09 Oct 2012, 13:40
އާސަންދައިގެ ނިޒާމު ބައްޓަންވެފައިވާ ގޮތުން ޚިދުމަތް ދޭ ފަރާތުންނާއި، ހޯދާ ފަރާތުންވެސް އުފުލަން ޖެހޭ އެއްވެސް ޒިންމާއެއް ނޯންނަ ކަމަށާއި، އޭގެ ނަތީޖާ އެއްގެ ގޮތުން އާސަންދައިން ޑޮކްޓަރަށް ދައްކާ ލިމިޓް ހުސްވެ، ދުވާލަކު އެތައް ބަޔަކު އެކި ގޮތްގޮތުން އެހީ ހޯދުމަށް މިނިސްޓްރީގައި އެެެދެމުން އަންނަ ކަމަށް ހެލްތް މިނިސްޓަރު ޑރ. އަހުމަދު ޖަމްޝީދު އަހުމަދު ވިދާޅުވެއްޖެ އެވެ.
"ސަން އޮންލައިން"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ އާސަންދައިން ޑޮކްޓަރަށް ދެއްކުމަށް ކަޑައަޅާފައި އޮންނަ ލިމިޓް ހުސްވުމުން ސަރުކާރުން އިތުރު ގޮތެއް ހޯދައި ދޭނެ ކަމަށް މީހުންނަށް ހީވެފައި އޮންނަ ކަމަށާއި، އެއްވެސް ސަރުކާރަކަށް އެއީ ކޮށްދެވޭނެ ކަމެއް ނޫންކަމަށެވެ. މިނިސްޓަރު ވިދާޅުވީ މީހުންނަށް އެގޮތަށް ހީވަނީ އާސަންދައިގައި ހިދުމަތްހޯދާ މީހުންގެ ޒިންމާއެއް ނެތުމުން ކަމަށެވެ. އެއީ އާސަންދައިގެ ވަރަށް ބޮޑު ބަލިކަށިކަމެއް ކަމަށްވެސް ވިދާޅުވި އެވެ.
"މިހާރު މި އޮންނަ ގޮތަކީ އެއްވެސް ޒިންމާއެއް ނަގާކަށް ނުޖެހޭ. އެހެން ކަންތަށް ކޮށްފައި ލިމިޓް ހުސްވީމަ ދެން މި އެދެނީ ސަރުކާރުގައި އެހެން ގޮތްގޮތުން އެހީ ހޯދަން. އެކަމަކު އެއީ އެއްވެސް ސަރުކާރަކަށް ކޮށްދެވޭނެ ކަމެއް ނޫން. އެގޮތަށް އެތައްބަޔަކު އަޅުގަނޑަށް އެޑްރެސްކޮށް ސިޓީ ފޮނުވާ،" މިނިސްޓަރު ވިދާޅުވި އެެވެ.
ހެލެތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ، އަދި އެންސްޕާގެ ޗެއާމަން ތޯރިގު އަލީ ލުތުފީ ވިދާޅުވީ އާސަންދައިގައި އައުޓް ޕޭޝަންޓް ލިމިޓް، ނޫނީ ޑޮކްޓަރަށް ދެއްކުމުގެ ލިމިޓް ހުސްވެގެން މިދިޔަ މަހުގެ ނިޔަލަށްވެސް 1،000 ށް ވުރެ ގިނަ މީހުން އެންސްޕާ އަށް އަންގާފައިވާ ކަމަށާއި، ނަމަވެސް އާސަންދައިން އެކަމަށް ހައްލެއް ހޯދެއް ނެތް ކަމަށެވެ.
"އާސަންދަ ސްކީމް ރާވާފައި އޮތް ގޮތުން، އެއް ލިމިޓް ހުސްވީމައި އަނެއް ލިމިޓުން ނަގާ ގޮތަކަށް ނެހެދޭނެ. ދެން ލިމިޓް އަވަހަށް ހުސްވެގެން މި އަންނަނީ، އެގޮތަށް ގިނައިން މި އަންނަނީ ކްރޮނިކް ޑިޒީސް ނުވަތަ ކުދި ބަލިތަކަށް އަވަސް އަވަހަށް ޑޮކްޓަރަށް ދައްކާ ފަރާތްތަށް،" ތޯރިގް ވިދާޅުވި އެެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި އާސަންދަ ތައާރަފް ކުރެވިފައި އޮތީ އެއްވެސް ވަރަކަށް އެކަމަށް ތައްޔާރު ނުވެ ކަމަށާއި، ވިސްނަން ޖެހޭ ވަރަށް ގިނަ ކަންތައް ތަކެއް ނުވިސްނާ ދޫކޮށްލާފައި ވެސް ވާކަމަށެވެ. ވަރަށް މަދު ގައުމެއްގައި ނޫނީ ޕްރައިވެޓް ހޮސްޕިޓަލުތަކުން ސޯސަލް ހެލްތް އިންޝުއަރެންސް ނުދޭނެ ކަމަށެވެ. އަދި ވިދާޅުވީ އަމިއްލަ ފަރާތްތަކަށް އެ ހިދުމަތް ދޭ ގައުމު ތަކުގައިވެސް ރާއްޖޭގައި އޮންނަ އުސޫލުން އެކަން ނުކުރާ ކަމަށެވެ.
"އަޅުގަނޑު ބަލާލިން، ރާއްޖެއިން ބޭރުގައިވެސް ސަރުކާރުގެ ސިއްހީ ޚިދުމަތްދޭ ބައެއް ތަންތަނުން ދެނީ އިންޕޭޝަންޓް ސާވިސް އެކަނި. އެއީ އެޑްމިޓް ކޮށްގެން ދޭ ފަރުވާ. ދެން އައުޓް ޕޭޝަންޓް ސާވިސް ތެރެއިން ދެނީ ތަންކޮޅެއް ބޮޑެތި ޚަރަދުތައް ހިނގާ ކަންތައް ތަކަށް. ކުދިކުދި ކަންތައް ތަކަކަށް ނުދޭ" މިނިސްޓަރު ވިދާޅުވި އެވެ.
އާސަންދާގައި ހިމެނޭ އައުޓް ޕޭޝަންޓް ނުވަތަ އެޑްމިޓްނުވެ ފަރުވާ ހޯދުމަށް ކަނޑައަޅާފައިވާ ލިމިޓަކީ 10،000ރ. އެވެ. އާސަންދަ ސްކީމްގައި އޮންނަ ގޮތުން އެ އަދަދު ހަމަވިޔަސް ސްކީމުގައި ހިމެނިފައިވާ އަދަދާ ހަމައަށް އެހެން ޚިދުމަތް ތަށް ހޯދޭނެ އެެވެ.