ހުޅުމާލޭ ކޯޓަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ ދަށުން އުފެދިފައިވާ ގާނޫނީގޮތުން ސައްޙަ ކޯޓެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް މަޝްހޫރު ގާނޫނީ ވަކީލް އަދި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު އޭނާގެ އަމިއްލަ ބްލޮގް، "އެމްނަޝީދު ޑޮޓްކޮމް"ގައި ވިދާޅުވީ މިހާތަނަށް ރައްޔިތުންގެ މަޖިލީހުން ދަށު ކޯޓުތައް ކަނޑައަޅާފައިވަނީ މައިގަނޑު ދެ ގާނޫނަކުން ކަމަށާއި އެއީ ދިވެހިރާއްޖޭގެ ކޯޓު ތަކުގެ ގާނޫނާއި ޑްރަގް ކޯޓު އުފެއްދި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުން ކަމަށެވެ. އޭނާ ވިދާޅުވީ ޤާނޫނު އަސާސީ ގެ 141 ވަނަ މާއްދާގެ (ހ) ބުނަނީ، ޢަދުލު އިންސާފު ގާއިމުކުރުމުގެ ބާރު ލިބިގެންވަނީ، ސުޕްރީމް ކޯޓާއި، ހައިކޯޓާއި، ޤާނޫނަކުން ކަނޑައަޅާ ދަށު ކޯޓުތަކަށް ކަމަށެވެ. އަދި ބުނަނީ ހަމަ އެ މާއްދާގެ ދަށުން ސްޕްރީމް ކޯޓާއި، ހައިކޯޓު ފިޔަވައި ރާއްޖޭގައި ދެން ހުންނާނީ ދަށު ކޯޓުތަކެއްކަން އެނގޭ ކަމަށެވެ.

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 53 ވަނަ މާއްދާ ބުނާގޮތުން، ދަށު ކޯޓުތައް ބެހިގެންވަނީ، ދެ ގިންތިއަކަށާއި އެއީ މަތީ ގިންތީގެ ދަށު ކޯޓުތަކާއި ތިރީ ގިންތީގެ ދަށު ކޯޓުތަކެއްކަން ފާހަގަކުރަމުން ނަޝީދު ވިދާޅުވެފައިވަނީ މަތީ ގިންތީގެ ދަށު ކޯޓުތަކުގެ ގޮތުގައި އެ ޤާނޫނުން ހަތަރު ކޯޓެއް އުފައްދާފައިވާ ކަމަށެވެ. އެއީ، ސިވިލް ކޯޓާއި، ކްރިމިނަލް ކޯޓާއި، ފެމިލީ ކޯޓާއި ޖުވެނައިލް ކޯޓު ކަމަށް ވިދާޅުވެފައިވެ އެވެ. އަދި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 52 ވަނަ މާއްދާގެ (ރ) ބުނާގޮތުން، ތިރި ގިންތީގެ ދަށު ކޯޓުތަކަކީ، އެ ޤާނޫނުން އުފައްދާ މެޖިސްޓްރޭޓް ކޯޓުތަކެއް ކަމަށް ބުނެފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އަދި ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 62 ވަނަ މާއްދާ ބުނާގޮތުން އެ ގާނޫނަށް އަމަލު ކުރަން ފެށުމުގެ ކުރިން ހިނގަމުން އައި ހުރިހާ ދަށު ކޯޓު ތަކެއް އެ ގާނޫނަށް އަމަލު ކުރަން ފެށުމާއެކު މެޖިސްޓްރޭޓް ކޯޓު ތަކަށް ބަދަލު ވެގެންދާނެ ކަމަށެވެ

"ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 62 ވަނަ މާއްދާ ބުނާގޮތުން އެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގަމުން އައި ކޮންމެ ރަށު ކޯޓެއް އެ ގާނޫނަށް އަމަލު ކުރަން ފެށުމާއެކު މެޖިސްޓްރޭޓް ކޯޓު ތަކަށް ބަދަލުވެ މެޖިސްޓްރޭޓް ކޯޓެއް އުފެދުނީ،" ނަޝީދު ލިޔުއްވާފައިވެ އެވެ.

