކާ އެފަނޑިޔާރެއްގެ އެއްވެސް ނިންމެވުމަކާ ގުޅޭގޮތުން ނުވަތަ ހިންގަވާ ޝަރީޢަތަކާ ގުޅޭ ގޮތުން ނުވަތަ ޤާނޫނު އަސާސީން ފަނޑިޔާރުންގެ ވަކި ކަމެއް ބެއްލެވުމަށް ވަކި މުއައްސަސާއަކާ ޙަވާލު ކޮށްފައިވާ ކަމެއްގެ ތެރެއަށް ވަދެވޭ ގޮތަށް މަސައްކަތް ކުރަމުންގެންދާ ބައެއް ނޫން ކަމަށެވެ.
ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ ނ. ގައި ބުނެފައި ވަނީ "އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކު ވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައި ހަދައިގެނެއް ނުވާނެ" ކަމަށެވެ.