10 Sep 2010, 09:49
ހ.މެލައިން ބިލްޑިންގެ ދެވަނަ ބުރީގައި ހުންނަ ޕީއޭ އޮފީހުގެ ދޮރުގައި ބަޔަކު ރޯކޮށްލައިފި އެވެ.
ޕީއޭގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ޝަރީފް އާދަމް ސަންއެފްއެމަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކޮން ބައެއްކަން ނޭނގޭ ބަޔަކު މިއަމަލު ހިންގާފައި ވަނީ ހުކުރު ވަގުތު ކަމަށެވެ. އަދި އޭނާ އަށް މި މައުލޫމާތު ލިބިވަޑައިގަތީ، ހުކުރު ނަމާދުން ނިމިގެން ގޭގައި އިންނަވަނިކޮށް ކަމަށާއި އެ ހަބަރު ލިބިގެން ޕާޓީ އޮފީހަށް ވަޑައިގެންވި އިރު އެމްއެންޑީއެފުން ގޮސް އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ. ޝަރީފް ވިދާޅުވީ އެކަމުގެ ސަބަބުން އޮފީހުގެ އެއް ދޮރުކަންޏާއި ނަންބޯޑު އަނދާފައިވާ ކަމަށެވެ. އަދި މިކަމުގައި، ވަކި ބައެއްގެ މައްޗަށް ޝައްކު ނުކުރެވުނު ނަމަވެސް ޕާޓީ އޮފީހުގައި ގަސްތުގައި ބަޔަކު ރޯކޮށްލުމަށް މަސައްކަތްކުރީ ކަމަށް ޔަގީންކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފުލުހުން ބުނީ، ޕީއޭ އޮފީހުގައި އަލިފާން ރޯވިކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން އެ އޮފީހަށް ފުލުހުން ދިޔައިރު، އަލިފާން ނިންވާލާފައިވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށާއި، މިކަމުގެ ސަބަބުން އޮފީހުގެ ނަންބޯޑުގެ އިތުރުން އޮފީސް ދޮރަށް ކޮންމެވެސް ވަރަކަށް ގެއްލުން ވެފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.