09 Oct 2012, 13:14
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް އިންޑީއާގެ ޖީއެމްއާރަށް ހަވާލު ކުރުމަށް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެއްބަސްވެ، ސަރުކާރުން ގެރެންޓީ ދީފައިވާ އެއްބަސްވުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ދިރާސާ ކުރުމަށް ހުށަހަޅައިފި އެވެ. އެ އެއްބަސްވުން ދިރާސާ ކުރުމަށް ހުށަހެޅުއްވީ ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަބްދުﷲ ޖާބިރެވެ.
މާލިއްޔަތު ކޮމެޓީ އަށް އެ މައްސަލަ ހުށަހަޅުއްވަމުން ޖާބިރު ވިދާޅުވީ ޖީއެމްއާރާ އެކު ވެފައިވާ އެއްބަސްވުމާ މެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދައި ވާހަކަދައްކަމުންދާ ދަނޑިވަޅެއްގައި އެކަމުގެ ހަގީގަތް ނުބަލައި މަޖިލިސް އޮތުމަކީ ޒިންމާދާރު ކަމެއް ނޫން ކަމަށެވެ. އަދި ދައުލަށް ބޭރު ފައިސާ ވަންނަން އޮތް އެންމެ ބޮޑު އެއާޕޯޓުން ދައުލަތަށް އެކަށީގެންވާ ވަރަށް ފައިސާ ނުލިބެ، އެހެންބަޔަކު އެކަމުގެ ނާޖާއިޒް ފައިސާ ނެގުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"ދައުލަތަށް ފޮރިން ކަރަންސީ ވަންނަން އޮތް މަގުން އެ އާމްދަނީ ނުލިބި މަޑުޖެހިފައި އޮވެގެން ނުވާނެ. އަދި ނުވިތާކަށް އެފަދަ ބޮޑު ވިޔަފާރީގެ މުއާމަލާތަކާމެދު މީޑިއާގަ އާއި އެހެން ފަރާތްތަކުން ސުވާލު އުފައްދަމުންދާ ދަނޑިވަޅެއްގައި އަޅުގަނޑުމެން މަޖިލީހުން އެކަން ބެލުން މުހިއްމު،" ޖާބިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްއޭސީއެލް ބޯޑްގެ މެންބަރުން ހާޒިރުކޮށްގެން ވެސް އެ އެއްބަސްވުމާ ގުޅޭ ގޮތުން ޖާވާބުދާރީ ކުރުވަންވެއްޖެ ކަމަށެވެ. ނަމަވެސް މިއަދުގެ ބައްދަލުވުމުގައި އެމްއޭސީއެލްގެ ބޯޑުގެ މެންބަރުން ހާޒިރު ކުރުމަށް ނިންމާފައެއް ނުވެ އެވެ.
ޖީއެމްއާރުގެ މައްސަލަ މާލިއްޔަތު ކޮމެޓީން ބެލުމަށް ޖާބިރު ހުށަހެޅުއްވުމުން އެ ހުށަހެޅުމަށް ތާއިދު ކުރެއްވީ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ.
ޖީއެމްއާރު މައްސަލަ ކޮމެޓީ އަށް ހުށަހެޅުއްވުމުން އެ މައްސަލަ ކޮމެޓީއަށް ބައްދަލުވުމަކަށް އެޖެންޑާ ކުރައްވާނެ ކަމަށް އެ ކޮމެޓީގެ މުގައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވި އެވެ.
ޖީއެމްއާރު މައްސަލާގައި ޖާބިރު ކޮމެޓީ އަށް ހުށަހަޅުއްވާފައިވާ އިރު ޖުމްހޫރީ ޕާޓީން ބޭއްވި އާންމު ބައްދަލުވުމެއްގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެފައި ވަނީ އެއާޕޯޓްގެ ބަދަލުގެ ގޮތުގައި 700 މިލިއަން ޑޮލަރު ދައްކައިގެން ވެސް އެ އެއާޕޯޓު އަނބުރާ ހޯދުމުގެ ފައިދާ "ހާސް ގުނަ" ބޮޑު ކަމަށެވެ.
ގާސިމް އެހެން ވިދާޅުވެފައިވާ އިރު އެ ޕާޓީގެ ކައުންސިލް މެންބަރު ފުއާދު ގާސިމް (ފޯޑު) ވިދާޅުވެފައި ވަނީ އެއާޕޯޓް ޖީއެމްއާރާ ހަވާލު ކުރި އެއްބަސްވުން ރޫޅާލުމާ ގުޅޭ ގޮތުން ސިންގަޕޫރުގެ ލޯފާމަކުން އެ އެއްބަސްވުން ދިރާސާކޮށްފައިވާ ކަމަށެވެ. އެ ގޮތުން އެއްބަސްވުން ރޫޅާލަން ޖެހިއްޖެ ނަމަ ބަދަލުގެ ގޮތުގައި ޖީއެމްއާރަށް ދޭންޖެހޭނީ 300 އާއި 400 އާ ދެމެދުގެ މިލިއަން ޑޮލަރެއް ކަމަށެވެ.