09 Oct 2012, 14:16
މަސްތުވާތަކެތި ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށް ގދ. ނަޑެއްލާ އަތަމާގެ އިބްރާހިމް ނާފިޒް (ޗިކާ)ގެ މައްޗަށް ސާބިތު ނުވާ ކަމަށް ހައިކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިލްތިމާސްކޮށްފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ މިދިޔަ މަހުގެ ތެރޭގައި ކަމަށާއި މިހާރު އެ މައްސަލަ ބުރާސްފަތި ދުވަހަށް ޝެޑިއުލްކޮށްފައިވާ ކަމަށެވެ.
ދެހާސް އަށް ވަނަ އަހަރުގެ ތެރޭގައި ފުލުހުން އޭނާ ދިރިއުޅޭ މ. ހެޕީކޯނާގެ ބަލައި ފާސްކުރި އިރު އޭނާ ދިރިއުޅޭ ކޮޓަރީގެ އަލަމާރި މަތީގައި އޮތް ސިޓީ އުރައަކުން ވަނީ މަސްތުވާތަކެތި ފެނިފަ އެވެ. ނަމަވެސް އެ ސިޓީ އުރައިން އޭނާގެ ފިންގާ ޕްރިންޓް ފެނިފައި ނުވާތީ އޭނާގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ވަނީ ތާއީދު ކޮށްފަ އެވެ.
ޗިކާގެ ކޮޓަރިން ފެނުނު މަސްތުވާތަކެއްޗާއި ރ. މަޑުއްވަރީ މުޝްތަރީގޭ ހަސަން ސޮބާހު ވަނީ ހަވާލުވެފަ އެވެ.
ފުލުހުން އޭނާގެ ކޮޓަރިން މަސްތުވާތަކެތި ހޯދާފައި ވަނީ މާޗް،22 ،2008 ދުވަހު ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި އެ ރޭ ދަންވަރު 1:45 އެހާކަންހާ އިރު އޭނާ ކޮޓަރިތެރޭގައި ހުއްޓައި އެތަން ފާސްކޮށްގެންނެވެ.
ޗިކާއަކީ، ޑީޕީއާރުއެެސް އިން ބުނި ގޮތުގައި، ޕެރޯލްގެ ދަށުން މުޖުތަމައަށް ދޫކޮށްފައިވާ މީހެކެވެ. އަދި ޑީޕީއާރުއެސް އިން ބުނީ އޭނާ ކައިރިން ބަލަމުން އަންނަ ކަމަށެވެ.