އޭނާ ވިދާޅުވެފައިވަނީ ކޯޓުތަކުގެ ގާނޫނުގެ 63 ވަނަ މާއްދާ ބުނާ ގޮތުން މަތީ ގިންތީގެ ހަތަރު ދަށު ކޯޓު ގާއިމް ވެފައި ހުންނާނީ މާލޭގައި ކަމަށާއި އަދި އެ ހަތަރު ދަށު ކޯޓުގެ ހަތަރު ޑިވިޝަން ގާއިމްވެފައިވާ ރަށެއް ފިޔަވައި މީހުން ދިރު އުޅޭ ކޮންމެ ރަށެއްގައި މެޖިސްޓްރޭޓް ކޯޓެއް ހުންނަން ވާނެ ކަމަށް އެ ގާނޫނުގައި ބުނެފައި ވާކަމަށް ނަޝީދު ވިދާޅުވި އެވެ.

"އެހެން ކަމުން 63 ވަނަ މާއްދާގެ ސާފު ނިންމުމަކީ މެޖިސްޓްރޭޓް ކޯޓެއް މާލޭގައި ނުބެހެއްޓޭނެ ކަމާއި މާލެ ފިޔަވައި އަދި މާލޭގައި އެ ހުރި މަތީ ގިންތީގެ ހަތަރު ދަށު ކޯޓުގެ ހަތަރު ޑިވިޝަން އުފެދޭ ރަށްރަށް ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި މެޖިސްޓްރޭޓް ކޯޓެއް އުފެދޭނެކަން ދޭހަވޭ،" ނަޝީދު ލިޔުއްވާފައިވެ އެވެ.

އެހެން ކަމުން ނަޝީދު ވިދާޅުވީ މިހާރު ހުޅުމާލޭ ކޯޓުގެ ގޮތުގައި ހިންގަމުން އެ އަންނަ ކޯޓަކީ، ކޯޓުތަކުގެ ޤާނޫނު 21 އޮކްޓޯބަރު 2010 ގައި ހިންގަން ފެށުމުގެ ކުރިން އެ ރަށުގައި ހިނގަމުން އައިސްފައިވާ ކޯޓެކަމަށެވެ.

"އެ ކޯޓަކީ، ކޯޓުތަކުގެ ޤާނޫނުގެ ދަށުން މެޖިސްޓްރޭޓް ކޯޓު އުފެއްދުމަށް ކަނޑައަޅާފައިވާ ފޯމިއުލާ (މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި މެޖިސްޓްރޭޓް ކޯޓެއް އުފެއްދުމުގެ ފޯމިއުލާ) އާ ތަޢާރުޟުވާތީ، އެ ކޯޓަކީ ކޯޓުތަކުގެ ޤާނޫނު ހިންގަން ފެށުމުން، އުވިގެން ދާންޖެހޭނެ ކޯޓެއް،" ނަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ ހުޅުމާލޭގައި ހުންނަންޖެހޭނީ، މާލޭގައި ހުރި ހަތަރު ކޯޓުގެ ތެރެއިން ކޮންމެވެސް އެއް ކޯޓެއްގެ ޑިވިޝަނެއް ނުވަތަ ޑިވިޝަންތަކެއް ކަމަށެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ ހުޅުމާލެއަކީ، މާލެ ފިޔަވައި މީހުން ދިރިއުޅޭ ރަށެއް ނޫން ކަމަށާއި ހުޅުމާލެއަކީ، ޤާނޫނުއަސާސީގެ ދެވަނަ ޖަދުވަލު ބުނާގޮތުން، މާލޭގެ ބައެކެވެ. ޢާންމުގޮތުންނަމަ، މާލޭގެ އަވަށެކެވެ. ވިލިގިލި މާލޭގެ އަވަށަކަށް ވާފަދައިން ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނިންމާލައްވަމުން ނަޝީދު ވިދާޅުވެފައިވަނީ ހުޅުމާލޭ ކޯޓަކީ ސައްހަ ކޯޓެއް ނޫންކަމަށް ކަޑަނާޅާހާ ހިނދަކު އެކޯޓުން ކުރާ ހުކުމްތަކާއި އަމުރުތަކަށް ތަބާވާން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑު ފަރުދެއްގެ ހައިސިއްޔަތުން، ވަކީލެއްގެ ހައިސިއްޔަތުން، އަދި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ލިޔުމުގައި އިސްކޮށް އުޅުނު މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ޤަބޫލުކުރާ ގޮތެވެ. އަޅުގަނޑުގެ ވިސްނުމެވެ. އަޅުގަނޑުގެ ރަޢުޔެވެ."