09 Oct 2012, 13:05
ހަވަނަ ވޯލްޑް ކެރަމް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ގައުމީ ކެރަމް ކުޅުންތެރިން ޓްރޭނިން ދަތުރެއްގައި އަވައްޓެރި އިންޑިއާ އަށް ދިއުމަށް ނިންމައިފި އެވެ.
ސްރީލަންކާގައި މިމަހުގެ 31 އިން އަންނަ ނޮވެމްބަރު 4 އަށް ކުރިއަށްދާ މިމުބާރާތައް ތައްޔާރު ވުމުގެ ގޮތުން ރާއްޖޭގެ ގައުމީ ކެރަމް ޓީމް، ޓްރޭނިން ދަތުރެއްގައި އިންޑިއާ އަށް ފުރުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 20 ވަނަ ދުވަހު އެވެ.
މުބާރާތުގައި ވާދަކުރުމަށް ގައުމީ ކެރަމް ޓީމުގެ ސްކޮޑަށް އަށް ކުޅުންތެރިން ނަގާފައިވާ އިރު، އެކުޅުންތެރިން ނަކީ މީގެ ކުރިން ކެރަމްގެ އެކިއެކި މުބާރާތްތަކުގައި ރާއްޖެ އަށް ރީތި ނަން ހޯދާދީފައިވާ ކުޅުންތެރިންނެވެ. އެގޮތުން ޤައުމީ ފިރިހެން ކެރަމް ޓީމުގެ ސްކޮޑުގައި ހިމެނޭ ކުޅުންތެރިންނަކީ ހަސަން ނާޒިމް، ހުސެއިން އަލީ، ޝާފީ މުހައްމަދު އަދި ހުސެއިން ފާރިހު އެވެ. އަދި އަންހެން ކެރަމް ޓީމުގެ ސްކޮޑުގައި ހިމެނޭ ކުޅުންތެރިންނަކީ އައިޝަތު ފައިނާޒު (26އ)، އައިމިނަތު ވިދާދު (16އ)، އައިޝަތު ޝަޒްނާ (32އ) އާއި އައިމިނަތް ނިފާޝާ (22އ) އެވެ.
ކެރަމް އެސޯސިއޭޝަންގެ ރައީސް އަހުމަދު މުބީން ވިދާޅުވީ، މުބާރާތަށް ތައްޔާރު ވުމަށްޓަކައި ޓީމުގެ ކުޅުންތެރިން މިހާރު ވެސް އަންނަނީ ފަރިތަކުރަމުން ކަމަށާއި އެގޮތުން މުބާރާތުގެ ކުރިން ޓްރޭނިން ދަތުރެއްގައި އިންޑިއާ އަށް ދިއުމަށް ވަނީ ހަމަޖައްސާފައި ކަމަށެވެ.
ދެ ހާސް އަށް ވަނަ އަހަރު ފްރާންސްގައި އޮތް ކެރަމް ވޯލްޑް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޤައުމު ކަމުގައިވާ ސްރީލަންކާގައި މިފަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ އިރު، ރާއްޖޭގެ އިތުރުން މުބާރާތުގައި ވާދަކުރާނެ ކަމަށް ބެލެވިފައިވާ ގައުމުތަކުގެ ލިސްޓުގައި، އިންޑިއާ، ޝްރީލަންކާ، ޖަރުމަން، އިޓަލީ، ފްރާންސް، ސްޕެއިން، އިންގްލެންޑް، ޔޫއެސްއޭ، ކެނެޑާ، ޕޮލެންޑް، ސުވިޓްޒަލެންޑް، ޕޯރޗުގަލް، އޮސްޓްރޭލިއާ، ޕާކިސްތާން، ބަންގްލަދޭޝް، ނޭޕާލް، ޖަޕާން، ކޮރެއާ، މެލޭޝިއާ، އޮމާން، ޔޫއޭއީ އެވެ.
ދުނިޔޭގެ ރޭންކުގައި މިވަގުތު ރާއްޖެގެ ފިރިހެން ކެރަމް ޓީމު އޮތީ ހަތަރު ވަނާގަ އެވެ. އަދި އަންހެން ޓީމު އޮތީ ތިން ވަނައިގަ އެވެ.