01 Nov 2026, 18:11
ދައުލަތުން ލިބެންޖެހޭ ފައިސާއާއި, ވިޔަފާރިތަކުން މީރާއަށް ދައްކަންޖެހޭ ޓެކްސް އަޅައިކެނޑޭނެ އިންތިޒާމެއް ފިނޭންސް މިނިސްޓްރީން ހަމަޖައްސައިފިއެވެ.
އެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ ދައުލަތުގެ އިދާރާއަކުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ލިބެންޖެހި ނުލިބިވާ ފައިސާއެއްވާ ނަމަ މީރާއަށް ދައްކަންޖެހޭ ޓެކުހާއި، އެ ފައިސާއަކާ އަޅައިކެނޑުމަށް ބޭނުންވާ ފަރާތްތަކުން މީރާއަށް ހުށަހެޅުމުން ސަރުކާރުން ދައްކަންޖެހޭ ފައިސާ އަޅައިކަނޑާނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.
މިކަމުގައި އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ހުށަހަޅާ ބިލްތަކުގެ ތެރެއިން މިހާތަނަށް ފައިސާ ދައްކާފައިނުވާ ބިލްތަކަށް މީރާއަށް ދައްކަންޖެހޭ ޓެކްސް ފައިސާ، ސަރުކާރުން އެ ފަރާތަށް ދައްކަންޖެހޭ ފައިސާއަށްވުރެ ބޮޑުވާނަމަ ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ފައިސާ އަޅައިކެނޑުމަށްފަހު ބާކީ އަދަދު ޓެކުހުގެ ގޮތުގައި އެ ފަރާތުން މީރާއަށް ދައްކަންޖެހޭ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
https://x.com/MoFmv/status/2116873081750958268
އެހެންނަމަވެސް އެ ވިޔަފާރިތަކުން ހުށަހަޅާ ބިލްތަކުގެ ތެރެއިން މިހާތަނަށް ފައިސާ ދައްކާފައިނުވާ ބިލްތަކަށް އެ ފަރާތްތަކުން މީރާއަށް ދައްކަންޖެހޭ ޓެކްސް ފައިސާ، ސަރުކާރުން އެ ފަރާތަށް ދައްކަންޖެހޭ ފައިސާއަށްވުރެ ކުޑަވާނަމަ، ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ ފައިސާއިން ސަރުކާރުން ދައްކަންޖެހޭ ފައިސާ އަޅާކެނޑުމަށްފަހު ބާކީ އަދަދު ސަރކާރުން އެ ފަރާތަށް ދެއްކުމަށް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ހަމައެއާއެކު މިކަމާ ގުޅޭ ގޮތުން މީރާއަށް ދައްކަންޖެހޭ ފައިސާ އަޅައިކެނޑުމަށް އެދި ހުށަހަޅާއިރު، އެ ފައިސާގެ ތަފްސީލާއެކު އެ އިދާރާއިން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ހުށަހެޅުމަށް ވެސް އެ މިނިސްޓްރީން ވަނީ އެދިފައެވެ.