09 Oct 2012, 14:13
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ މިއަދު މެންދުރު ފަހުގެ ދަންފަޅީގެ ކޯރަމް ހަމަނުވުގެން ނިންމައިލައިފި އެވެ.
މަޖިލީހުގެ ޖަލްސާ މިއަދު މެންދުރު ފަހު އެކެއް ޖެހި އިރު ފެށުމަށް ފަހު ކޯރަމް ހަމަވޭތޯ ރަނގަބީލް ޖެހައި އަދި ފަސް މިނިޓް ބެލުމަށް ފަހު ވެސް ކޯރަމް ހަމަނުވުމުން ކޯރަމް ހަމަނުވީ ކަމަށް ކަނޑައަޅައި މިއަދަށް ޖަލްސާ ނިއްމާލެއްވިކަން ރިއާސަތުން ވަނީ އިއުލާން ކުރައްވައިފަ އެވެ.
މެންދުރު ފަހު ދަންފަޅި ފެށުނު އިރު މަޖިލީހުގެ ޖަލްސާ އަށް ހާޒިރުވެވަޑައިގެން ތިއްބެވި މެމްބަރުންގެ އަދަދަކީ 17 ކަމަށާއި އެ ވަގުތު މަޖިލީހުގެ އިތުރު ކޮމިޓީއެއްގެ ބައްދަލުވުމެއް ވެސް ކުރިއަށް ނުދާ ކަމަށް މަޖިލީހުން ބުންޏެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގެ ހެނދުނު ދަންފަޅީގައި އޮތީ ދިއްދޫ ދާއިރާގެ މެމްބަރު އަހުމަދު ސަމީރު ހުށަހެޅުއްވި ދައުލަތުގެ ބަޖެޓް ސަޕޯޓްގެ ގޮތުގައި މާލިއްޔަތުގެ ގާނޫނާ ހިލާފަށް 300 މިލިޔަން ރުފިޔާގެ ލޯނެއް ނެގި މައްސަލައާ ގުޅިގެން ހުށަހެޅި ގަރާރަށް ބަހުސްކުރުމެވެ. މީގެ އިތުރުން މިއަދުގެ ޖަލްސާގައި މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާސީމް އަލީގެ އާއިލާ އަށް މާލީ އިނާޔަތް ހަމަޖެއްސުމާ ބެހޭ މައްސަލަ ދިރާސާ ކުރުމަށް ފަހު އާއްމު ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓް ހުށަހެޅުން ވެސް އޮތެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެ ޖަލްސާ ވެސް ނިންމާލައިފައި ވަނީ މެންދުރު ފަހު ދަންފަޅީގައި ވޯޓަށް އެހުމަށް ހަމަޖެހިފައިވާ ކަންކަމަށް ވޯޓަށް އެހުމަށް ފަހު ބަހުސް މަރުހަލާގައި ކޯރަމް ހަމަނުވެގެންނެވެ.
ގާތްގަނޑަކަށް ހަ މަހުގެ މެދުކެނޑުމަކަށް ފަހު މި މަހުގެ އެއް ވަނަ ދުވަހު މަޖިލީހުގެ ޖަލްސާތައް ފެއްޓި ފަހުން ވެސް ޖަލްސާތައް ކުރިއަށްދާ ގޮތެއް ނުވެ އެވެ. ނަމަވެސް މަޖިލީހުގެ މެންބަރުންގެ ހަމައެކަނި މުސާރައިގެ ގޮތުގައި މަހަކު 4.8 މިލިއަން ރުފިޔާ ދައުލަތުން ހަރަދުވެ އެވެ.