އައިޖީއެމްއެޗްގައި އަލަށް އިމާރާތްކުރަން ފައްޓާފައިވާ އާ އިމާރާތުގެ މަސައްކަތް ނިންމުމަށް އިސްލާމިކް ބޭންކުގެ މޯލްޑިވްސް ބްރާންޗުން 75 މިލިއަން ރުފިޔާގެ ލޯނެއް ނަގާ ގޮތަށް ނިންމާފައިވާ ކަމަށް އައިޖީއެމްއެޗް އިން ބުނެފި އެވެ.

އައިޖީއެމްއެޗްގެ ޗީފް ފައިނޭންޝަލް އޮފިސަރު ހުސެއިން ފަހުމީ މިއަދު ސަން އަށް ވިދާޅުވީ އެ ލޯން ނެގުމަށް ނިންމާފައި ވަނީ އެ ބޭންކްގެ ޝަރީއާ ކޮމްޕްލަޔަންޓް ޕްރޮޖެކްޓް ފައިނޭންސިން ސުކީމުގެ ދަށުން ކަމަށާއި މި މަހުގެ ތެރޭގައި އެ ލޯނާ ބެހޭ ހުރިހާ ކަމެއް ނިމި އެގްރިމެންޓްގައި ސޮއިކުރެވޭ ވަރުވާނެ ކަމަށެވެ.

"މިމަސް ނިމުމުގެ ކުރިން ލޯނުގެ ހުރިހާ ކަމެއް ނިމި ލޯނު ލިބޭނެ. ދެން ލޯނު ލިބޭތާ ހަ މަސް ތެރޭގައި އަޅުގަނޑުމެން މިއުންމީދުކުރަނީ އާ އިމަރާތުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް،" ފަހުމީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިސްލާމިކް ބޭންކުން ލޯނު ދޫކުރަން ނިންމާފައި ވަނީ އެ އިމާރާތް ނިމުމުން މަހުން މަހަށް ބަހާލައިގެން އެ ފައިސާ ދައްކާ ގޮތަށް ކަމަށެވެ.

އައިޖީއެމްއެޗްގައި މައިންނާއި ދަރިންނަށް ހާއްސަ ކޮށްގެން އަލަށް އިމާރާތްކުރާ 11 ބުރީގެ އެ އިމަރާތުގައި 112 އެނދު ހުންނަ އިރު ތިން އޮޕަރޭޝަން ޓިއޭޓަރު ހުރެ އެވެ.

ފައިސާގެ ދަތިކަން ދިމާވެފައިވާ އެ އިމާރާތުގެ މަސައްކަތް ނުނިމި ހުންނަތާ މިހާރު ފަސް އަހަރު ވެއްޖެ އެވެ.