ސިޔާސީ ޕާޓީތަކުން ގޭންގްތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ހަރަދުކުރާ ކަމަށް ރާއްޖޭގައި އޮޕަރޭޓް ކުރާ ގޭންގްތަކާ ގުޅޭ ގޮތުން އެކުލަވާލި ފުރަތަމަ ރިޕޯޓުގައި ބުނެފައިވީ ނަމަވެސް އެ ތުހުމަތުތައް ގަބޫލުނުކުރާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

އޭޝިއާ ފައުންޑޭޝަނާއި މޯލްޑިވްސް އިންސްޓިޓިއުޓް ފޯ ސައިކޮލޮޖިކަލް ސާވިސަސް، ޓްރެއިނިން އެންޑް ރިސާޗް ގުޅިގެން އެކުލަވާލާފައިވާ މާލޭގައި އޮޕަރޭޓް ކުރާ ގޭންގްތަކާ ގުޅޭ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން ޕީޕީއެމް، އެމްޑީޕީ، ޖުމްހޫރި ޕާޓީ އަދި ޑީއާރުޕީ ގޭންގްތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ހަރަދުކުރެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް މުހަންމަދު ފަޔާޒް ހަސަން މިއަދު ސަން އޮންލައިނަށް ވިދާޅުވީ ދިރާސާ ރިޕޯޓެއްގައި ސިޔާސީ ޕާޓީތަކުން ގޭންގްތަކަށް ފައިސާ ހަރަދުކުރާ ކަމަށް ފާހަގަކޮށްފައިވީ ނަމަވެސް ކޮންމެ އަހަރަކު އެއްފަހަރު ޕާޓީތަކުން އޮޑިޓަރުންގެ ރިޕޯޓް ހުށަހަޅާ ކަމަށާއި އެ ރިޕޯޓްތަކުން އެކަން ފާހަގަވެފައި ނުވާ ކަމަށެވެ. އަދި ޝަރުއީ ކޯޓަކުން ވެސް އެފަދަ ކަމެއް ސިޔާސީ ޕާޓީއެއްގެ މައްޗަށް ސާބިތުވެ ހުކުމެއް ވެސް ކޮށްފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އޮޑިޓާ ޖެނެރަލް ހުއްދަދެއްވާފައި ތިބޭ އޮޑިޓަރުންގެ އޮޑިޓް ކޮށްފައި ހުންނަ ރިޕޯޓްތައް އަޅުގަނޑުމެންނަށް މި ހުށަހަޅަނީ އެ ޕާޓީތަކުން ވެސް، އޭގެން އެއްވެސް ސިޔާސީ ޕާޓީގެ އޮޑިޓް ރިޕޯޓްގައި ނެތޭ ބުނެފަކާ ސިޔާސީ ޕާޓީއަކުން ގޭންގްތަކަށް ހަރަދުކުރާކަން. އަނެއްކާ ޝަރުއީ ކޯޓަކުން ނެތް ހުކުމެއްކޮށްފައި އެފަދަ ކަމެއް ސާބިތުވެގެން ސިޔާސީ ޕާޓީއެއްގެ މައްޗަށް، އެހެން ނިންމާފައި ނުވާ އިރު އަޅުގަނޑުމެންނަކަށް ނެތް ގޭންގްތަކަށް ވެސް އަދި ގޭންގްސްޓާރުންނަށް ވެސް ފައިސާ ދޭކަމަށް ކުރާ އެ ތުހުމަތުތައް ގަބޫލެއް ކުރެވޭކަށް،" ފަޔާޒު ވިދާޅުވި އެވެ.

