09 Oct 2012, 14:01
ޑެންމާކް ސަރުކާރުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ފްރެޑީ ސްވޭން، ކުރީގެ ރައީސް މުހައްމަދު ނަޝީދާ މިއަދު ހެނދުނު ބައްދަލު ކުރައްވައިފި އެވެ.
ޑެންމާކްގެ ސަފީރު ނަޝީދު އަރިހަށް ޒިޔާރަތްކުރައްވާފައި މިވަނީ އެމަނިކުފާނު ދޫނިދޫގައި ހައްޔަރު ކުރައްވާފައި ހުންނަވަނިކޮށެވެ.
ނަޝީދުގެ ޕާސަނަލް ސެކްރަޓަރީ ރުގިއްޔާ އަހްމަދު ދީދީ ސަން އޮންލައިނަށް މިއަދު ވިދާޅުވީ ދޫނިދޫގައި ނަޝީދު ހައްޔަރުކޮށްފައިވަނިކޮށް ޑެންމާކް ސަފީރު ދޫނިދޫ އަށް ވަޑައިގެން ނަޝީދުއާ ބައްދަލު ކުރެއްވީ މިއަދު ހެނދުނު 11:00 ޖެހިއިރު ކަމަށެވެ.
"ޑެންމާކް ސަރުކާރުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ފްރެޑީ ސްވޭން، ރައީސް ނަޝީދު އަރިހަށް މިއަދު ވަނީ ޒިޔާރަތް ކުރައްވާފައި. ނަޝީދުއާ ދެ ބޭފުޅުން ދޫނިދޫގައި މިއަދު ހެނދުނު ބައްދަލު ކުރެއްވި،" ރުގިއްޔާ ވިދާޅުވި އެވެ.
ފުހުން ވެސް ވަނީ އެކަން ކަށަވަރު ކޮށްދީފަ އެވެ. އިންސްޕެކްޓާ އޮފް ޕޮލިސް ހަސަން ހަނީފް ވިދާޅުވީ ޑެންމާކްގެ ސަފީރާއި ނަޝީދުއާ ބައްދަލު ކުރެއްވޭނެ އިންތިޒާމް ފުލުހުން ހަމަޖައްސަވާދެއްވާފައިވާ ކަމަށެވެ.
"ޑެންމާކް ސަފީރާއި ރައީސް ނަޝީދާ މިއަދު ހެނދުނު ބައްދަލު ކުރެއްވޭނެ އިންތިޒާމް ފުލުހުން ވަނީ ހަމަ ޖައްސަދީފައި. އަދި އެ ބޭފުޅުން ދޫނިދޫގައި މިއަދު ހެނދުނު ބައްދަލު ކުރެއްވި،" ހަނީފް ވިދާޅުވި އެވެ.
އިއްޔެ ފަރެސް މާތޮނޑާގައި ހުންނަވަނިކޮށް ނަޝީދު ހައްޔަރު ކޮށްގެން ގެނެސްފައިވާ އިރު، ޑެންމާކް ސަފީރު ރައީސް ނަޝީދާ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައި އޮތީ އިއްޔެ ފަރެސް މާތޮޑާގައި ކަމަށް އެމްޑީޕީން ބުނެ އެވެ.
ހުޅުމާލެ ކޯޓަށް ދައުލަތުން ހުށަހަޅާފައިވާ މައްސަލައަކީ ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދްﷲ މުހައްމަދު ހައްޔަރުކޮށްގެން ގެންގުޅުނު މައްސަލަ އެވެ.