އެ ރިޕޯޓުގައި ބުނެފައި ވަނީ ސިޔާސީ އެކި ފަރާތްތަކުން ގްރޫޕުތައް ލައްވާ "ސިޔާސީ މީހުންގެ މުޑުދާރު ހަރަކާތްތައް ހިންގައި ދިނުމަށް ތައްޔާރަށް ތިބޭތީ އެ ގޭންގްތަކަށް ލީޑަރުން ބައެއް ފަހަރު މަހަކަށް އެއް މިލިޔަން ރުފިޔާ (65،000 ޑޮލަރުގެ) އާމްދަނީ އެއް ލިބޭ" ކަމަށެވެ. ގޭންގްތަކުގެ މެމްބަރުން ސިޔާސީ މީހުންނަށް ބަރޯސާކުރާ ކަމަށާއި ގޭންގްތަކުން ވެސް ސިޔާސީ މީހުންގެ އެހީތެރިކަން ހޯދާކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ. އެގޮތުން ގާނޫނު ހިންގާ ފަރާތްތަކުގެ ކިބައިން ސަލާމަތްވުމަށް ގޭންގް މީހުން ސިޔާސީ ފަރާތްތަކުގެ އެހީހޯދާއިރު އިދިކޮޅު ފަރާތްތައް ހުއްޓުވުމަށާއި މަޝްހޫރުކަން ދެމެހެއްޓުމަށް ކުރަން ޖެހޭ ކަންތައްތައް ކުރުމުގައި ސިޔާސީ މީހުން އަންނަނީ ގޭންގްތަކުގެ އެހީތެރިކަން ހޯދަމުން ކަމަށް ބުނެފައިވެ އެވެ.

އެ ރިޕޯޓް އެކުލަވާލާފައިވާ ގޮތަށް އަލިއަޅުވާލައްވާ ފަޔާޒް ވިދާޅުވީ ގޭންގްތަކާ އެފަދަ ރިޕޯޓެއް އެކުލަވާލާ އިރު ސަރުކާރުގެ އިދާރާތަކާއި އަދި ސިޔާސީ ޕާޓީތަކާއި އަދި ވެސް ގުޅުން ހުރި އެހެން މުއައްސަސާތަކުން ވެސް މައުލޫމާތު ހޯދަން ޖެހޭނެ ކަމަށާއި ނަމަވެސް އެ ރިޕޯޓުގައި އެފަދަ އެއްވެސް ފަރާތަކުން މައުލޫމާތު ނަގާފައިނުވާ ކަމަށެވެ.

"ދައުލަތުގެ ކަމާގުޅާ މުއައްސަސާތައް، ޕޮލިސް މިތަންތަނުގެ ބަހެއްވެސް އެއަކު ނެތް. ކޮމެންޓެއް ކުރަން ބަލާލާއިރު ވެސް އެބަޖެހޭ މިއީ ކިހާ ސައްހަ އެއްޗެއްތޯ ބަލަން. ހަމައެކަނި އިންޓަވިއުކޮށްފައި މި ހުރީ ގޭންގް ސްޓާރުންނާއި އެމީހުންނާ އެއްކޮށް ފޯކަސް ބައްދަލުވުންތަކެއް ވެސް ބާއްވާފައި ހުރީ. އެހެން އެއްވެސް ހިސާދާރެއްގެ ވާހަކައެއް ނެތް. ސްކޫލްތައް ބެލެނިވެރިންގެ ވާހަކައެއްނެތް. އެހެން އޮންނަ ރިޕޯޓަކަށް ރިއެކްޓް ކުރަން ބަލާލާ އިރު ސިޔާސީ ޕާޓީތަކުން ވެސް އެކަން މި އޮތީ ދެގުކޮށްފައި،" ފަޔާޒު ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން އެ ތުހުމަތުތައް ގަބޫލުނުކުރާ އިރު ޕީޕީއެމްއިން ވެސް އަދި ޖުމްހޫރީ ޕާޓީން ވެސް އެމްޑީޕީންވެސް އަދި ޕީޕީއެމްއިން ވެސް ވަނީ އެ ރިޕޯޓުގައި ފާހަގަކޮށްފައި ހުރި ތުހުމަތުތައް ދޮގުކޮށް އެ ރިޕޯޓުން ބަރީއަވެފަ އެވެ.